theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ސޯޝަލް މީޑިއާ
ރިޕޯޓު
މިދިޔަ ހަފްތާ ތެރޭ ޖިންސީ އަނިޔާގެ ތިން މައްސަލައެއް, ގައުމު ވާނުވާ ބިރުވެރިކަމެއްގައި
Yana Shareef
ޔާނާ ޝަރީފް
22 ނޮވެމްބަރު 2025

ކުށް ކުރާ މީހުން މަދުކަމަށް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވާއިރު ހަގީގަތުގައި އުފެދޭ ސުވާލަކީ މިދިޔަ ހަފްތާ ތެރޭ "ޖިންސީ އަނިޔާގެ" ތިން މައްސަލައެއް ފެންމަތިވިއިރު އެކަމެއް އެ ހިނގީ ކުށްކުރާ މީހުން ނެތީމަތޯއެވެ.

އާދެ ގައުމު ބޮޑު ބިރުވެރިކަމެއްގެ ތެރޭ އޮތްއިރު މި ތިން މައްސަލައާ ގުޅިގެން ފުލުހުންގެ ހިދުމަތުން ވެސް ރައްޔިތުންނަށް މައުލޫމާތެއް ވެސް ހިއްސާ ނުކުރެއެވެ. މީސްމީޑިއާގައި ބަޔަކު މި ވާހަކަތައް ދައްކަން ފެށުމުން ފުލުހުން މީޑިއާތަކަށް މެސެެޖެއް ކޮށްލަނީއެވެ.

މައުލުމާތު ސިއްރުކޮށްގެން ފުލުހުން ކުޅޭ ކުޅި ސަމާއަށް އަދިވެސް ބަދަލެއް ނާދެއެވެ. އެކަހަލަ މައްސަލަތަކުގައި އެކަމުގެ ޝިކާރައަށް ވާ ފަރާތުގެ ކަރާމަތަށް އުނިކަމެއް އައިސްދާނެތީ އެ މައުލޫމާތުތައް ސިއްރުކުރާކަމުގެ ބަހަނާ ފުލުހުން އަބަދުވެސް ދައްކައެވެ. ކަންމިހެން ހުރިއިރު ރައްޔިތުން ބޭނުންވަނީ އެކަމުގެ ޝިކާރައަށްވީ ކުއްޖާގެ މައުލޫމާތެއް ނޫނެވެ. ނޫސްވެރިންނާއި ރައްޔިތުން ވެސް ބޭނުންވަނީ މައްސަލައިގެ ތަހުގީގު ކުރިއަށް ދާގޮތުގެ މައުލޫމާތެވެ. ތަހުގީގު ކުރުމުގައި ފުލުހުން ކުރާ މަސައްކަތުގެ އަދާހަމައެވެ. އެހެންނަމަވެސް މިއީ ދުވަހަކުވެސް ވާކަމެއް ނޫނެވެ.

މައުލޫމާތެއް ހޯދަން ގުޅުމުން ފުލުހުންގެ ފަރާތުން ދޭ ޖަވާބަކީ "އާދެ, ބަލާލާފައި ގުޅާލާނަމެވެ." ދުވަހަކުވެސް އެ ފޯނުކޯލެއް ނާންނާނެއެވެ. ދެން ގުޅިއަސް ނުނަގާނެއެވެ. އެއީ މައުލޫމާތު ދޭން ބޭނުން ނުވާތީ ކުރާކަންކަމެވެ.

މި ހަފްތާގައި އެންމެ ފުރަތަމަ އަޑުއިވިގެންދިޔައީ މަގުމަތިން ފުލުހުންގެ އެހީތެރިކަން ހޯދި އުމުރުން 24 އަހަރުގެ އަންހެން ކުއްޖެއްގެ ވާހަކައެވެ. ފުލުހުން އެ ކުއްޖާ އައިޖީއެމްއެޗްއަށް ގެންދިޔަ އިރު އައިޖީއެމްޗްއިން ވަނީ އެ ކުއްޖާއަށް ޖިންސީ އަނިޔާ ލިބިފައިވާކަމަށް ބުނެފައެވެ. ފުލުހުން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށް ބުނިއިރު, މިކަން ހިނގައިދިޔަ ގޮތުގެ އެތައް ވާހަކައެއް މީސްމީޑިއާގައި ވަނީ ފެންމަތިވެފައެވެ.

