ފުވައްމުލަކު ސިޓީގެ ރައްޔިތުން ފެނުން މަހުރޫމުކުރި މައްސަލައިގައި ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ފުވައްމުލަކުގެ ރައްޔިތުން ސާފު ފެނަށް ޖެހިގެން އުޅޭއިރުގައި ވެސް އަޅާނުލައި އެހާ އިހާނެތިކޮށް އެ އަމަލުކުރީ، ރަށްރަށުގައި ރައްޔިތުން ކޮންމެ ހާލެއްގައި އުޅުނަސް ސަރުކާރަށް ވަރިހަމަވުމުން ކަމަށެވެ.
އަދި މާލޭގައި ފެން ނުލިބުމުގެ މައްސަލަ ދިމާވި ނަމަ ސަރުކާރުން އަމަލުކުރާނީ ވަރަށް ތަފާތު ގޮތަކަށް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"މާލޭގައި ދިމާވި ނަމަ ސިފައިންނާއި ފުލުހުންނާއި އެންމެން ނުކުންނާނެ ފެން ބަހަން. މިއީ ހަމަ ފުވައްމުލަކު، ރާއްޖެތެރޭ ދިމާލެއް ވީމަ މިހާ ނިމަކެތިކޮށް، މިހާ ދެރަވަރުކޮށް މި ދިޔައީ، ވަރިހަމަ ނޫންތޯ ކޮންމެ ގޮތަކަށް އެ މީހުން އުޅުނަސް،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މަޖިލީހަކީ ގާނޫނު ހަދާ ތަނެއް ނަމަވެސް، އެ މަޖިލީހުގެ މެންބަރުންނަށް އޮންނަ އެންމެ ބޮޑު ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށެވެ. އެހެންނަމަވެސް މި މައްސަލައަށް ބަލާއިރު، ފުވައްމުލަކު ތަމްސީލު ކުރައްވާ ތިން މެންބަރުން ތިއްބެވިއިރު ވެސް އެ ބޭފުޅުން މައްސަލަ ހުށަނާޅުއްވާކަން ރައީސް ޔާމީން ފާހަގަކުރެއްވި އެވެ.
ފުވައްމުލަކުގެ ރައްޔިތުންގެ ހައްގު ހިމާޔަތް ކުރާ ގޮތަކީ މިއީތޯ ސުވާލު އުފައްދަވަމުން ރައީސް ޔާމީން ވިދާޅުވީ މަޖިލީހުގައި ހިނގަނީ ރައީސް މުއިއްޒުގެ ފުރިހަމަ ބާރު ކަމަށާއި އެތަނުން ރައްޔިތުންނަށް ބޭނުންވާ ހަމަ އެއްވެސް ކަމެއް ވަމުން ނުދާ ކަމަށެވެ. މަޖިލީހާ ދިމާލަށް އޮޅުހިޔާ ފެސިލިޓީއޭ ބުނަން ޖެހޭ ސަބަބަކީ އެއީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.