މި ދައުރުގައި އައްޑޫގެ ކަންކަން ވާނެކަމުގެ އުއްމީދު އާވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.
އަޒާން މިފަދައިން ވިދާޅުވެފައި ވަނީ ރައީސް މުހައްމަދު މުޢިއްޒު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބުދަ ދުވަހުގެ ރޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަޒާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ލިބުނުފަހުން, އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެގެންދަނީ ކަރަންޓުގެ މައްސަލަ އާއި ލިންކު ރޯޑު މަރާމާތު ކުރަން ޖެހޭ މައްސަލައެވެ.
ޝަންގްރިލާގެ މެނޭޖްމެންޓުން މި އަހަރު ޑިސެމްބަރު މަހު އެތަން ހުޅުވޭނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ވެސް އަޒާން ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ ކަރަންޓު ކެނޑުމުގެ މައްސަލައަށް ވެސް ހައްލު ގެނެސް ދެއްވާނެކަމަށް އެ ކުންފުނިން ބުނެފައިވާކަމަށެވެ.
އަޒާން އާއި މި ސަރުކާރާމެދު ވަނީ ހިތްހަމަނުޖެހުންތަކެއް ކުރިން އުފެދިފައެވެ. ނަމަވެސް އަނެއްކާވެސް މުއިއްޒުގެ ސަރުކާރަށް އަޒާން އަންނަނީ ސަނާކިޔަމުންނެވެ.