އެގޮތުން ނޮވެމްބަރު 14 ވަނަ ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ބޮޑު ޖަލްސާ ތެރެއިން ޕާަޓީގެ މަތީ ފަޑީގެ 5-6 ވަރަކަށް މީހުން ވެގެން އެ ކުއްޖާއަށް އެއްޗެއް ބޯން ދިނުމަށްފަހު އެޕާޓްމަންޓަކަށް ގެންގޮސް ޖިންސީ ގޯނާކުރިމަމަށްވެއެވެ. އެތަނުން އެ ކުއްޖާ ނިކުމެ 16 ވަނަ ދުވަހު ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށް އައިޖީއެމްއެޗްއަށް ގެންދިޔުމުން އެ ދުވަހު ރޭ ދަންވަރު ރައީސް މުއިއްޒުގެ ދެކަނބަލުން އެ ކުއްޖާއާ ބައްދަލު ކުރަންދިޔަކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ. ހޮސްޕިޓަލްގެ ވައިބަރ ގްރޫޕަކުން ލީކްވި މެެސެޖްތަކެއްގެ ސްކްރީންޝޮޓުގައި ރައީސްގެ ދެކަނބަލުންނާއި, މިނިސްޓަރަކާއި, މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުލްރައްޒާގް ހަލީމް އެ ކުއްޖާއާ ބައްދަލުކުރުމަށް ހޮސްޕިޓަލަށް ދިޔަކަމަށްވެއެވެ. އެހެންނަމަވެސް މީގެން އެއްވެސް ކަމެއްގެ ވާހަކަ ސަރުކާރުން ނުބުނެއެވެ. މިއީ ހަގީގަތެއް ނޫންނަމަ އެ ވާހަކަ ވެސް ނުބުނެއެވެ.

މީގެއިތުރުން "ވަޅި" ހިފައިގެން ހޮސްޕިޓަލަށް ގޭންގެއް ވަދެ އެ ކުއްޖާއަށް ބިރު ދެއްކިކަމުގެ ވާހަކަތަކެއްވެސް ދެކެވެއެވެ. މިއާއެކު އެ ކުއްޖާ ހޮސްޕިޓަލްގެ ސިއްރު ކޮޓަރިއަކަށް ބަދަލުކުރެވިފައިވާކަމަށް ވެސް ބުނެއެވެ. މިއީ ފުރަތަމަ ހާދިސާއެވެ.

ދެވެނަ ހާދިސާއަށް ޖެހޭއިރު, މާފަންނު ގެއެއްގެ ތެރޭގައި، 18 އަހަރުގެ އަންހެނަކު ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެއް ފުލުހުންނަށް މި ހަފްތާގެ އަންގާރަ ދުވަހު ރިޕޯޓުކުރިކަމަށްވެއެވެ. މި މައްސަލައިގައި ހައްޔަރުކުރީ ހ. ފޯސީޒަން، އުމުރުން 19 އަހަރުގެ އަހްމަދު އާހިލް މުނާޒެވެ. ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެހެންނަމަވެސް އެ އަންހެން މީހާ ރަހީނުކުރި ސަބަބާއި، އޭނާއަށް ކޮށްފައިވާ އަނިޔާގެ ތަފުސީލެއް ވެސް ފުލުހުން ނުދެ އެވެ.

ތިންވަނަ ހާދިސާއަށް ބަލާލާއިރު, އެމްއެންޑީއެފްގައި މަސައްކަތްކުރަމުންދާ މީހަކު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެނެއްގެ ކުޑަ ދެ އަންހެން ކުދިން ކުރިމަތީގައި ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަންހެން މީހާގެ ރުހުމުގައި ހިންގި މި އަމަލުގެ މަންޒަރު ދައްކައި، އެ ކުދިން ގްރޫމްކޮށްގެން ޖިންސީ ގޯނާކޮށްފައިވާ ކަމަށް އެ ތުހުމަތުގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން ބުނެފައިވަނީ، މިފަދަ މައްސަލަ އެެ މުއައްސަސާއަށް މިމަހުގެ 16 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މައްސަލަ ތަހުގީގުކުރަމުންދާ ކަމުގެ މައުލޫމާތު ފިޔަވާ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.

މި ތިން މައްސަލައިގެ ވެސް މާ ބޮޑު ތަފްސީލެއް ފުލުހުން ހާމަ ނުކުރިތާ މައްސަލައިގެ ތަހުގީގަށް ބަޔަކު ހާޒިރުކޮށްފައިނުވާކަމުގެ އަޑުތަކެއްވެސް ފެތުރިފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved