 
             
        
     
             
                        ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ދަޢުވާތަކުގެޝަރީޢަތުގެ ކަވަރޭޖް މިނޫހުން ގެނެސްދެމުން ގޮސްފައިވާ ގޮތަށް ބަލާއިރު، ޝަރީޢަތްތަކަށް ރައީސް ޔާމީންގެ ފަރާތުން ޤަވާއިދުން ހާޟިރުވަމުން ގޮސްފައިވާކަމާމެދު ސުވާލެއް ނެތެވެ.
ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުންތަކުގެ ތެރެއިން 27 އޮކްޓޯބަރ 2025 އަށް ތާވަލުކުރެވިފައިވާ އަޑުއެހުމަށް ހާޟިރުވެފައި ނުވާކަމަށް، ބައެއް މީޑިއާ އައުޓްލެޓްތަކުން ޚަބަރު ގެނެސްދީފައިވާތީ، ކަމުގެ ޙަޤީޤަތް މިނޫހުގެ ފަރާތުން ކަށަވަރުކޮށްފައިވާނެއެވެ.
މިއަދު ވީ ކިހިނެތް؟
ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުމެއް 26 އޮކްޓޯބަރ 2025 އަށް ތާވަލުކުރެވުނެވެ. މި އަޑުއެހުމަކީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމަށާއި، ޚުލާޞާކޮށް ވާހަކަ ދެއްކުމަށް ތާވަލުކުރެވުނު އަޑުއެހުމެކެވެ. މި އަޑުއެހުން ތާވަލުކޮށްފައިވަނިކޮށް، 16 އޮކްޓޯބަރ 2025 ގައި، ތިލަދުންމަތީ އުތުރުބުރީ ކައުންސިލްއިން، "ހއ. އަތޮޅު ދުވަސް" ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ޔާމީން އަށް ދަޢުވަތު ދެއްވިއެވެ.
މިއީ، ހއ. އަތޮޅަށް އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތަކަށް އެވޯޑް ދިނުމުގެ ގޮތުން، އަތޮޅު ކައުންސިލުން ބޭއްވުމަށް ގަސްދުކޮށްފައިވާ ރަސްމިއްޔާތެކެވެ. ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ، 27 އޮކްޓޯބަރު 2025 ހާއި، 01 ނޮވެމްބަރު 2025 އާ ދެމެދުގެ ތާރީޚެއްގައި ކަމަށް، ރައީސް ޔާމީންއަށް ފޮނުވާފައިވާ ދަޢުވަތުގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން 26 އޮކްޓޯބަރު 2025 އަށް އަޑުއެހުމެއް ތާވަލުކުރެވިފައިވުމާއެކު، ޝަރީޢަތުގައި ބައިވެރިވުމަށްފަހު، 27 އޮކްޓޯބަރު 2025 ގައި ފުރައިގެން ދިއުމުގައި ހުރަހެއް ނެތްކަމަށް ފެނުނު ހިނދު، އެގޮތުގެ މައްޗަށް، 20 އޮކްޓޯބަރ 2025 ގައި ރައީސް ޔާމީން ވައިގެ މަގުން ހދ. ހަނިމާދޫއަށް ދިއުމަށް، ޓިކެޓް ނަގާފައިވެއެވެ.
26 އޮކްޓޯބަރ 2025 އަށް ތާވަލުކުރެވިފައިވާ އަޑުއެހުން، 23 އޮކްޓޯބަރ 2025 ގައި ޝަރީޢަތުން ކެންސަލްކުރިއެވެ. ހަމަ އެތާރީޚުގައި 27، 28 އަދި 29 އޮކްޓޯބަރު 2025 ގައި ރަސްމީ ދަތުރެއްގައި ރައީސް ޔާމީން ރަށުން ބޭރަށް ދާންޖެހޭކަން ކޯޓުގެ ސަމާލުކަމަށް ގެނެސް، އެދުވަސްތަކުގައި، އިތުރު އަޑުއެހުމެއް ތާވަލު ނުކުރުމަށް ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ކޯޓުގައި އެދިފައިވެއެވެ.
27 އޮކްޓޯބަރ 2025 ގެ 14:30 އަށް ޝަރީޢަތުން ކޯޓު އަމުރު ފޮނުވާފައިވަނީ، 25 އޮކްޓޯބަރ 2025 ގައިކަން، މިނޫހަށް ކަށަވަރުކުރެވިފައިވެއެވެ.
ރައީސް ޔާމީން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީވެސް އެގަޑީގައެވެ. ކޯޓު އަމުރު ލިބުމާއެކު، އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެދި، ވަކީލުންގެ ފަރާތުން، ލިބިފައިވާ ދަޢުވަތާއި، ނަގާފައިވާ ޓިކެޓްގެ ކޮޕީއާއެކު، އެކަން ކްރިމިނަލް ކޯޓުގެ ސަމާލުކަމަށް ގެނެސްފައިވެއެވެ. އެހެނަސް އަޑުއެހުން ކެންސަލް ކޮށްދެވެން ނެތްކަމަށާއި، ކަނޑައެޅިފައިވާ ގަޑީގައި، އަޑުއެހުން އޮންނާނެކަމަށް ކޯޓުން އަންގާފައިވެއެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ 03 ވަކީލުންގެ ތެރެއިން އެއް ވަކީލެއް، އާލާސްކަންފުޅާ އުޅުއްވާތީއާއި، އެއް ވަކީލެއްގެ އިތުރު ކޮމިޓްމަންޓްތަކެއް ހުރުމުގެ ސަބަބުން، މިއަދުގެ އަޑުއެހުމަށް ހާޟިރުވެވެން ނެތްކަން ކޯޓަށް އަންގައި، ކޯޓުގެ ހުއްދަ ހޯދާފައިވާކަމަށާއި، އެހެންކަމުން، މިއަދު ކޯޓަށް ހާޟިރުވުމަށް ހަމަޖެހިފައިވަނީ، ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ، ޤާނޫނީ ވަކީލު އަލްއުސްތާޛް ޙަމްޒާ ލަޠީފްކަން މި ނޫހަށް ހޯދިފައިވެއެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ތެރެއިން ކޯޓަށް ހާޟިރުވެވޭގޮތަށް ހުރީ ޤާނޫނީ ވަކީލު އަލްއުސްތާޛް ޙަމްޒާ ލަޠީފްކަމަށްވާއިރު، އެފަރާތުން، ކްރިމިނަލް ކޯޓުގައި އޮތް ހެކިބަހާމެދު ވާހަކަ ދެއްކުމުގެ ޝަރީޢަތެއްގައި ބައިވެރިވާންޖެހިފައި އޮތުމުން، އެ އައަޑުއެހުން، މި އަދުގެ 16:00 އަށް ދިގު ދެމިގެންދާނެކަމަށް ބެލެވޭކަމަށް، މިނޫހުން ވާހަކަ ދެއްކި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ނުހިމެނޭ އެހެން ވަކީލެއް ލަފާކޮށްފައިވެއެވެ.
ކޯޓު އަޑުއެހުމަށް ތާވަލުކުރެވިފައިވާ ގަޑީގައި ރައީސް ޔާމީން ފުރާވަޑައިގެންފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބު ސާފުކުރުމުގެ ގޮތުން ރައީސް ޔާމީންގެ ޝަރީޢަތްތައް ދިރާސާކުރާ އިސްވެ ބަޔާންކުރި ޤާނޫނީ ވަކީލުގެ ވިސްނުމަކީ ކޮބައިކަން ސާފުކުރުމުން، ނޫހުގައި ނަން ނުޖެހުމަށް ޝަރުޠުކޮށް އެފަރާތުން، ބަޔާންކޮށްފައިވަނީ، ޓައިމްލައިން ހުރި ގޮތުން، ރައީސް ޔާމީންއަށް ހަނިމާދޫގައި ފްލައިޓް ޖެއްސުމަށްފަހު، އޮންލައިންކޮށް ޝަރީޢަތުގައި ބައިވެރިވުމުގެ އެކަށީގެންވާ ފުރުޞަތު އޮތްކަމަށެވެ.
ވަކީލު ހަމްޒާ، ބައިވެރިވި އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނިކޮށް، 13:55 ގައި ކްރިމިނަލް ކޯޓުން ކަރަންޓް ކެނޑުނެވެ. އަދި ކްރިމިނަލް ކޯޓަށް ކަރަންޓު އަލުން ލިބިފައިވަނީ 15:00 ގައެވެ. ވީމާ، ޤާނޫނީ ވަކީލު ޙަމްޒާ ލަޠީފް، ބައިވެރިވެލައްވާ އަޑުއެހުން، ކުރިއަށް ގޮސް ނިމުމުން، އޮންލައިންކޮށް ޝަރީޢަތުގައި ބައިވެރިވުމުގެ ފުރުޞަތު، ރައީސް ޔާމީންއަށް ފަހިވެފައިވާކަން، އެއްވެސް ޝައްކެއް ނެތް ގޮތެއްގައި މިނޫހަށް ކަށަވަރުކުރެވެއެވެ. މިނޫހުން ހޯދި ހޯދުންތަކުން، އޮންލައިންކޮށް، ހދ. ހަނިމާދޫއިން ޝަރީޢަތުގައި ބައިވެރިވުމަށްޓަކައި، އެވަޞީލަތްތައް ޤާއިމުކޮށްފައިވާކަން، މުޢުތަބަރު ފަރާތަކުން، މިނޫހަށް ކަށަވަރުކޮށްދީފައިވެއެވެ.
ކަންމިހެން ވެފައިވަނިކޮށް، ރައީސް ޔާމީންގެ ޝަރީޢަތް، 15:05 ގައި ކޯޓުން ކެންސަލްކޮށްފައިވެއެވެ.
ވީމާ، މިއަދުގެ އަޑުއެހުމަށް ރައީސް ޔާމީން، ހާޟިރުނުވީތޯ، ނޫނީ، ޓެކްނިކަލް ސަބަބުތަކާހެދި ޝަރީޢަތް ކުރިއަށް ނުގެންދެވުނީތޯ، ނޫނީ، ކޮންމެވެސް އެހެން ކަންތައްތަކެއް މިކަމުގައި އުޅެނީތޯ، މިސުވާލުތަކުގެ ޖަވާބު، ކިޔުންތެރިންގެ ވިސްނުމަށް ދޫކޮށްލަމެވެ.
 
                                                                                                             
                                                                                                             
                                                                                                             
                                                                                                             
                                                                                                            