

ދިވެހި އެތައް ރައްޔިތަކަށް ލަނޑުދިން ހުސެއިން ޝިފާއު ސަލާމަތްކުރަން ސަރުކާރުން އުޅެފިއެވެ.
ޝިފާއުއަކީ ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ގޮތަށް، 23 ދައުވާއެއް އިއްވާފައިވާފައިވާ މީހެކެވެ.
އޭނާ ވަނީ އެތައް ބަޔަކަށް ލަނޑުދީ މިލިއަނުން ވައްކަންކޮށްފައެވެ. މި ސަރުކާރުން މިދިޔަ އަހަރުގެ ކުރީކޮޅު އެގްރިކަލްޗަރ މިނިސްޓްރީއަށް ސިޔާސީ މަގާމަކަށް ޝިފާއު އައްޔަންކޮށް ފަހުން މީޑިއާތަކުން އެކަން ރިޕޯޓުކުރުމުން މަގާމުން ވަކިކުރިއެވެ.
ފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް ޝިފާއުއަށް އަންނާނެއިރު، ޝިފާއުއާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދީ ޝަރީއަތް ނިމި ހުލާސާ ބަޔާން ހުށަހަޅާ ހިސާބުގައި އޮއްވައެވެ. ނަމަވެސް މި އެއްބަސްވުން ބަލައިނުގަންނަން ގާޒީ އަލީ ނަދީމް ވަނީ އިއްޔެ ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ނިންމަވައިފައެވެ.
ކޯޓަށް ހުށަހެޅި އިއުތިރާފު އެއްބަސްވުމުގައިވާ ގޮތުން ޝިފާއުގެ މައްޗަށް އުފުލި 23 ދައުވާގެ ތެރެއިން ހަތް ދައުވާއެއް ފިޔަވައި އެހެން ހުރިހާ ދައުވާއެއް އަނބުރާ ގެންދާނެއެވެ. އެއީ މަނީ ލޯންޑަރިންގެ ހުރިހާ ދައުވާއަކާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ހުރިހާ ދައުވާއެކެވެ.
ކުރިއަށް ގެންގޮސް ސާބިތުކުރުމަށް އެއްބަސްވެފައި އޮތީ އަދަބު ކުޑަކޮށް ހުރި، މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާއެކެވެ. މި ދައުވާތަކަށް ޝިފާއުގެ މައްޗަށް އަންނާނީ 88 ދުވަހަށް ޖަލަށްލުމާ އެކު 184،600ރ. އިން ޖޫރިމަނާކުރުމުގެ އަދަބެއް ކަމަށް ވަނީ އެއްބަސްވެފައެވެ.
ދައުވާ ލިބޭ މީހާ ބަންދުގައި ހުރި މުއްދަތު، ޖަލު ހުކުމުން އުނިކުރަން ޖެހޭތީ މި ހުކުމާ އެކު ޝިފާއު ސަލާމަތްވާނެއެވެ. އެއީ ހުކުމުގެ މުއްދަތު ކަމަށްވާ 88 ދުވަހަށް ވުރެ ގިނަ ދުވަހު ޝިފާއު ބަންދުގައި ހުރެފައި ވާތީއެވެ. އެހެންވެ ޖަލު ހުކުމް ތަންފީޒު ނުކޮށް ދައްކަންޖެހޭނީ 184،600ރ. ގެ ޖޫރިމަނާއެކެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ އިއުތިރާފުގެ އެއްބަސްވުން ބަލައި ނުގަތުމަށެވެ. ގާޒީ ވިދާޅުވީ މިއީ މި މައްސަލައިގައި ހިމެނޭ ކުށްތަކާއި ތަހުގީގު ރިޕޯޓުގައި ފުލުހުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމަކަށް ރިއާޔަތްކޮށްގެން ހަދާފައިވާ އެއްބަސްވުމެއް ނޫން ކަމަށެވެ.
ޝިފާއުގެ ފަރާތުން ގެއްލުންވި މީހުންނަށް އެ ގެއްލުންތަކުގެ ބަދަލު ލިބޭނެ ކަމުގެ ޔަގީން ކަމެއް ނުވަތަ ގެރެންޓީއެއް ވެސް އެއްބަސްވުމުގައިނެތް ކަމަށާއި އެހެންކަމުން އެއްބަސްވުން ޝަރީއަތަށް ބަލައިނުގަންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވެ މި މައްސަލަ މިހާރު ކުރިއަށްދާ ގޮތަށް ގެންގޮސް ހުލާސާ ބަޔާން ހުށަހަޅައި، މިހާރުވެސް ކުރިއަށްދާ ގޮތަށް ގެންގޮސް ޝަރީއަތް ނިންމާނެއެވެ.
ޝިފާއު، ފޭކް ޓީޓީ ދައްކައިގެން ރާއްޖެ އެތެރެކޮށް ވިޔަފާރިކުރަމުން ދިޔައީމ "ކިންގްޑަމް އޮފް ފުރުޓްސް" ނަމަކަށް ކިޔާ، މޭވާ އާއި ތަކުރާރީ ވިއްކާ ކުންފުންޏެއްގެ ނަމުގައެވެ. އޭނާގެ މައްޗަށް ދައުލަތުން ވަނީ އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާ، އާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާ އަދި މަނީ ލޯންޑްރިންގެ ކުށުގެ ހަތް ދައުވާ އުފުލައިފައެވެ.
އެ މައްސަލާގައި ހިމެނޭ ފައިސާގެ ޖުމުލަ އަދަދު 123،844.54 އެމެރިކާ ޑޮލަރަކަށް އަރަ އެވެ. އެއީ 1،909،682ރ. އެވެ. އެ ފައިސާ ދައުލަތަށް ނެގުމަށް ޕީޖީ އޮފީހުން ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވެ އެވެ.