

ހައްވާ ޔުމްނު ރަޝީދު އިމާރާތަކުން ވެއްޓުމުގެ މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ސަސްޕެންޑުކުރަންޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގައި ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު މައްސަލަ ހޫނު ވެފައިވަނިކޮށް މި ހާދިސާ ހިނގުމުގެ ކުރިން، އެރޭ ޔުމްނުއާ އެކު އުޅުނު ހަތް މީހުން އެންމެ ފުރަތަމަ ގޮސްފައިވަނީ މއ. މާންދޫގޭދެކުނުގެއަށެވެ. މިއީ މިނިސްޓަރު އަމީނުގެ ވެސް ގެކޮޅެވެ. ޔުމްނުއާ އެކު އެރޭ އުޅުނު މީހުންގެ ތެރޭގައި އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ވެސް ހިމެނެ އެވެ.
އެ ހާދިސާގެ ތަހުގީގު "ނުފޫޒެއް"ގެ ތެރެއިން ވަކި ގޮތަކަށް ބަދަލުކުރާ ކަމަށް ބުނެ، ޒުވާނުން އަންނަނީ ޒުވާނާގެ ހައްގުގައި އިހުތިޖާޖުކުރަމުންނެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރު އާންމުކޮށް، އެ މީހުންގެ ޕާސްޕޯޓު ވެސް ފުލުހުން ހިފެހެއްޓީ މައްސަލައަށް ހަ ދުވަސްވީ ފަހުން އިއްޔެއެވެ. ހާދިސާ ހިނގިއިރު ޔުމްނު ގާތުގައި ހުރި ރައުދު އަހުމަދު ޛިލާލް ވެސް އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް އޮފީހުގައި މަސައްކަތް ކުރަމުންދާ ދާއޫދު ވެސް ސަސްޕެންޑް ކުރުމުގެ ބަދަލުގައި ވަކިކުރަންޖެހޭ ކަމަށާއި އަދި މިނިސްޓަރު އަމީން ވެސް މަގާމުން ވަކިކުރަންޖެހޭ ކަމަށެވެ.
އަޅުގަނޑު މި އުންމީދުކުރަނީ [ރައީސް ޑރ. މުހައްމަދު] މުއިއްޒު ރަނގަޅަށް މި ކަން ކުރައްވަންޏާ އަމީން ސަސްޕެންޑުކުރަން ޖެހޭނެ
ރައީސް ޔާމީން ވިދާޅުވީ ތަހުގީގަށް ހުރަސްއަޅަން އަމީން ބޭނުން ނުވާނަމަ ކޮމިޝަނާ އޮފް ޕޮލިސް އަށް ގުޅައިގެން ކުރަންޖެހޭ ކަމެއް ނެތް ކަމަށެވެ. އަދި މި ހާދިސާގައި ފުލުހުން ވެސް ފުރަތަމަ ކުށްވެރި ކުރަން އުޅުނީ އެ އަންހެން ކުއްޖާ ކަމަށާއި ފުލުހުން މިހާރު މަތިޖެހުމުގެ ބޭނުމުގައި ތަފާތު އެކި ވާހަކަތައް ދައްކަމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ޒުވާނާގެ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތައް އޭނާ ވަނީ ދޮގު ކުރައްވައިފަ އެވެ.
ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ވަނީ ފެނިފަ އެވެ. އެއާއެކު، އަމީންގެ ގޭގައި "ޕާޓީއެއް" ބޭއްވި ކަމަށާއި އެ މައްސަލައިގައި ބައިވެރިވާ ކަމަށް ތުހުމަތުކުރާ އޭނާގެ ދެ ކޮއްކޮއެއްގެ މައްސަލަ ތަހުގީގު ކުރުމަށް އޭނާ ހުރަސްއަޅާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
އެ ވާހަކަތައް ދޮގުކޮށް، ސޯޝަލް މީޑިއާގައި މިނިސްޓަރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ފަތިހު ވަގުތެއްގައި އޭނާ ވެސް ދިރިއުޅުއްވާ އިމާރާތުގައި ބަޔަކު އެއްވުމެއް ބޭއްވި ކަމަށެވެ. އެއީ އޭނާގެ އަމިއްލަ ތަނެއް ނޫން ކަމަށާއި އެ އިމާރާތުގެ ރަޖިސްޓްރީ އޮތީ އޭނާގެ އިތުރުން އެއްބަނޑު އެއްބަފާ ތިން މީހުންގެ ނަމުގައި ކަމަށް އަމީން ވިދާޅުވި އެވެ.
އެ ހާދިސާ ހިނގީ އޭނާގެ ބާރު ހިނގާ ތަނެއްގައި ނޫން ކަމަށާއި އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އެނގިވަޑައިގަތީ ވެސް އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭނާ ދިރިއުޅުއްވާ އަމިއްލަ އެޕާޓްމަންޓުން ބޭރުގައި ހިނގާ ކަންކަން އޭނާއަށް ކޮންޓްރޯލެއް ނުކުރެވޭނެ އެވެ.
ހ. ފެންޓޯނިއާގޭގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓުން، ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ވެއްޓި އެ ޒުވާނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފަ އެވެ. އޭނާއަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ ނަމަވެސް، އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.