theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އައްޑޫ ބައިބައި ކުރާ ވޯޓު ގާނޫނާ ޚިލާފު: ކުރީގެ އުއްތަމަ ފަނޑިޔާރު / ސޯޝަލް މީޑިއާ
ހަބަރު
އައްޑޫ ބައިބައި ކުރާ ވޯޓު ގާނޫނާ ޚިލާފު: ކުރީގެ އުއްތަމަ ފަނޑިޔާރު
Mariyam Isaadha
މަރިޔަމް އިސާދާ
24 އޮކްޓޯބަރު 2025
މާލެ ސިޓީ

އައްޑޫގެ ބައެއް ރަށްތަކުގައި ވަކި ކައުންސިލެއް ގާއިމްކުރަން ފެނޭތޯ ބެލުމަށް އަންނަ ހޮނިހިރު ދުވަހު ނަގާ ވޯޓަކީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފަށް ނަގާ ވޯޓެއް ކަމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު އަބްދުالله ދީދީ ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ފޭދުއާއި މީދުއާއި ހުޅުދޫގައި ވަކިވަކި ކައުންސިލްތައް އުފެއްދުމާ ގުޅޭގޮތުން އަންނަ ހޮނިހިރު ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ރ އަހުމަދު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ވޯޓަކީ ގާނޫނުއަސާސީގެ 115ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، އެ މާއްދާގެ (ޏ)ގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ނަގާ ވޯޓެއްގެ ގޮތުގައި ޑރ އަހުމަދު ވަނީ ފާހަގަކުރައްވާފައެވެ.

ގާނޫނުއަސާސީގެ 115ވަނަ މާއްދާގެ (ޏ)ގައިވާ ގޮތުން، ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަ ގޮތް ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދެއެވެ. އެހެންކަމުން ގާނޫނުއަސާސީއަށް އިޝާރާތްކުރައްވައި ދީދީ ލިޔުއްވިގޮތުގައި، ގައުމީ މުހިންމު މައްސަލަތަކަކީ ކޮބައިކަން ތަރުޖަމާކުރަން ވާނީ ސައްހަ މިންގަނޑެއްގެ މައްޗަށް ބިނާކޮށެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި ގައުމީ މުހިންމު މައްސަލަތަކުގެ ގޮތުގައި ހިމެނެނީ ދައުލަތުގެ ސިޔާދަތާއި، ގައުމީ ސަލާމަތާއި، ޚާރިޖީ ސިޔާސަތާއި ދުސްތޫރީ ބޮޑެތި ބަދަލުތަކާއި އިސްލާހުތައް ފަދަ މައްސަލަތަކެވެ.

އެހެންކަމުން މުޅި ދައުލަތް އޭގައި ޝާމިލުނުވާ ވަކި އިދާރީ ދާއިރާއަކާ ގުޅިފައިވާ އިދާރީ މައްސަލަތަކަކީ ގައުމީ މުހިއްމު މައްސަލައެއްކަމަށް ބަލައި، އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި ނަގާ ވޯޓަކީ ޣައިރު ދުސްތޫރީ ބާރުގެ ބޭނުންކޮށްގެން ނަގާ ވޯޓެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންކަމުން އައްޑޫގައި ޚިޔާލު ހޯދުމުގެ ވޯޓު ނަގާ ގޮތަށް ރައީސް ނެރުއްވި ގަރާރުތަކަކީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ދުސްތޫރީ ބާރުގެ އިމުން ބޭރުން ނެރުއްވި ގަރާރުތަކެއް ކަމަށް ބެލެވޭތީ އެ ގަރާރުތައް ކަމާބެހޭ މުސްތަގިއްލު ކޯޓުން ބަލައި ބާތިލްކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ދީދީ ލިޔުއްވާފައިވެއެވެ.

އިތުރަށް ފާހަގަކުރެއްވީ، ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ގާނޫނުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން އިދާރީ ދާއިރާތަކާއި، މަގާމުތަކާއި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އުފެއްދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާ ކަމެވެ. އަދި، ރާއްޖޭގައި ލާމަރުކަޒީ ދާއިރާތައް ކަނޑައެޅުމާއި އެ ދާއިރާތައް ހިންގަން ކައުންސިލްތައް އުފައްދަންވާނީ ގާނޫނުއަސާސީއާއި ގާނޫނުގައި ވާގޮތުގެ މަތިންކަން އެނގެން އެބައޮތް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

އައްޑުއަތޮޅަކީ ސިޓީއެއް ކަމަށް މީލާދީން 2011 ވަނަ އަހަރު އިއުލާންކުރެވުމަށް ފަހު އައްޑޫސިޓީ ލާމަރުކަޒީ އުސޫލުން ހިންގުމަށް ސިޓީ ކައުންސިލެއް އުފެދިގެން ދިއުމުން، އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސާސް އެ ސިޓީގައި ޝާމިލްވާ އެންމެހައި އިދާރީ ޔުނިޓްތަކުގެ މައްޗަށް ހިނގަންޖެހޭނެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ." އަހްމަދު އެކްސްގައި ލިޔުއްވާފައިވެއެވެ.

"އެހެންކަމުން، އައްޑޫ ސިޓީއަށް ނިސްބަތްވާ ވަކި ޔުނިޓަކަށް އައްޑޫ ސިޓީ ކައުންސިލްގެ އިޚްތިސާސުން ބޭރުވެ، ވަކި ކައުންސިލެއް އުފެއްދުމުގެ ބާރު ދުސްތޫރީގޮތުންނާއި ގާނޫނީ ގޮތުން ލިބިގެން ނުވެއެވެ."

އެމަނިކުފާނު ވިދާޅުވީ ރައީސްގެ ގަރާރުގައި ފާހަގަކޮށްފައިވާ، ފޭދުއާއި މީދުއާއި ހުޅުދޫގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް، ގާނޫނުއަސާސީއާއި ގާނޫނުގެ ތެރެއިން، އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސޯސަށް އޭގެ އަސަރު ނުކުރާނެ ފަދަ ގޮތަކަށް ދުސްތޫރީ އަދި އިދާރީ ހައްލުތައް ހޯދައިދެވިދާނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved