ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) ދާއިމީ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީއިން ހުޅުވާލައިފިއެވެ.
އެ ޕާޓީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި މަހުގެ 30 ވަނަ ދުވަހު ޕީއެންއެފްގެ ގައުމީ ޖަލްސާ ބާއްވަން ނިންމާފާއިރު، ޕާޓީގެ ދާއިމީ މަގާމުތަކަށާ އަދި ދާއިމީ ސެނެޓަށް މީހުން އިންތިޚާބު ކުރުން އޮންނާނެ ކަމަށެވެ.
އެހެންކަމުން އެ ޕާޓީގެ ދާއިމީ މަގާމުތަކަށާ އަދި ސެނެޓަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން 23 އޮކްޓޯބަރު 2025 ވަނަ ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން އެކަމަށް އެދޭ ފޯމު ފުރުމަށް ފަހު ޕާޓީ އޮފީހަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
ކުރިމަތިލުމަށް ހުށަހަޅާފައިޥާ މަގާމުތަކަކީ، ޕާޓީގެ ރައީސް ކަމަށާ، ދެ ނައިބު ރައީސުންގެ މަގާމާ، ސެކެރެޓަރީ ޖެނެރަލްގެ މަގާމާ ޕާޓީގެ ޓްރެޝަރާ އިތުރުން ޕާޓީގެ ރެޖިސްޓްރާ މަގާމާ އަދި 14 ސެނެޓަރުންގެ މަގާމެވެ.
މިއިން ކޮންމެ މަގާމަކަށް ވެސް ކުރިމަތިލައްވަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހުޅުވާލެވިފައިވާ ފުރުސަތުގައި ޕާޓީގެ އޮފީހުން ދޫކުރާ ފޯމު ފުރުމަށްފަހު ހުށަހެޅުމަށް ޕީއެންއެފުންވަނީ އެދިފައެވެ.