

ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން މަޝްހޫރު ވިޔަފާރި ކުންފުނި ސަން ޓްރެވަލްއާ ހަވާލުކުރުމަށް 17 މިލިއަން ރުފިޔާ ހަވާލުކޮށްފައިވާނެ ކަމަށާ އެއީ ޑޮލަރު ގަތުމަށް ހަވާލުކުރި ފައިސާ ކަމަށް ރ. ފުއްގިރި މައްސަލައިގައި ދިފާއީ ހެއްކެއްގެ ގޮތުގައި ހެކި ބަސް ދިން އަބްދުﷲ ރަޝީދު ހާމަކޮށްފިއެވެ.
މުލިީއާގޭގެ އެކްސްޓާނަލް އެފެއާޒްގެ ހެޑްގެ މަގާމުގައި އޭރު ހުރި އަބްދުﷲ ރަޝީދު ހެކި ަބސް ދެމުން ބުނެފައިވަނީ، އޭނާ ރައީސް ޔާމީން ދަންނަނީ ޕީޕަލްސް ނެޝަނަލް އަލަޔަންސް (ޕީއޭ)ގައި ސިޔާސީ މަސައްކަތްކުރި ދުވަސްވަރުން ފެށިގެން ކަމަށާ އޭނާއަކީ ރައީސް ޔާމީން އަރިހު ދިގު މުއްދަތަކަށް މަސައްކަތްކުރަމުން އަންނަ މީހެއް ކަމަށެވެ.
އެގޮތުން 2016 ވަނަ އަހަރުގެ މެދު ތެރޭގައި އެއް ރޭގެ އިޝާ ނަޟާދަށް ފަހު ރައީސް ޔާމީންގެ އެންގެވުމަށް އޭރު އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވި ގެ، ހިލާލީ ގެއަށް ގޮސް އެ ގޭގެ ސިޓިން ރޫމުގައި ނަގުދު ފައިސާއިން ހުރި 17 މިލިއަން 2 ލައްކަ 39 ހާހެއް ހާ ނަގުދު ފައިސާ ހަވާލުކުރި ކަަމަށް އަބްދުﷲ ރަޝީދު ވަނީ ބުނެފައެވެ. ފައިސާ ހަވާލުކުރީ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ ޑްރައިވަރުގެ ގޮތުގައި މަސައްކަތްކުރާ ތަންގާ ރާޖާ ނަމަކަށް ކިޔާ މީހަކާ ކަމަށެވެ. ފައިސާ ހަވާލުކުރީ ޓްރޯލީ ބޭގެއްގައި ކަމަށާ ފައިސާތައް ހުރީ 500ގެ ނޫޓުން ބަންޑްލް ކޮށްފައި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
އެ ފައިސާއަކީ ޑޮލަރު ގަތުމަށް ސިޔާމްއާ ހަވާލުކުރާ ފައިސާކަން ރައީސް ޔާމީން ހިއްސާކުރެއްވި މައުލޫމާތު އެނގޭ ކަމަށް ވެސް އަބްދުﷲ ބުނެފައިވެއެވެ. އަދި ފައިސާ ހަވާލުކުރުމަށް މަސައްކަތްކުރަމުން ދަނިކޮށް އެ ތަނަށް ނަރީޝް އާ ޝުއާއު ކިޔާ ދެ މީހަކުވެސް އައި ކަމަށާ އޭނާ އެ ފައިސާ ތަންގާ ރާޖާއާ ހަވާލުކުރި އިރުވެސް އެ ދެމީހުން ތިބޭނެ ކަމަށްވެސް އަބްދުﷲ ބުނެފައިވެއެވެ.
ޑޮލަރު ގަތުމުގެ މުއާމަލަތަކަށް ސަން ސިޔާމްއާ ހަވާލުކުރަން ފައިސާތަކެއްގެ މުއާމަލާތެް ކުރިކަމަށް ހެކި ބުނެފައިވާއިރު ރ. ފުއްގިރި މައްސަލައިގައި މަނީ ލޯންޑަރ ކުރިކަމުގެ ދައުވާ ސަން އިންވެސްޓްމަންޓުގެ މައްޗަށް ދައުލަތުން އުފުޅާފައިވެއެވެ.
އަބްދުﷲ ރަޝީދުގެ އިތުރުން ރައީސް ޔާމީނަށް ރިޝްވަތު ދިން ކަމަށް ދައުލަތުން ތުހުމަތުކުރި ކްރިކް ރިޒާ ވެސް މިއަދު ހެކިބަސް ދީފައިވެއެވެ. ރިޒާ ވަނީ ރައީސް ޔާމީންއާ ދެކޮޅަށް ވަކި ގޮތަކަށް ހެކި ބަސް ދިނުމަށް ފުލުހުންގެ ފަރާތުން އޭނާއަށް ހުށަހެޅުން އައި ކަމަށް ބުނެފައެވެ.