March 10, 2026
Advertisement
.
. / މަޖިލިސް

ގިނަ މުވައްޒަފުން ނުނަގާ ފަރުޖެއްސޭނެ ގޮތެއް ހޯދަންޖެހޭކަމަށް އަޒާން ވިދާޅުވެއްޖެ

Yana Shareef
ޔާނާ ޝަރީފް
Nov 17, 2025, 02:32 AM

ގިނަ މުވައްޒަފުން ނުނަގާ ފަރުޖެއްސޭނެ ގޮތްތައް ހޯދަންޖެހޭކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދުދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.

Advertisement

އަޒާން މިފަދައިން ވިދާޅުވެފައިވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް މިއަދުގެ މަޖިލިސް ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.

އަޒާން ވިދާޅުވީ ޕޭ ހާމަނައިޒޭޝަންގެ ސިޔާސަތުގެ ދަށުން މުވައްޒަފުންނަށް ކުރާ ޚަރަދު އަންނަ އަހަރު ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށެވެ. އެހެންކަމުން ބައެއް އީޖާދީ ވިސްނުންތަކެއް ގެންގުޅެން އެބަޖެހޭ ކަމަށް އަޒާން ވިދާޅުވިއެވެ.

ޖުމުލަ ގޮތެއްގައި މި ބަޖެޓު ރަނގަޅު ކަމަށާއި އެހެންނަމަވެސް، ވިސްނާލަންޖެހޭ ބައެއް ކަންތައްތައް އެބަހުރި ކަމަށް އަޒާން ވިދާޅުވިއެވެ. އާމްދަނީގެ ގޮތުގައި 40 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައި އޮތްއިރު، އޭގެތެރެއިން %78 އަކީ ޓެކްސް އާމްދަނީ ކަމަށާއި ޓެކްސް އާމްދަނީގެ ބޮޑު ބަޔަކީ ޓީޖީއެސްޓީ އާއި ފަތުރުވެރިކަމުގެ ދާއިރާއިން ނެގޭ ޓެކްސްތައް ކަމަށް އަޒާން ވިދާޅުވިއެވެ.

އަދި އާމްދަނީ އިތުރުކުރަން އެހެން ކަންތައްތަކެއް ހިމަނާފައިނުވާއިރު ހަނގުރާމައެއް ފަދަ ކަމެއް ފެށިއްޖެނަމަ އާމްދަނީއަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުސާރައިގެ އިތުރުން ދެން ދައުލަތުން އެންމެ ބޮޑަށް ޚަރަދު ކުރަނީ ސަބްސިޑީޒް ދޭންކަން ފާހަގަ ކުރައްވާ އަޒާން ވިދާޅުވީ އެންމެނަށް ގަނޑުކޮށް ސަބްސިޑީ ދިނުމުން އޭގެ ފައިދާ ކުރަނީ ދިވެހިންނަށް ވުރެ ބޮޑަށް ބިދޭސީންނަށް ކަމަށެވެ. ބައިނަލްއަގުވާމީ އެކިއެކި މާލީ އިދާރާތަކުން އެންމެ ބޭނުންޖެހިފައިވާ މީހާއަށް އެ ސަބްސިޑީޒް ދެވޭނެ ގޮތް ހަދަން އަބަދުވެސް ލަފާދެމުންދާކަން ފާހަގަކުރައްވާ އަޒާން ވިދާޅުވީ މިހާރު ސަބްސިޑީޒް ދެމުންދާ ގޮތަކީ ސަސްޓެއިނަބަލް ގޮތެއް ނޫން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved