

އުސް އިމާރާތަކުން ވެއްޓުނުކަމަށް ބުނާ ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ އާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިިފިއެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅިކަން އިދިކޮޅު މައި ޕާޓީ އެމްޑީޕީން އިއުލާނުކުރީ އެ ޕާޓީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ލީޑަރު އިބްރާހިމް ނާޒިލެވެ.
ނާޒިލް ބުނީ މިގޮތަށް ނިންމީ ޒުވާނުން ކުރަމުންދާ މުޒާހަރާތަކާއި ނޫސްވެރިންގެ ގެނެސްދޭ ވާހަކަތައް އަދި އިތުރަށް ޕާޓީން ހޯދި މައުލޫމާތުތަކަށް ބެލުމަށްފަހު ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް އަމީން ނުފޫޒު ފޯރުވާ ކަމަށް ޒުވާނުން، އަދި ސޯޝަލް މީޑިއާގައި ވެސް ތުހުމަތުކުރަމުންދެއެވެ.
މި މައްސަލަ ހުށަހެޅި ސަބަބުތަކާމެދު ވާހަކަދައްކަވަމުން ޔުމްނު ނިސްބަތްވާ ގަލޮޅު ދެކުނު މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ، މި މައްސަލައާ ގުޅިގެން އަމީން ދިރިއުޅުއްވާ މއ. މާންދޫގެ ދެކުނުގެ އިމާރާތައް ފުލުހުން ވަންނަމުން ދަނިކޮށް ފުލުހުންގެ އިސްވެރިންނަށް ގުޅުމާއި އެ ގޭގެ ކެމެރާތައް ހަލާކުވެފައިވާ ކަމަށް ބުނެ ސެކުއިރިޓީ ފުޓޭޖު ނުދިނުން ހިމެނޭ ކަމަށެވެ.
މި މައްސަލައިގައި އޭނާ ވެއްޓުމުގެ ކުރިން އެ ރޭ އޭނާއާ އެކު އުޅުނު މީހުންގެ ޕާސްޕޯޓް ހިފަހައްޓައި ފުލުހުން ގެންދަނީ ތަހުގީގު ހިންގަމުންކަން ފާހަގަކޮށްލެވެއެވެ.
އެއީ ރައުދު އަހުމަދު ޒިލާލް، އައިޝަތު ލަޔާލީ އިގުބާލް، އިޒްދިޔާން މުހައްމަދު މައުމޫން، ޔޫސުފް އަހްމަދު އަކްރަމް، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، އާމިނަތު ޖުނައިދާ ޖަމްޝީދު، ހުސައިން ހަމީސް އަލީގެ އިތުރުން އިޖާޒު ޖާއިޒެވެ.