theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޑޮލަރު ގަންނަން ބަޔަކު ބޭންކު ކައިރީ ކިޔު ހަދާފައި. / މިހާރު
ސިޔާސީ
ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ލިބޭނެ ގޮތަށް މަގު ފަހިކުރާނަން: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
15 އޮކްޓޯބަރު 2025
މާލެ ސިޓީ

ޑޮލަރު މާރުކުރަން މަޖްބޫރުކޮށް ހަދާފައިވާ ގާނޫނު އުވާލާ ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ލިބޭނެ ގޮތް އެމަނިކުފާނުގެ ވެރިކަމެއްގައި ހަމަޖައްސަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރިސޯޓު ބޯއިސްގެ ފަރާތުން އެމަނިކުފާނު އެ ގާނޫނާ މެދު ދެކިވަޑައިގަންނަވާ ގޮތާ މެދު ސުވާލެއް އަމާޒުކުރެއްވުމުން ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، އެމްއެމްއޭއަށް ޑޮލަރު މާރުކުރަން މަޖުބޫރުވާގޮތަށް ހަދާފައިވާ އުސޫލު ގާނޫނާ ހިލާފު ކަމަށާއި ވެރިކަން ކުރަން ފުރުސަތު ލިބިއްޖެނަމަ އެ އުސޫލު އުވާލައި ރިސޯޓް މުވައްޒަފުންނަށް ކުރިއެކޭ ވެސް އެއްގޮތަށް ޑޮލަރުން މުސާރަ ލިބޭގޮތަށް ބަދަލުކުރައްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މަނިކުފާނަކީ ވެސް ޖާދޫ ހަދާ ބޭފުޅެއް ނޫން ކަމަށާއި، އެކަންކަން ހައްލުކުރަން ވަގުތުކޮޅެއް ވެސް ބޭނުންވާނެ ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ރިސޯޓު މުވައްޒަފުން ބުރަ މަސައްކަތުން ހޯދާފަ ހުންނަ ފައިސާ ރައްޔިތުންގެ އަތުން މަޖުބޫރުކޮށްގެން އެހެން ދޭކަށް ނުބުނެވޭނެ ކަމަށާ އެހެންވެއްޖެ ނަމަ އެ މުވައްޒަފުން އަނބިދަރިންނަށް ހޯދާ ކޮންމެ ތިން ހެދުމަކުން ދެ ހެދުން ސަރުކާރަށް ދޭންވާނެއޭ ވެސް ބުނަންވާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ނުރުހުން ސަރުކާރަށް އަމާޒުކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ، އެއީ ރިސޯޓު މުވައްޒަފުންގެ މަސައްކަތުން ހޯދާ ޑޮލަރު ކަމަށާ އެ ޑޮލަރު ސަރުކާރުން ގަންނަން ބޭނުންވާނަމަ ސަރުކާރުން ވެސް ގަންނަން ޖެހޭނީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ރޭޓުން ކަމަށެވެ.

ރިސޯޓު މުވައްޒަފުން ވަރަށް މަސައްކަތްކޮށްގެން މި ސަރުކާރު ގެނައީ. އެކަމަކު ހަމަ ސީދާ އެ މުވައްޒަފުންގެ ކަރަށް ފައިން އަރައިގެން އެ ހުންނެވީ. ހަމަ ޑޮލަރުން ރިސޯޓުގައި އެ އުޅޭ ކުދިންނަށް މުސާރަ އާއި އެލަވަންސްއާ ދެން ވެސް އެ ދޭންޖެހޭ އެއްޗެއް ދޭގޮތަށް ބަދަލުކުރެވޭނެ، ބަދަލުކުރާނަން

- ރައީސް ޔާމީން

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، އެމްއެމްއޭއިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަސްތެރޭ ވަނީ ބޭރު ފައިސާއިން މުއާމަލާތް ކުރުމުގެ އާ ގާނޫނެއްގެ ދަށުން ބޭރު ފައިސާއާ ބެހޭ ހަރުކަށި ގަވައިދެއް އާންމުކޮށްފަ އެވެ. އަދި މަނީ ޗޭންޖިން ވިޔަފާރިއާބެހޭ ގަވާއިދެއް ވެސް އާންމުކުރިއެވެ.

އާ ގަވާއިދުގައިވާ ގޮތުން ބޭރު ފައިސާއިން ލިބޭ އާމްދަނީގެ ވަކި މިންވަރެއް، ވަކި މުއްދަތެއްގެ ތެރޭގައި މާރުކުރަން ޖެހޭނެ އެވެ. އަދި، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން، ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން އެ އޮތޯރިޓީން ކަނޑައަޅާ އަދަދަކަށް ބޭރު ފައިސާ ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ އުސޫލެއް ވެސް ނެރެފައިވެއެވެ.

މި ބަދަލާ އެކު ބައެއް ރިސޯޓުތަކުގެ މުވައްޒަފުންގެ މުސާރަ މިހާރު ދެނީ ރުފިޔާއިންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved