

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އަހަރުގެ މާޗު 28، ގައި ބާއްވަން ނިންމައި، އިންތިހާބަށް ކުރިމަތިލާން އަންނަ އަހަރުގެ ޖެނުއަރީ 17، ގައި ހުޅުވައިލާނެ ކަމަށް ހާމަކޮށްފިއެވެ.
ދައުލަތުގެ މީީޑިޔާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު، ޕްލޭންކޮށްފައި އޮތް ތާރީހުތަކުގައި ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އެގޮތުން އަންނަ އަހަރުގެ މާޗް މަހުގެ 28 ގައި ކައުންސިލު އިންތިހާބު ބާއްވަން ރާވާފައިވާއިރު އަންނަ ޖެނުއަރީ 17ގައި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ވެސް އެ ދުވަހު ބާއްވަން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑުމެން ކެންޑިޑެންސީއަށް ހުޅުވާލަން ރާވާފައި އޮތީ 17 ޖެނުއަރީގައި. އަޅުގަނޑު ހަނދާންވަނީ 17 ޖެނުއަރީގައޭ އަޅުގަނޑުމެން ކެންޑިޑެންސީއަށް ހުޅުވާލާނީ. މި އެއްޗިއްސަކީ އަޅުގަނޑުމެން ތާވަލު ކުރެވިފައި އޮތްގޮތަށް ބަލާއިރު މި ދެ ތާރީހު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެގޮތަށް އެކަން ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދާނަން
ކައުންސިލް އިންތިހާބަށް އެންމެ މަދުވެގެން 70 އާއި 80 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ހަރަދު ހިނގާނެ ކަމަށެވެ. ހަރަދު ކުޑަ ކުރުމަށް މުސްތަގުބަލުގައި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ޒާހިދު ވިދާޅުވިއެވެ.
މިފަހަރުގެ އިންތިހާބުގެ ހަރަދުކުޑަކުރުމަށް ވީހާ ވެސް ބޮޑަށް އަމާޒުކޮށްފައިވާތީ މިފަހަރުގެ އިންތިޚާބުގައި ފުރަތަަމަ ފަހަރަށް ޑިޖިޓަލްކޮށް، އީސީގެ ޕޯޓަލް މެދުވެރިކޮށް ކެންޑިޑެސީ ހުށަހެޅުމަށް ހަމަޖެހިފައިވާކަން ޒާހިދު ފާހަގަކުރެއްވިއެވެ.
ކައުންސިލް އިންތިހާބަށް މާސްޓާ ޕްލޭނެއް ހަދައިގެން ވޯޓުލުމަށް ބާރުއެޅުމުގެ ގޮތުން 12 އަތޮޅެއްގެ ބޮޑެތި އާބާދީ ހިމެނޭ ގޮތަށް 36 ރަށެއްގައި ހޭލުންތެރިކަން އިތުރު ކުރުމަށް ޕްރޮގްރާމެއް އަންނަ ނޮވެމްބަރު މަހުގެ ފަހުކޮޅު އަދި ޑިސެމްބަރު މަހުގެ ތެރޭގައި ހިންގާނެ ކަމަށް ވެސް ޒާހިދު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލު އިންތިހާބު ބާއްވާއިރުގައި ފަސް މަހާއި ތިން މަހާ ދޭތެރޭގެ މުއްދަތުގައި ކޮންމެ ރަށެއްގެ އާބާދީއަކީ ކޮބާތޯ ބެލުމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
އެހެންވެ މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު ދިރިއުޅޭ މީހުންގެ އާބާދީ ވަކިވަކިން އިއުލާންކުރުމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާނެ ކަމަށް ޒާހިދު ވިދާޅުވިއެވެ.