ޕީއެންސީ ސަރުކާރަށް ދެ އަހަރުވެގެން ރައީސް މުހައްމަދު މުއިއްޒު އިއްވި ރިޕޯޓުގައި ރައްޔިތުންނަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތްކަމަށް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންެއެފް އިން ޒުވާނުންނަށް ހާއްސަކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި "ރައިޒް އަޕް ޔޫތް" އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސްކޫލްތަކުގައި ވެސް ކޮންމެ އަހަރަކު ރިޕޯޓެއް ނެރޭކަމަށެވެ. އެއީ އަހަރެއް ތެރޭ ކުދިންނާއި ޓީޗަރުން ކުރި މަސައްކަތުގެ ފެންވަރު ދައްކުވައިދޭ ރިޕޯޓެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ހަމައެފަދައިން ސަރުކާރުން ވެސް, ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބޮޑު ޖަލްސާއެއް ބާއްވާފަ, ވޭތުވެދިޔަ ދެ އަހަރު ތެރޭ ސަރުކާރުން ކުރި ކަންތައް ކީއިރު, ހާމަވެގެންދިޔައީ ރައްޔިތުންނަށް ބޭނުންވާ އެއްކަމެއް ވެސް ސަރުކާރަށް ނުކޮށްދެވޭކަންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އަޅުގަނޑު ގެޔާ މާ ދުރު ނޫން ހިސާބެއްގައި, އެ މުއިއްޒު އަޅުގަނޑަށް އަޑުއިއްވަން ކަންނޭނގެ އެކަން އެ ކުރީ, މިއޮތް ރިޕޯޓު އިއްވާ ނިންމަނީ.. މި ދެ އަހަރު ކުރެއްވި އެއްވެސް ކަމެއް ވިދާޅެއް ނުވޭ..
ރައީސް ޔާމީން ވިދާޅުވީ, ސަރުކާރަށް ދެ އަހަރު ވެގެން ނޮވެމްބަރު 14 ވަނަ ދުވަހުގެ ރޭ އޮތް ޖަލްސާގައި ރައީސް މުއިއްޒު ވަރުގަދަޔަށް ވިދާޅުވީ މިތާ ގާނޫނާ ހިލާފަށް އުޅޭ ހުުރިހާ ބިދޭސީން ފޮނުވާލާނެކަމަށެވެ.
ބިދޭސީން ފޮނުވާލަންޏާ އެއީ ރަނގަޅުކަމެއްކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ދެ އަހަރު ކުރެެވުނު ކަމެއް ފާހަގަނުކުރައްވާ ހައްތަހާ ވެސް ރައީސް މުއިއްޒު ވިދާޅުވީ "ރަސްމާލެ" އިން 15,000 މީހުންނަށް, ކާށިދޫ ކަނޑުން 30,000 ހާސް މީހުންނަށް އަދި ބަރަވެލި ކަނޑުން 20,000 މީހުންނަށް ގޯތި ދެއްވާނެކަމަށެވެ. ރައީސް މުއިއްޒަށް ކޮށްދެވުނު ކަންތައްތަކުގެ ބަދަލުގައި ވިދާޅުވެވުނީ ހައްތަހާވެސް ކޮށްދެއްވާން ހުރި ކަންކަންކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ފާޑުކިޔުން އަމާޒުކުރެއްވިއެވެ.
ބިން ހިއްކުމަކީ ފަސޭހަކަމެއްކަމަށާއި އެހެންނަމަވެސް ދެން ހުންނަ (އެއްގަމު ތޮށިލުމާއި, ކަނޑު ތޮށިލުމާއި, އިންފްރާސްޓްރަކްޗަރާއި, ކަރަންޓާ ފެނާއި ނަރުދަމާ) ފަދަ ކަންކަން ކުރުމަކީ ބޮޑުކަންތައްތަކެއްކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ކިތަންމެ މުރާލި ނަމަވެސް އެ ހުރިހާ ކަމެއް ކޮށް ނިމޭއިރު އެނދުދާން ކުރާނެކަމަށެވެ.