theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ރައީސް އޮފިސް
ސިޔާސީ
ޕޭޝަންޓަކާއި ބައްދަލުކުރުމަށް ރައީސް އައިޖީއެމްއެޗްއަށް ދަންވަރު ދިޔަކަމުގެ އަޑުތަކެއް
Yana Shareef
ޔާނާ ޝަރީފް
18 ނޮވެމްބަރު 2025

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އޮތް ބަލިމީހަކާ ބައްދަލުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ދަންވަރު ހޮސްޕިޓަލަށް ދިޔަކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.

މައުލޫމާތު ލިބުނު ގޮތުގައި ރައީސް މުއިއްޒު ހޮސްޕިޓަލަށް ގޮސްފައިވަނީ އެމަނިކުފާނުގެ އަނބިކަބަލުން ސާޖިދާ މުހައްމަދުއާއެކުއެވެ.

މީސްމީޑީއާގައި ދައުރުވަމުން އަންނަ ޕޯސްޓުތަކުގައިވާ ގޮތުން ރައީސް މުއިއްޒު އައިޖީއެމްއެޗް އަށް ދިޔައީ ރޭޕްގެ ޝިކާރައަކަށްވެފައިވާ އަންހެން ކުއްޖަކާ ބައްދަލުކުރުމަށެވެ.

ހޯމަ ދުވަހު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މަގުމަތީ ހަރަކާތްތެރިވަމުން ދިޔަ ފުލުހުންގެ އެހީތެރިކަމަށް އަންހެން ކުއްޖަކު އެދިފައިވާކަމަށެވެ. އަދި އައިޖީއެމްއެޗްއަށް ގެންދިޔުމުން އެ ކުއްޖާއަށް ޖިންސީ އަނިޔާ ކޮށްފައިވާކަމަށް ބެލެވޭކަމަށް އައިޖީއެމްއެޗްއާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

މީސްމީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓުގައި ބުނެފައިވަނީ އެ ކުއްޖާއަށް ޕީއެންސީއަށް ނިސްބަތްވާ 5-6 މީހުންގެ ފަރާތުން ޖިންސީ އަނިޔާ ލިބިފައިވާކަމަށެވެ. 14 ވަނަ ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ބޮޑު ޖަލްސާތެރޭ ހިނގި ކަމެއްކަމަށް ފާހަގަކޮށް އެ ޕޯސްޓުގައި ބުނެފައިވަނީ ރައީސް މުއިއްޒު އެ ކުއްޖާއަށް ޒިޔާރަތްކުރީ އެ މައްސަލަ ހިންދާލުމުގެ ގޮތުންކަމަށެވެ.

އެ ޕޯސްޓުގައި ހިއްސާކޮށްފައިވާ ސްކްރީންޝޮޓަށް ބަލާލާއިރު އެއީ އައިޖީއެމްއެޗްގެ ވައިބަރ ގްރޫޕެކެވެ. އެ ގްރޫޕްގައި ކޮންމެވެސް މީހަކުވަނީ އެ ކުއްޖާއަށް ޒިޔާރަތްކުރަން ރައީސް މުއިއްޒާއި މެޑަމް ސާޖިދާގެ އިތުރުން މިނިސްޓަރަކާއި މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުލް ރައްޒާގް ހަލީމް ވަޑައިގެންނެވި ކަމަށް ބުނެފައެވެ.

ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ އެ ކުއްޖާއަށް ބިރު ދެއްކުމަށް ގޭންގަކުން ވަދެފައިވާތީ މިހާރު އެ ކުއްޖާ ހޮސްޕިޓަލްގެ ސީކްރެޓް ރޫމަކަށް ޝިފްޓުކޮށްފައިވާކަމަށެވެ.

މިކަމާ ގުޅޭގޮތުން އަދި ސަރުކާރުގެ ބަހެއް އަދި ފުލުހުންގެ ފަރާތުން ވެސް އިތުރު މައުލޫމާތެއް ލިބިފައިނުވެއެވެ.

ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކާ ގުޅޭ މައުލޫމާތު ފެތުރުމުގައި، އެފަރާތްތައް އިތުރަށް ވިކްޓިމައިޒް ނުކުރުމަށާއި، އަނިޔާ ލިބުނު ފަރާތާއި އެ އާއިލާގެ އިހުސާސްތަކަށް ފުރިހަމައަށް އިހުތިރާމްކޮށް، އަދި އެފަރާތްތަކުގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަކަށް އަމަލުކުރުމަށް ފުލުހުން އެދިފައިވާތީވެ, މި ނޫހުން އިތުރަށް އެ އަންހެންކުއްޖާގެ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރާނެކަން ފާހަގަކޮށްލަމެވެ.

މިހާތަނަށް މި ޚަބަރުގައި ފާހަގަކޮށްފައިވާ އެ ކުއްޖާއާއި ބެހޭ (އަންހެނެއް ކަމާއި އުމުރު) މައުލޫމާތުތަކަކީ ފުލުހުން ހިއްސާކުރި މައުލޫމާތުތަކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved