ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދެއްވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފްއިން އާންމުކުރި ނޫސްބަޔާނެއްގަ ބުނެފައިވަނީ، މުޅި ރާއްޖެއަށް ކުރިއަށް އޮތް ތިން ދުވަހަށް މޫސުން ގޯސްވާނެކަމަށާއި، ޚާއްޞަކޮށް މުޅިރާއްޖެއަށް އާންމުގޮތެއްގައި ވައިބާރުވެ، ވިއްސާރަވެ، ކަނޑުތައް ގަދަވާނެކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރާކަމަށެވެ.
ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި، ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށާއި، މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ އިތުރަށް ބަރު ނުކުރެއްވުމަށާއި، ދޯނީގައި ލައިސަން ބެހެއްޓުމަށް ވެސް އެމްއެންޑީއެފްއިން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން، ރޭގަނޑު ދަތުރުކުރައްވާ ނަމަ އިތުރަށް ސަމާލުވުމަށާއި، ޑައިވިންގ އަދި ވޯޓަރ ސްޕޯރޓްސް އިންތިޒާމުކުރައްވާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއްދެއްވުމަށް އަދި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރެއްވުމަށް ވެސް އެ އިދާރާއިން ވަނީ އެދިފައެވެ.
މި ދުވަސްވަރަކީ އާންމު ގޮތެއްގައިވެސް ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ. މޫސުމަށް ސަމާލުކަން ދީގެން މެޓު އޮފީހުން ނެެރޭ ސަމާލުތަކަށް އިސްކަން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި މުސުން ގޯސް ވެދާނެކަމަށް އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ވެސް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.