ވައުދާ ހުވާކޮށް ވެރިކަމަށް އައުމަށްފަހު ކުރިން ވީ ވައުދުތައް ހަނދާން ނެތުމަކީ ބައެއް ސިޔާސީންގެ އާދަ އެކެވެ. މިއާދަ ދިވެހި ސިޔާސީ ސަގާފަތުގައި ފަނޑުވުމަށް ފަހު އަލުން ފާޅުމިވީ ފާއިތުވި ހަތް އަހަރު ތެރޭގައި އެވެ. އަދި އެ ވައުދުތައް ހުރި ގޮތަށް ބަހައްޓާ އަނެއްކާވެސް އިންތިހާބުތަކާ ދިމާކޮށް އައު ވައުދުތައް ބަޑި ތަކުރު ވިހޭރޭ އަލަފަތް ވެސް ނާންނާނެހާ ތިޔާގި ކަމާ އެކު ދާއިރާތަކަށް އޮއްސާލުމަކީ ވެސް މިފަހަކަށް އައިސް ވެރިން ރައްޔިތުންގެ "ބޯ ކާން" ގެންގުޅޭ މޮޅު ސިޔާސީ އުކުޅެކެވެ. މިހާރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ އެ އުކުޅު ބޭނުންކުރުމުގެ މާހިރެކެވެ. ލާމަސީލު ނަމޫނާއެކެވެ.
އެގޮތުން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވަނީ، ރައްޔިތުން ގުނބޯ ހެއްދުމުގައި ރައީސް މުހައްމަދު ނަޝީދުއާ އާ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ރިކޮޑުވެސް މުގުރާލާފައިވާ ބޭފުޅެއްގެ ގޮތުގައެވެ. ރިޔާސީ އިންތިހާބުގައި އެކި ދާއިރާތަކަށް ވަޑައިގެން ވެފައިވާ ވައުދު ނުފުއްދަވާ ހުންނަވާ މަޖިލިސް އިންތިހާބު އައިސް އަރާ ހަމަކުރުމުން އަނެއްކާވެސް ނެރުނީ އައު ވައުދު ގޯނިތަކެކެވެ. އެ ވައުދު ގޯނިތަކުގެ ތުން ރަގަޅަށް ނުމޮހެ ހުއްޓާ ކައުންސިލް އިންތިހާބު އައިސް އަރާހަމަކޮށްފިއެވެ. އެއާއެކު ގޯނިބޭ ކުޑައަލީ ހެދިގެން ހުންނަވާ އަނެއްކާވެސް ވައުދުތަކުގެ އައު ގޯނިތަކެއް ހިއްޕަވައިގެން އަތޮޅުތެރޭގެ ރައްޔިތުންގެ "ބޯ ކާން" ގެންދަވަނީ ދަތުރުފުޅު ކުރައްވަމުންނެވެ. ފަހަރުގައި އިހުޒަމާނުގައި މާލޭ މީހުން، ރަށްފުށު މީހުންނަކީ "ބައި ކުޅަނދު މަދު މީހުން"ގެ ގޮތުގައި ދުށް ދުށުން އަދިވެސް ރައީސް މުއިއްޒުގެ ސިކުނޑިން ފިލާނުދަނީ ކަމުގައި ވެދާނެއެވެ.
އެގޮތުން ރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫގެ ރަށްތަކަށް ވަޑައިގަންނަވާފައިވާއިރު ރައީސް މުއިއްޒުގެ ޕާޓީގެ އެމްޕީއަކާ އަދި ސަރުކާރުގެ އިސްވެރިންވެސް ހުޅުދޫ އަދި މީދޫ ރައްޔިތުންނަށް ދައްކަމުންދާ ހުވަފެނަކީ އައްޑޫ ސިޓީ ކައުންސިލުން ވަކިވުމާއެކު އެ ދެ ރަށްވެސް ފެންވަރު ރަގަޅު ދެ ރަށުގެ ގޮތުގައި ތަރައްގީ ވެގެންދާނެކަމުގެ ހުވަފެނެވެ. އެގޮތުން ހުޅުދޫ އަދި މީދޫ ވެގެންދާނީ ދުބާއީ އާ އަބޫދާބީ ފެންވަރުގައި ތަރައްގީވެގެން ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ލައްވާ ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވިއެވެ.
މިހާ ހިސާބުން ސުވާލު އުފެދޭ ކަމެއް އެބައޮތެވެ. ގައުމުގައި ތަރައްގީގެ މަޝްރޫއުތައް ހިންގާނެހާ ނުވަތަ ކުރިއަށް ގެންދާނެހާ ހަކަތަ އެބަހުރިބާއޭއެވެ. އިގްތިސޯދު އަރިއަޅާލާ ކިިރިޔަ ކިރިޔާ އަނގަވަތަށް ނުޖެހި އޮތްއިރު ޕްރައިވެޓު ސެކްޓަރ އޮތީ ހަނާހުނިވެފައެވެ. ދައުލަތުގައިވެސް ހަކަތަ ނެތި މުސާރަ ދެވޭނެ ވަރުވެސް ނެތިގެން ފައިސާ ޗާޕުކުރާއިރު އަބޫދާބީއާ ދުބާއީ ފެންވަރަށް ހުޅު-މީދޫ ތަރައްގީ ކުރާނެ ސްޓްރެޓެޖީ ރައީސް މުއިއްޒުއާ ސަރުކާރުން ހޯދާނެ ގޮތަކާ މެދު ސުވާލު އުފެދެއެވެ.
އެހެންކަމުން އަބޫދާބީ އާ ދުބާއީގެ ކުލަނުވާނެ ހުވަފެނެއް ދައްކާ ރައީސް މުއިއްޒާ އެމްޕީ ޝާޑުވެސް ހުޅުދޫ މީދޫ ރައްޔިތުން ނަގާ ޅޮސް އުނދޯއްޔަކަށް އަރުވަނީ ބާއެވެ؟ މިވެރިން އިގްތިސޯދަށް މިހާ މޮޅިއްޔާ ދެ އަހަރުވެގެން ދާއިރު ގައުމުގެ އިގްތިސޯދު އަދިވެސް އަނދަވަޅެއްގައި ކަރު މަޅީ ޖެހިފައި މިއޮތީ ފަހެ ކީއްވެހެއްޔެވެ؟