ރައީސް ޑރ.މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަބަލުން, ސާޖިދާ މުހައްމަދަށް ހުރަވީ ދުވަސް އޮޅިއްޖެއެވެ.
ހުރަވީ ދުވަސް ފާހަގަ ކުރަނީ ޖުމާދިލްއާހިރާ މަހުގެ 3 ވަނަ ދުވަހުގެ ގޮތުގައެވެ. މިއަދަކީ ޖުމާދިލްއާހިރާ މަހުގެ 2 ވަނަ ދުވަހެވެ.
ރަސްމީ އެކްސް އެކައުންޓުގައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވަނީ ހޮޅީންގެ ނުރައްކަލުން ރާއްޖެ މިންޖުކޮށްދެއްވި ހިތްވަރު ގަދަ ގައުމީ ޖިހާދަށް 3 ގަރުނު ވާން ކައިރިވީ އިރުވެސް އެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ދިރެމުންދާ ކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނުގެ ޕޯސްޓުގެ ފަހުން ސާޖިދާވެސް އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓުގައި ވަނީ ދޮންބަންޑާރައިންގެ އަގުހުރި ޤައުމީ ޖިހާދަށް ފަޚުރުވެރިވެ، ޝުކުރާއި ސާބަސް ދެއްވާކަމަށް ކަމަށް ވިދާޅުވެފައެވެ. އެކަމަނާ ތަހުނިޔާ މެސެޖް ނިންމަވާލެއްވީ ދިވެހީންނަކީ އަބަދުވެސް، ޤައުމު އިސްކުރާ، މިނިވަންކަމާއި އަމިއްލަވަންތަކަން ޙިމާޔަތްކުރާ، ރަށްވެހި، އުފާފާގަތި ބަޔެެއްގެ ގޮތުގައި ލެހެއްޓެވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.
މީގެއިތުރުން ރައީސް އޮފީހުން ނެރުނު ޚަބަރުގައި ވެސް ރައީސް މުއިއްޒުގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓުގެ ވާހަކަ ފާހަގަކޮށް ބުނެފައިވަނީ "މިއަދަކީ ހުރަވީ" ދުވަސްކަަމަށެވެ.
ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ދޮންބަންޑާރައިން ހޮޅިންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވި ދުވަހުގެ ގޮތުގައެވެ
ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުމާދުލްއާޚިރާ މަހުގެ 3 ވަނަ ދުވަހެވެ.
ގައުމުގެ މިފަދަ ބޮޑު ދުވަހެއް ފާހަގަކުރާ ދުވަސް ގައުމުގެ ވެރިމީހާއަށް ނޭނގުމަކީ ވަރަށް ދެެރަކަމެކެވެ.