
ރިޔާސީ ކެމްޕެއިން ތެރޭގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތަރައްޤީއާއި އެމަނިކުފާނުގެ ވިސްނުންފުޅާއި އެއްގޮތަށް ވެރިކަން ކުރާނެ ކަމަށް ވައުދުވެ، ހުސްގޮނޑި ދައްކާ ވެރިކަމަށް އައިސް ރައްޔިތުންނަށް މުއިއްޒު ޚިޔާނާތްތެރިވިކަން މިއަދު ރައްޔިތުން ޤަބޫލުކުރާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް މުއިއްޒާއި ރައީސް ޔާމީނާއި ހުރި ތަފާތު ފާހަގަކޮށް މުއިއްޒަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.
މިގޮތުން، މުއިއްޒު ވެރިކަމަށް ވަޑައިގަތްއިރުވެސް ރައީސް ޔާމީނާއި ކައިރިކުރާ ވަރަށްވެސް ޤާބިލުކަމެއް ނެތްކަން އަމިއްލަފުޅަށްވެސް ގަބޫލުކުރައްވާ ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ. ރައީސް ޔާމީންގެ 05 އަހަރުގެ ދައުރުގައި ގައުމަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވި ކަމަށާއި މިއަދު މުއިއްޒު މާނަ ކުރާ މަޝްރޫއުތަކަކީ ރައްޔިތުންގެ ކުރިމަތީގައި ބޮޑު ޖޯކެއް ގޮތަށް ޖަމީލް ސިފަކުރެއްވިއެވެ.
މިވީ ދެ އަހަރު ތެރޭގައި ރަށްރަށުގައި އޭޓީއެމް ބެހެއްޓުން ފިޔަވާ ރައްޔިތުންނަށް އެއްވެސް ކަމެއް މުއިއްޒަށް ކޮށް ނުދެވޭކަން ޖަމީލްގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ވެރިކަން ކުރަން ލިބުނު ފުރުސަތުގައިވެސް އެކުގައި މަސައްކަތް ކުރައްވަން މުއިއްޒު ޚިޔާރުކުރީ ފެންވަރެއް ނެތް، ތަޢުލީމެއް ނެތް ބޭފުޅުން ކަމަށާއި މުއިއްޒަކީ ވެރިކަމަށް ކުފޫ ހަަމަނުވާ ރައްޔިތުންގެ ތާޢީދު ނެތް ބޭފުޅެއް ކަން ތިލައުތުރު އެވޯޑްސް ހަފްލާއިންވެސް ހާމަވެގެން ގޮސްފައިިވާ ކަމަށް ޖަމީލް ލިޔުއްވާފައިވެއެވެ.
މިއާއި އެކު މި ޕޯސްޓްގައި ޖަމީލް ވަނީ ތިލއުތުރު އެވޯޑްސް ހަފްލާގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވަމުން ގެންދެވި ވަގުތުގެ ލައިވްގެ ފޮޓޯއަކާއި ރައީސް މުއިއްޒު ހަމަ އެ ރޭ ޅ.ނައިފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ވާހަކަފުޅު ދެއްކެވި ވަގުތުގެ ލައިވް ފޮޓޯއެއް ހިއްސާކޮށް ދެ ބޭފުޅުންނަށް އޮތް ތާއީދާއި ހުރި ފަރަގު ވަރަށް ރީތިކޮށް ރައްޔިތުންނަށް ދައްކާފައެވެ.
ޝުޖާއު އާއި ފަލާހް ފަދަ ސަރުކާރުގެ މަތީ ފަޑީގެ ބޭފުޅުން މުއިއްޒު ކިތަންމެ ޕްރޮމޯޓް ކުރަން އުޅުނަސް ރައްޔިތުން ކައިރީ ދެން މުއިއްޒެއް ނުވިއްކޭނެ ކަމަށާއި "ހުސް ގޮނޑީގެ" ޖާދޫގައި ދެން ރައްޔިތުން ނުޖެހޭނެ ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.










