theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ތޭރަ އޮންލައިން
ސިޔާސީ
ރައްޔިތުން ނޭދޭ ބީއެމްއެލް ކާޑުގެ ޚިދުމަތުން ކަނޑާ 2% އިން 1% ތިމާވެށީގެ މަސައްކަތްތަކަށް ހޭދަކުރަން: ރައީސް ޔާމީން
Aiminath Zawjah
އައިމިނަތް ޒަޢުޖާ
28 އޮކްޓޯބަރު 2025
މާލެ ސިޓީ

ބޭންކް އޮފް މޯލްޑިވްސްގެ ކާޑު ބޭނުންކޮށްގެން ކުރާ ޚިދުމަތްތަކުން ނުވަތަ ޓްރާންސެކްޝަންތަކުން ކަޑާ ދެ ޕަސެންޓުގެ ތެރެއިން އެއް ޕަސެންޓް ތިމާވެށީގެ މަސައްކަތްތައް ކުރުމަށް ހޭދަކުރަން ދިވެހި ރައްޔިތުން ނޭދޭ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ތިލައިތުރު އެވޯޑްސް ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގައުމެއް ފަޤީރުވުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ އެ ގައުމެއްގެ ސަރުކާރުގެ ސިޔާސަތުގެ މައްޗަށް ކަމަށެވެ. މި ސަރުކާރުގެ ސިޔާސަތު ދޯހަޅި ވާހަކަ ގިނަގިނައިން ދެއްކެނީ އެހެންވެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ދައުލަތަކީ އޭގެ ޒާތުގައި ފަޤީރު ދައުލަތެއްތޯ ނުވަތަ ކުރިއަށްދާން ދުވެލި ހުރި ދިރުން ހުރި ދައުލަތެއް ނިންމަނީ ސަރުކާރުގެ ސިޔާސަތުތަކުން ކަމަށާއި މި ސަރުކާރުން ރައްޔިތުންނަށް ފައިދާހުރި، ގައުމަށް ފައިދާކުރަނިވި ސިޔާސަތުތަކެއް ނުގެންގުޅޭ ކަމަށް އެމަނިކުފާނުގެ ވާހަކައިގައި ސިފަކުރެއްވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ކޮމިޝަނެއް ނަގާ ކަމުގައިވާނަމަ އެ ނަގަނީ އެ ކުންފުނީގެ ޚިދުމަތުގެ އަގަށް ކަމަށާއި ދިވެހި ރައްޔިތުން އެ ފައިސާ ތިމާވެށީގެ ކަންކަމަށް ދޫކުރަން ނޭދޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ބީއެމްއެލްގެ ޓްރާންސެކްޝަންތަކުން ކަނޑާ ޕަސެންޓުން ތިމާވެށީގެ ކަންކަަމަށް ހޭދަކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން އިތުރަށް ވިދާޅުވީ މިއީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ކުރާ ކަންތައްތައް ކަމަށެވެ.

ރައްޔިތުން ނޭދޭ އިގޭތޯ ބީއެމްއެލް ކާޑުގެ ޚިދުމަތުން ކަނޑާ 2% އިން 1% ތިމާވެށީގެ މަސައްކަތްތަކަށް ހޭދަކުރާކަށް. މިއީ ކުރެވިގެންވާނެ ކަމެއް ނޫން. އެކަމަކު ސަރުކާރުގެ ސިޔާސަތު މިއީ. ބޭންކް އޮފް މޯލްޑިވްސް އިން ކޮމިޝަނެއް ނަގާ ކަމުގައިވާނަމަ އެ ނަގަނީ އެ ކުންފުނީގެ ޚިދުމަތުގެ އަގަށް، ރައްޔިތުން ނޭދޭ މި ތިމާވެށީގެ ކަންކަމަށް ހޭދަކުރަން

- ރައީސް ޔާމީން ވިދާޅުވިއެވެ.

ވާރުތަވެގެން ދިޔަ ދެ ސަރުކާރުންވެސް ފެނިގެން ގޮސްފައިވަނީ އެއްކަހަލަ ބޮޑެތި މައްސަލަތަކެއް ކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެ ސަރުކާރުތަކުން ވަނީ ބޮޑެތި ބަޖެޓުތައް ފާސްކޮށް، ބޮޑެތި އަދަދުތަކުން ލޯން ނަންގަވާ ބޮޑު ތަނުން ހޭދަކޮށްފައިވާ ކަމަށެވެ. އަދި މި ހޭދަތައް ކޮށްފައިވަނީ އިގްތިޞާދަށް ފައިދާވާނެ ކަންކަމަށް ނޫން ކަމަށާއި ގައުމު ކުރިއެރުވުމަށް މީހުން ބިނާކުރުމަށްވެސް އެއްވެސް ހޭދައެއް ކޮށްފައި ނުވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ ސަބަބުން ރިކަރަންޓް ޚަރަދުތައް ބޮޑުވެ މުދަލުގެ އަގު އުފުލި ޑޮލަރުގެ އަގު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައިކަން ރައީސް ޔާމީން ވިދާޅުވިއެވެ.

ހއ އަތޮޅު ކައުންސިލްގެ ދަޢުވަތަކަށް ރޭ ބޭއްވި ތިލައިތުރު އެވޯޑްސް ޖަލްސާ އިފްތިތާޙްކޮށްދެއްވުމަށް ބޮޑެތި ސިޔާސީ ހުރަސްތައް ގިރާކޮށް އެ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުން ސިފަކުރެއްވީ ބޮޑު ހަނގުރާމައެއް ކުރުން ފަދަ ކަމެއް ގޮތުގައެވެ.

ރައީސް ޔާމީން ވިދާޅުވީ ދަޢުވަތަކަށް އެމަނިކުފާނު ކުރެއްވި ދަތުރު މި ސަރުކާރުން ސިޔާސީ ކުރައްވައިފި ކަމަށާއި މިއީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން އަމަލުކުރެއްވި ގޮތް ކަމަށެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved