
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޒައާމަތާ އެކު ގައުމަށް ލިބުނީ ދޮގު މެޝިނަކާ ދޮގުގެ ސުނާމީއެއް ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް، އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދުގެ ފާޑުވިދާޅުވުން އަމާޒުކުރައްވައިފިއެވެ.
ޑރ ޖަމީލު މިފަދައިން ފާޑުޗިދާޅުވުން އަމާޒުކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ ޖަމީލު ވިދާޅުވެފައިވަނީ، ގައުމަށް އެއްވެސް މިންވަރެއްގެ ހަރުދަނާ ތަރައްގީއެއް ގެނައުމުގެ ވިސްނުމެއް ރައީސް މުއިއްޒުގެ ކިބައިގައި ނެތް ކަމަށެވެ. އަދި ރައީސް މުއިއްޒުގެ އޮތީ ދެ ޕޮލިސީއެއް ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ އެއީ ކޮން ޕޮލިސީއެއްކަން ސާފުކޮށް ދެއްވާފައެވެ.
ޑރ ޖަމީލު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ގެންދަވަނީ ގައުމުގެ މާލީ ޙާލަތަށް ބެލުމެއް ނެތި ވަޒީފާ ބަހަމުން ކަމަށާ ކުރީގައި ހެދި ދޮގުތަކުގެ މައްޗަށް ތަކުރާރުކޮށް ދޮގު ހަދަމުން ކަމަށެވެ.
ޑރ ޖަމީލު ވަނީ ރައީސް މުއިއްޒަކީ ދޮގު ހަދާ މެޝިނެއްގެ ގޮތުގައި ސިފަކުރައްވާ ގައުމަށް ރައީސް މުއިއްޒާއެކު ލިބުނީ ދޮގު ވައުދުތަކުގެ ސުނާމީއެއް ކަމަށްވެސް ވިދާޅުވެފައެވެ. އަދި މިކާރިސާއިން އަދިވެސް ރައްޔިތުން ސަލާމަތްވާނެ ގޮތެއް ނެތްކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިހާބާ، މަޖިލިސް އިންތިހާބާ ދިމާކޮށް ރައީސް މުއިއްޒު ރަށްރަށަށް ގިނަ ވައުދުތަކެއް ވެފައިވެއެވެ. ނަމަވެސް އެއިން އެއްވެސް ވައުދެއް ފުއްދާފައިނުވެއެވެ. އެއާއެކު އެމަނިކުފާނަކީ ދޮގު ހަދާ ވެރިއެއްގެ ގޮތުގައި ލޭބަލްވެ މަގްބޫލުކަން ގެއްލިފައިވާކަން ފާހަގަކޮށްލެވެއެވެ.










