ޑޮލަރު އަގު ކައިރި މުސްތަގުބަލެއްގައިވެސް ތިރިނުވާނެ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރާއްޖެ މިހާތަނަށް ދުށް އެންމެ ކުޅަދާނަ އިކޮނޮމިސްޓު ރައީސް ޔާމީން މިފަދައިން ވިދާޅުވީ ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ބުރާސްފަތި ދުވަހުގެރޭ، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ޕީއެންއެފްގެ ފައުންޑިން މެމްބަރު ހުސެއިން ވަހީދު އަމާޒުކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ހުސެއިން ވަނީ ބިޑަކާ ނުލާ 17 އަށް ވުރެ ގިނަ މަޝްރޫއު އައްޑޫ ސިޓީގެ ތަރައްގީއަށް ދޫކޮށްލިއިރު އެއީ 2.5 ބިލިއަން ރުފިޔާ ކަމާ އަދި ފައިސާ ޗާޕުކުރަން 2.5 ބިލިއަން ޕެންޝަން އޮފީސް މެދުވެރިކޮށް ކުރިއަށް އޮތްއިރު ޖުމްލަ 5 ބިލިއަން ރުފިޔާ ދައުރުވެގެންދާނެ ކަމަށާ އޭގެ ސަބަބުން އިގްތިސޯދަށް ނުރަގަޅު އަސަރު ކުރާނެތޯއާ، ޑޮލަރުގެ އަގަށް ވެގެންދާނީ ކިހިނަކުން ކަމާ މެދު ސުވާލު ކުރައްވާފައެވެ.
އެވާހަކައަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، މި ފަހަރުގެ ބަޖެޓަކީ ބޮޑު ޑެފިސިޓު ބަޖެޓެއް ކަމަށެވެ. އެގޮތުން މިފަހަރުގެ ބަޖެޓުގައި ހުރި ހިސާބު އަކުރުތަކަކީ ނަމަކަށް ޖަހާފައި ހުރި އަކުރުތަކެއް ކަމަށާ އެ އަދަދުތަކުގެ ތެރެއިން ތެދު އޮތީ އެންމެ އަދަދެއް ކަމަށެވެ. އެއީ އާމްދަނީގެ ގޮތުގައި މިއަންނަ އަހަރު ލިބޭނެ ކަމަށް ޖަހާފައިވާ އަދަދުކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މުޅި ބަޖެޓަށް ލޯ ހިންގާލާއިރު، މިހާރު އޮތް ބަޖެޓަށް ބަލާއިރު މި އަންނަ އަހަރަކީ ފައިސާ ޗާޕު ކުރާނެ އަހަރަކަށް ވެގެންދާނެ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ޑޮލަރުގެ އަގު މިއިން ޒަމާނަކުވެސް ތިރި ނުވާނެކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން ވަނީ މިހާރުވެސް ސަރުކާރުން ސޮއިކޮށް ހަވާލުކުރަމުންދާ އެއްވެސް މަޝްރޫއެއް ނުހިނގާނެ ކަމަށާ އެއީ އެ ހަކަތަ ނެތުމުން ކަމަށެވެ.
ރައީސް ޔާމީން ވަނީ ބަޖެޓުގައި ހުރި އަކުރުތަކަށް ބަލާނުލާ މަޖިލީހުގެ މެމްބަރުން ދާއިރާތަކަށް އުއްމީދު ލިބިއްޖެ ކަމަށް ވިދާޅުވާއިރު އެ މެމްބަރުންނަށް އެ އަދަދު ނުފެންނަނީތޯ އައްސަވާފައެވެ. އެގޮތުން ރައީސް ޔާމީން ވަނީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ރައީސް މުހައްމަދު މުއިއްޒަށް ތައުރީފު ކުރައްވާ ދެއްކެވި ވާހަކައަށް އިޝާރާތްކުރައްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ، ބަޖެޓު ދިރާސާ ކުރަން އަޒާންމެން ފަދަ ގާބިލު ބޭފުޅުން، ގެދަބުޅިގައި ނުޖެހި ސަލާމަތުން ތިބުން ބުއްދިވެރި ކަމަށެވެ.
މި އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ 64،000 މިލިއަން ރުފިޔާއެވެ. ރާއްޖެއިން ލިބޭނެ ފައިސާގެ ތެރެއިން ލިބޭނެ އާމްދަނީއަކީ 40،000 މިލިއަން ކަމަށް ލަފާކޮށްފައިވާއިރު ޚަރަދުކުރަން ޖެހޭނެ ކަމަށް ލަފާކޮށްފައިވާ އަދަދު އެއަށް ވުރެ އިތުރެވެ. މުސާރަ ދީފައި ބާކީ އޮންނާނީ 10 ވަރަކަށް ބިލިއަންއެވެ. ހިލޭ އެހީގެ ގޮތުގައި 85 ބިލިއަން ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.