ރާއްޖޭގައި ތަރައްގީކޮށްފައިވާ ގިނަ އެއާޕޯޓުތަކަށް ބަރަވެލި ނޫނީ ނާރާ ކަމަށާއި އެއާޕޯޓުތަކަށް މިހާރު ކުރަމުންދާ އިންވެސްޓްމަންޓްތަކަކީ އިސްރާފެއް ކަމަށް ވިދާޅުވެ, ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ފާޑުކިޔުން އަމާޒުކުރައްވައިފިއެވެ.
ބަޖެޓަށް ބަހުސް ކުރައްވައި ސިޔާމް ވިދާޅުވީ އެއާޕޯޓެއް ހެދުމަށް 10 ނުވަތަ 11 މިލިއަން ޑޮލަރު ހަރަދު ވާ ކަމަށެވެ. އެހެންނަމަވެސް އެ އިންވެސްޓްމަންޓްގެ ބަދަލުގައި އެއްވެސް ފައިސާއެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ. އަދި މިގޮތަށް އެއާޕޯޓުތައް އެޅުމަކީ އިސްރާފެއް ކަމަށް ސިޔާމް ވިދާޅުވި އެވެ.
ޅ އަތޮޅުގައި އެއާޕޯޓެއް އަޅާފައި އޮންނައިރު އެތަނަށް ޖެއްސި ފްލައިޓެއް ނެތް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ސަރުކާރުގެ ޕޮލިސީތައް ރަނގަޅުކޮށް މިގޮތަށް ކުރާ އިންވެސްޓްމަންޓަކީ ފައިދާ ވާ އެއްޗަކަށް ވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ބިން ހިއްކުން ފަދަ މަޝްރޫއުތަކަކީ އިންވެސްޓްމަންޓްތަކެއް ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ސިޔާމް ވިދާޅުވީ ދ. މީދޫ ބިން ހިއްކާފައި އޮންނަތާ 15 އަހަރު ވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމުން އެއްވެސް ރައްޔިތަކަށް ފައިދާ ނުވާ ކަމަށް ވިދާޅުވި އެވެ.
ހުރިހާ ސަރުކާރަކުން ވެސް ހުރިހާ ރަށެއްގައި ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދާ ކަމަށާއި ކިތައް ރަށުގައި ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދެވިއްޖެތޯ އަދި އެއިން ފައިދާވީ ކިތައް ރައްޔިތުންނަށްތޯ ސުވާލު އުފެއްދެވި އެވެ. މިފަދަ މަޝްރޫއުތަކުން ފައިދާ ކުރާނަމަ ރާއްޖެ މިއަދު އޮތް ދަތި ހާލަތަށް ނުދާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަލިއަޅުއްވާލައްވައި އަދި ފޮރިން އިންވެސްޓްމަންޓްތައް ރާއްޖެ އައުމާއެކު ރާއްޖޭގެ އިގްތިސާދު ފުޅާވާނެކަމަށް ފިނޭންސް މިނިސްޓަރު ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވައި ސިޔާމް ވިދާޅުވީ ފަތުރުވެރިކަމުގެ 90 އިންސައްތަ އޮތީ ފޮރިން އިންވެސްޓްމަންޓްގެ ތެރޭގައި ކަމަށާއި ރާއްޖޭގައި ޑޮލަރު ހަރުލަނީ ވެސް މަދު ވިޔަފާރިވެރިއެއް ކުރާ މަސައްކަތުން ކަމަށް ވިދާޅުވި އެވެ.
ސިޔާމްގެ އިތުރުންވެސް ގިނަ ބަޔަކު އަންނަނީ މި ސަރުކާރުން ކައިރި ކައިރީ އެއާޕޯޓު އަޅަމުން ގެންދާތީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.