މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބަންޑުން ޖަހާލި ކޮޅުވެއްޓީގެ ކެޕްޓަންގެ އަތުގައި ލައިސަންސް ނެތް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޕީއެލްއާ ދިމާ ބޭރުގައި އޮތް ކޮޅުވެއްޓިއެއް މިމަހުގެ ދެވަނަ ދުވަހުގެ ހަވީރު ބަންޑުން ޖަހާލި އިރު، އޭގައި 14 މީހަކު ތިއްބެވެ. އޭގެ ތެރެއިން ހަތަރު ދިވެއްސަކާއި ދެ ބިދޭސީއަކަށް އަނިޔާވެގެން، ފަރުވާއަށް އައިޖީއެމްއެޗްއަށް ގެންދިޔައެވެ.
އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކު ވަނީ ނިޔާވެފައެވެ. އެއީ އެމްޕީއެލްގެ ލޭބަރާގެ މަގާމުގައި ހުރި ދެ މުވައްޒަފުން ކަމަށްވާ ބަންގުލަދޭޝްގެ މަސޫދު ހޮސެއިން (32އ) އާއި ގއ. ގެމަނަފުށި/ ދިލްބަހާރުގެ، އަލީ އަފްލާހް އަބްދުﷲ (25އ) އެވެ.
އެމްޕީއެލުން މިމަހުގެ ތިންވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން، އެ ކުންފުނީގެ ކަމާބެހޭ ޑިޕާޓްމަންޓްތަކުން ވަނީ އެތެރޭގެ ތަހުގީގު ފަށާފައި ކަމަށެވެ.
އެމްޕީއެލުން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނީގެ އެތެރޭގެ ތަހުގީގުގެ ތެރެއިން މިހާރުވަނީ އިބްތިދާއީ ހޯދުންތަކެއް ހޯދައި، ހާދިސާ ހިނގަން މެދުވެރިވި ގޮތް އަދި އެފަދަ ހާދިސާއެއް ދެން ތަކުރާރުވިޔަ ނުދިނުމަށް އަަޅަންޖެހޭ ފިޔަވަޅުތައް ދެނަގަނެފައި ކަމަށެވެ.
އެމްޕީއެލުން ބުނީ ބަންޑުން ޖަހާލި ކޮޅުވެއްޓިއަކީ ސަލާމަތީ މިންގަނޑުތަކަށް ފެތޭ އުޅަނދެއް ކަމަށެވެ. ނަމަވެސް އެ ކޮޅުވެއްޓީގެ މުދާ ބަރުކުރާ ޑެކުގައި ލަކުޑި އަޅާފައިނުވާ ކަމަށާއި ދަގަނޑު ޑެކެއް އޮތުމުން ތަކެތި ބަރުކޮށް އަދި މުދާ ބަރުކޮށްގެން ދަތުރުކުރާއިރު ކަހާލުމުގެ ފުރުސަތު އޮންނާނެކަމަށް އެމްޕީއެލުން ބުނެފައިވެއެވެ.
އުޅަނދުގެ މުދާ ބެލެހެއްޓުމާއި އުޅަނދުގެ ސްޓެބިލިޓީ ކަށަވަރުކުރުމަކީ ކެޕްޓަންގެ ޒިންމާއެއްކަމަށް އެމްޕީއެލުން ބުންޏެވެ. ކެޕްޓަންގެ އިރުޝާދުގެ ދަށިން ދެ އެކްސްކަވޭޓާ ކޮޅުވެއްޓީގައި ބެހެއްޓުމަށްފަހު ކެޕްޓަންގެ ހުއްދައާއެކު މަސައްކަތް ނިންމާލައި އެކަމަށް ބޭނުންކުރި އާލަތްތައް ކާގޯ ބޯޓަށް ނަގާފައިވާކަމަށް އެމްޕީއެލުން ބުނެފައިވެއެވެ.
އުޅަނދުގެ މުދާ ބެލެހެއްޓުމާއި އުޅަނދުގެ ސްޓެބިލިޓީ ކަށަވަރުކުރުމަކީ ކެޕްޓަންގެ ޒިންމާއެއްކަމަށް އެމްޕީއެލުން ބުންޏެވެ. ކެޕްޓަންގެ އިރުޝާދުގެ ދަށިން ދެ އެކްސްކަވޭޓާ ކޮޅުވެއްޓީގައި ބެހެއްޓުމަށްފަހު ކެޕްޓަންގެ ހުއްދައާއެކު މަސައްކަތް ނިންމާލައި އެކަމަށް ބޭނުންކުރި އާލަތްތައް ކާގޯ ބޯޓަށް ނަގާފައިވާކަމަށް އެމްޕީއެލުން ބުންޏެވެ.
އެހެންނަމަވެސް މަސައްކަތް ނިންމާލި ފަހުން، އަނެއްކާވެސް ލޭންޑިން ކްރާފުޓުގެ ކެޕްޓަންގެ އެދުމުގެ މަތިން ލޭންޑިން ކްރާފުޓުގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓާ ޕޯޓް ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ލޭންޑިން ކްރާފްޓު ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބު،ކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލި ވަގުތު އޭގައި ތިބި އެމްޕީއެލްގެ 10 މުވައްޒަފަކު މޫދަށް ވެއްޓި، އެކިވަރުގެ އަނިޔާވި ކަމަށް އެމްޕީއެލުން ބުނެފައިވެއެވެ. އެ ކުންފުނީގެ މުވައްޒަފުން އެ ވަގުތު ކޮޅުވެއްޓީގައި ތިބީ މަސައްކަތް ނިންމާލުމަށްފަހު، އަނބުރާ ބަނދަރަށް އައުމަށް އަރަންޖެހޭ ޓަގު ބޯޓަށް އެރެން އޮތީ ކޮޅުވެއްޓި ގިރާކޮށްފައިކަމަށްވުމުގެ ސަބަބުން ކަމަށް އެމްޕީއެލުން ބުނެފައިވެއެވެ.
މި މައްސަލައިގައި އެމްޕީއެލްގެ އިހުމާލު އޮތްކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.