

ދެމެހެއްޓެނިވި ގޮތެއްގައި ސިއްހީ ނިޒާމް ތަރައްގީކުރުމަށް މީހުން ބިނާ ކުރުމުގެ މަސައްކަތުގެ ނަތީޖާ ފެންނަމުންދާތީ އުފާވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ދިވެހިރާއްޖޭގައި ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ދިވެހި ދަރިވަރުންގެ ބެޗު އިންޓާންޝިޕް ފުރިހަމަކުރުމަށް ފަހު، ޚިދުމަތަށް ނުކުންނަން ތައްޔާރުވެފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ އިއުލާންކޮށްފައެވެ.
މިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ ގައުމީ ޚިދުމަތަށް އަލަށް ގުޅުނު ދިވެހި ޑޮކްޓަރުންނަށް މަރުޙަބާ ދަންނަވާފައެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ސިއްޙީ ނިޒާމް ހަރުދަނާ ކޮށް ތަރައްޤީ ކުރުމަށްޓަކައި، މީހުން ބިނާކުރުމަށް ފެށުނު މަސައްކަތުގެ ނަތީޖާ ފެންނަމުންދާތީ މިއަދު އުފާވޭ. ޤައުމީ ޚިދުމަތާ އަލަށް ގުޅުނު ދިވެހި ޑޮކްޓަރުންނަށް، ފަޚުރުވެރިކަމާއެކު މަރުޙަބާ އާއި ތަހުނިޔާ ދަންނަވަން. pic.twitter.com/4ftSuwNEqH
— Abdulla Yameen (@prz_ymn) October 17, 2025
ރައީސް ޔާމީންގެ ޒައާމަތުގައި ސިއްހީ ދާއިރާ ހަރުދަނާ ގޮތެއްގައި ތަރައްގީ ކުރުމުގެ ގޮތުން އެމަނިކުފާނުގެ ޒައާމަތުގައި ފެއްޓެވި މި ޕްރޮގްރާމްވެގެން ދިޔައީ ދިވެހިރާއްޖޭގެ ސަރުކާރުން ޚަރަދުކޮށްގެން ދިވެހި ދަރީން ތަމްރީން ކުރުމަށް ފެއްޓެވި މުހިއްމު މަޝްރޫއެކެވެ.
ސްކޫލް އޮފް މެޑިސިން ރާއްޖޭގައި ގާއިމްކުރަން ހުއްދަ ދިނީ 2017 ވަނަ އަހަރެވެ. އެ ތަނުގައި ކިޔަވައިދޭން ފެށީ 2019ވަނަ އަހަރެވެ. ރާއްޖޭގައި މެޑިސިން ކިޔަވައިދެނީ މެލޭޝިއާގެ ޤައުމީ ޔުނިވާސިޓީ، ކެބަންސާން މެލޭޝިއާ (ޔޫކޭއެމް)ގައި ކިޔަވައިދޭ ކަރިކިއުލަމަށެވެ.
ސްކޫލު އޮފް މެޑިސިންއިން ކިޔަވާ ދަރިވަރުންނަށް ޚާއްސަކޮށް ދަރުމަވަންތަ ހޮސްޕިޓަލުގެ އެއް ފަންގިފިލާވެސް ރައީސް ޔާމީން ވަނީ ފަރުމާ ކޮށްދެއްވާފައެވެ.
އަލަށް ސިއްހީ ދާއިރާއަށް ނުކުންނަ ޑޮކްޓަރުންނަކީ ބަލިމީހުންނަށް ފަރުވާ ދިނުމުގައި އާއި، އިމްޖެންސީ ހާލަތުގައި ނަމޫނާ ދައްކާނެ ޑޮކްޓަރުން ތަކެއް ކަަމަށާއި އަދި ރާއްޖޭގައި ޚިދުމަތްކުރުމަށް ދެމިތިބޭނެ ޑޮކްޓަރުންނަށް ވާނެ ކަަމަށް އުއްމީދުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.