ބުނި ތާރިހަށްވުރެ ލަސްވުމުން, ޓެކްސީ ލައިންގެ ޚިދުމަތް ދެން ފަށާނީ އަންނަ ޖެނުއަރީގައިކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްްޖެއެވެ.
އަމީން މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އަމީން ވިދާޅުވީ ރާއްޖެއިން ގެންނަން ނިންމާފައިވަނީ އިލެކްޓްރޯނިކް (އީވީ) ކާރުތަކަކަށްވުމާއެކު، އެ އުޅަނދުތައް ރާއްޖޭގެ މާޙައުލާ ބީރައްޓެހި ގޮތަކަށް ފަރުމާކޮށް ގެނެސްފިނަމަ ގިނަ މައްސަލަތަކެއް ކުރިމަތިވާނެކަން އެ ކާރުތައް އުފައްދާ ކުންފުނިންވެސް ފާހަގަކޮށްފަވާކަމަށެވެ.
މި ކާރުތައް ދުއްވަނީ މޫދާ ކައިރި މާޙައުލަކަށްވުމާއެކު، ލޮނުގެ އަސަރު ކުޑަވާނެގޮތަށް ކާރުތަކަށް ބައެއް މޮޑިފިކޭޝަންތައް ނުވަތަ ބަދަލުތައް ގެންނަންޖެހޭކަމަށް އަމީން ވިދާޅުވިއެވެ.
އަމީން މިފަދައިން ވިދާޅުވި ނަމަވެސް ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި އަމީން ދެއްކެވީ ބަހަނާއެވެ.
ޓެކްސީ ހިދުމަތް ފެށުމަށް ސަރުކާރުން ނިންމީ މި އަހަރުގެ އޮގަސްޓު މަހުގައެވެ. ނަމަވެސް ބުނި ތާރީހު ފަހަނައަޅައި ދިޔައިރުވެސް އަމިއްލަ ވިޔަފާރިތަކަށަް ގޮންޖަހާފައި ސަރުކާރުން ގެންނަން އުޅޭ ޓެކްސީތައް ގެނެވިފައި ނުވެއެވެ.
ސަރުކާރުން ޓެކްސީ ވިޔަފާރިގެ ތެރެއަށް ވަންނަން އުޅޭތީ ގިނަ ޓެކްސީ ޑްރައިވަރުން ވަނީ ކަންބޮޑުން ވެސް ފާޅުކޮށްފައެވެ.