March 20, 2026
Advertisement
ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް ޝަރީފް.--
ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް ޝަރީފް.-- / ޕީޖީ އޮފީސް

ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި 10 މީހަކަށް ދައުވާ ކުރަން ފޮނުވައިފި

Yana Shareef
ޔާނާ ޝަރީފް
Dec 16, 2025, 06:34 AM

ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

Advertisement

އެ މައްސަލައާ ގުޅިގެން 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދުނަސް އޭގެ ތެރެއިން ދައުވާ އުފުލާފައިވަނީ 10 މީހެއްގެ މައްޗަށެވެ.

އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ކުންފުނީގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)ގެ އިތުރުން ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރުހިންގަން އެކަމުގައި ބައިވެރިވެރިވުމުގެ ދައުވާ އެވެ.

ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލް އާއި އެމްޕީއެލްގެ ދެ މުވައްޒަފުން ކަމަށްވާ ހދ. ވައިކަރަދޫ ނޫރަލީގޭ، އަހުމަދު ޝަހީމާއި ހ. ރުމޭނިއާ، އަހުމަދު ފިރުސާންގެ މައްޗަށް ވެސް އުފުލީ ހަމަ އެ ދެ ދައުވާ އެވެ. އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ސ. ހިތަދޫ ޗާންދަނީގޭ ހުސައިން ސާމިހު އާއި ސިނގިރޭޓް ދެ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދުގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިންގުމުގެ ދައުވާ އެވެ.

ބަންގްލަދޭޝް މީހެއް ކަމަށްވާ މުހައްމަދު އަލަމިން މިއާ އާއި ކ. ތުލުސްދޫ، ލިންކް ހަސަން އަބްދުއްރަހުމާނުގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިންގުމަށް ބައިވެރިވުމުގެ ދައުވާ އެވެ. އެ މައްސަލާގައި ތުހުމަތު ކުރެވުނު ދަފްތަރު ނަންބަރު ރސ 1355، މުހައްމަދު ޝަރީފުގެ މައްޗަށް ދައުވާ ކުރެވޭ ވަރުގެ ހެކި ނެތުމުން އޭނާގެ މައްޗަށް ދައުވާ ކޮށްފައެއްނުވެ އެވެ.

ޕީޖީ އޮފީހުން އެދިގެން ދިގަލި އާއި އާއްޓޭ އާއި ހަސަން އަބްދުއްރަހުމާން ބަންދުން ވަނީ ބަންދުން ދުކޮށްލާފަ އެވެ. އެ މީހުން ދޫކޮށްލަން އެދުނު ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނީ ކުށް ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިނުވުމެވެ. ވަގަށް ނެގި ސިނގިރޭޓްތައް އަދިވެސް ފެނިފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved