

މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ގިނަ ބަޔަކު މަގާމުން ވަކި ކުރުމަށް ގޮވާމުންދާ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ހާޒިރު ކުރަން އެ އިދާރާއިން ނިންމައިފިއެވެ.
މިނިސްޓަރު އަމީން ހާޒިރު ކުރަނީ އޭނާއާ ސުވާލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވާފައިވާތީއެވެ. އެގޮތުން މާދަމާގެ އެޖެންޑާގައި އެންމެ ފުރަތަމަ އޮތީ މިނިސްޓަރު އަމީންއާ ސުވާލު ކުރުންކަން ފާހަގަ ކުރެވެއެވެ.
މިނިސްޓަރު އަމީން މަޖިލީހަށް ހާޒިރު ކުރަން ނިންމައިފައިވަނީ އޭނާގެ އިސްތިއުފާއަށް އެތައް ބަޔަކު ދަނީ ގޮވަމުންދާ ދަނޑިވަޅެއްގައެވެ.
އެއީ މާލޭގެ އުސް އިމާރާތެއްގެ މަތިން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ އާއި ގުޅިގެންނެވެ.
އޭޕްރީލް 18 ވަނަ ދުވަހު ޔުމްނު ވެއްޓުމުގެ ކުރިން އޭނާ ވަނީ މިނިސްޓަރު އަމީންގެ ގެއަށް އިތުރު ބަޔަކާއެކު ގޮސްފައެވެ. ޔުމްނުއާއެކު އެ ދުވަހު އުޅުނު އަށް މީހުންގެ ތެރޭގައި މިނިސްޓަރު އަމީންގެ ތިމާގެ ދެ މީހަކު ހިމެނެ އެވެ.
އެކަމާއި ގުޅިގެން މިނިސްޓަރު އަމީންގެ ގޭގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާގެ ރިކޯޑިން ދޭން އެ ގޭގެ ވެރި ފަރާތުން ވަނީ ދެކޮޅު ހަދައިފައެވެ.
އެގޮތުން އެ ގޭގެ ވެރި ފަރާތްތަކުން ބުނެފައި ވަނީ ސީސީޓީވީ ހުރީ ހަލާކުވެފައި ކަމަށް ވީ ނަމަވެސް ވީޑިއޯ ރެކޯޑުވާ ސިސްޓަމް ވެސް ފުލުހުންނާ ހަވާލު ކުރަން ގޭގެ ވެރި ފަރާތްތަކުން ދެކޮޅު ހެދި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓު ކުރިކަން ފާހަގަ ކުރެވެއެވެ.
އަދި އެ މައްސަލައިގައި މިނިސްޓަރު އަމީންގެ ގެ ބަލައި ފާސް ކުރުން ލަސްކޮށް ހެކި ނައްތާލަން ފުރުސަތު ދިނުމަށްފަހު އެ ގެ ބަލައި ފާސްކޮށް، މައްސަލައާ ގުޅުން ހުރި އެއްޗެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު މި މައްސަލައިގައި ޕްރެސް ދެއްވި ވަގުތު މިނިސްޓަރު އަމީން ގުޅާ ކަމަށް އެ ޕްރެސްގައި ބައިވެރިވި އޮފިސަރަކު ބުނާ އަޑުވެސް ރެކޯޑިންގ އަށް އެރައިފައިވެއެވެ.
އެހެންކަމުން ގިނަ ބަޔަކު ގަބޫލު ކުރަނީ މި މައްސަލައަށް މިނިސްޓަރު އަމީން ނުފޫޒު ފޯރުވާކަމަށެވެ.