March 16, 2026
Advertisement
މުއިއްޒު
މުއިއްޒު / ވަގުތު.އެމްވީ

ރައީސް މުއިއްްޒުގެ ވައުދުނާމާ: ފުވައްމުލައް ސިޓީއަށް ވީ ވައުދުތައް

Yana Shareef
ޔާނާ ޝަރީފް
Nov 5, 2025, 12:04 AM

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްްޒު 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ފުވައްމުލައް ސިޓީއަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންނަށް ވީ އެއްވެސް ވައުދެއް ފުއްދާ ދެއްވާފައިނުވާކަން ފާހަގަވެއްޖެއެވެ.

Advertisement

އެމަނިކުފާނަށް ވެރިކަން ލިބިއްޖެނަމަ ފުއްދަައި ދެއްވާނެކަމަށް ވެވަޑައިގެންނެވި އެއްވެސް ވައުދެއް ވެރިކަަމަށް ދެ އަހަރު ވާން ކައިރިވިއިރުވެސް ފުއްދައި ދެއްވާފައިނުވެއެވެ.

އެގޮތުން ފުވައްމުލައް ސިޓީއަށް ވަޑައިގެން އެމަނިކުފާނު އޭރު ވިދާޅުވީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރައިގެން ދާނީ އެ ސިޓީގެ ބަނދަރުގެ ޖާގަ ބޮޑުކޮށް, ބަނދަރު ޒަމާނީ ފެންވަރުގައި ތަރައްގީކުރުމުންކަމަށެވެ. އެމަނިކުފާނު ވެެރިކަމަށް އައުމަށްފަހު މިހާތަނަށް އެ ސިޓީގެ ބަނދަރު ތަރައްގީކުރުމަށް އެއްވެސް މަސައްކަތެއްް އަދި ކުރައްވާފައިނުވެއެވެ.

އިތުރު ވައުދުފުޅަކަށް ބަލާލާއިރު, ފުވައްމުލަކު އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދެއްވައި ވާނެކަމަށް ވިދާޅުވެފައިވެއެވެ. ކޮންމެ ރަށަކަށް ވަޑައިގެން ކައިރި ކައިރީގައި އެއާޕޯޓު އެޅުމަށް ރައީސް މުއިއްޒު ވައުދުވަމުން އަންނައިރުވެސް މިހާތަނަށް ފުވައްމުލައް އެއާޕޯޓު ތަރައްގީކުރުމަށް އެއްވެސް މަސައްކަތެއްް ކޮށްދެއްވައިފައި ނުވެއެވެ.

ފުވައްމުލައް ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްގީކޮށް, ހުރިހާ ބައްޔަކަށް ފަރުވައި ދޭނެތަނަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާކަމެއް ކޮށްދެއްވާނެކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ. ބަލިތަކަށް ފަރުވާ ހޯދުމަށް މާލެ ފުރައިގެން ދާން ނުޖެހޭނެވަރު ކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް ފުވައްމުލަކު ހޮސްޕިޓަލަށް މި ސަރުކާރުން އެއްވެސް ބަދަލެއް ގެނެސް ދެއްްވާފައިނުވެއެވެ.

މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ މި ވެރިކަން ނިމިގެންދާއިރު ބޯހިޔާވަހިކަން ނުލިބޭ އެއްވެސް މީހަކު ނެތުމެވެ. އެގޮތުން އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ފުވައްމުލަކު ސިޓީގައި 400 ހައުސިން ޔުނިޓް އެޅުމަށް ނިންމެވި ވާހަކަ ދައްކަވާ އެއީ އެއްވެސް އެއްޗެއް ނޫންކަމަށާއި ބޯހިޔާވަހިކަން އިތުރުކުރަން ޖެހޭކަމަށް ވިދާޅުވެ އެކަން އެމަނިކުފާނުގެ ވެރިކަމުގައި ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. މިއަދާ ހަމައަށް ވެސް ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ އެއްވެސް ހިސާބެއްގައި ރައީސް މުއިއްޒުގެ ބޯހިޔާވަހިކަމުގެ އެއްވްެސް މަޝްރޫއުއެއް ފައްޓަވާ ދެއްވާފައި ނުވެއެވެ.

ތައުލީމީ ހަބެއް ފުވައްމުލަކުގައި ގާއިމުކޮށްދެއްވާނެކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެއެެވެ.

އެމަނިކުފާނު މިވަގުތު ފުވައްމުލަކު ސިޓީއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައިވާއިރު ރައްޔިތުން އަންނަނީ މީގެން އެއްވެސް ވައުދެއް ފުއްދަވާ ދެއްވާފައިނުވާތީ އެކަމުގެ ޝަކުވާ ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved