އެއްވެ އުޅުމުގެ ހައްގު ހަނިކޮށްފައި ބޭއްވުމަށް ޕީއެންސީއިން ނިންމައިފިއެވެ.
ކުރިއާލައި ހުއްދަ ނަގައިގެން ނޫނީ ވަކި ސަރަހައްދުތަކަކަށް އެއްވެ އުޅުން މަނާކުރާ ގާނޫނު އުވާލުމަށް ރައްޔިތުން މަޖިލީހަށް ހުށަހެޅުމުން އެކަން އެގޮތަށް ނުކުރަން ނިންމާ ވެރިކަން ކުރާ ޕާޓީ ޕީއެންސީއިން ނިންމީ މިއަދު މަޖިލީހުގައި ނެގި ވޯޓުގައި 48 މެމްބަރުންގެ ވޯޓުންނެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅި އެ ބިލު ބަަލައިގަތުމަށް ވޯޓު ދިނީ 11 މެންބަރުންނެވެ. އެއީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނާއި އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާންއެވެ.
މީކާއިލް މިފަދަ ބިލެއް ހުށަހެޅުއްވީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތްއިރު އެ ގާނޫނު އުވާލަން ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ބިލު ޕާކު ކޮށްފައި ބޭއްވުމަކީ ގޯހެއްކަން ގަބޫލުކުރައްވާއެވެ.
ޕީއެންސީއިން މިފަދައިން ނިންމީ މިހާރު އެ ޕާޓީ ވެރިކަމުގައި އޮވެ އިދިކޮޅުން އިހުތިޖާޖުތައްކޮށް ސަރުކާރަށް ދުއްތުރާކުރާނެކަމުގެ ބިރު އޮތުމުން ކަމަށް ބެލެވެއެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި އެ ގާނޫނަށް އަމަލު ކުރާތީ، އެކަމަށް ވަރަށް ބޮޑަށް މިހާރުގެ ސަރުކާރު ހިންގާ ޕާޓީގެ ބޭފުޅުން، ފާޑުވިދާޅުވަމުން ގެންދެވިކަން ފާހަގަކޮށްލެވެއެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އެ ގާނޫނު އުވައިލާނެ ކަމަށް މިހާރުގެ ބަންޑާރަނައިބު، އަހުމަދު އުސާމް ވެސް އޭރު ވިދާޅުވެފައިވެސް ވެއެވެ.
ހޯމް މިނިސްޓްރީއިން އަންގާ ސަރަހައްދެއް ފިޔަވައި އެހެން އެއްވެސް ތަނަކަށް ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅުން މަނާކޮށް، ގާނޫނު ފާސްކުރީ އޯގަސްޓް 17، 2016 ގައެވެ. ހޯމް މިނިސްޓްރީން އޭރު ކަނޑައަޅާފައި އޮތީ ހުއްދަ ހޯދުމަކާ ނުލައި އެއްވެވޭނީ ހަމައެކަނި މާލޭގެ ކަނިވާ ސަރަހައްދަށް ކަމަށެވެ.
އެއްވެ އުޅުމުގެ ހައްގު ފުޅާ ކުރުމުގެ ވާހަކަ ރައީސް މުއިއްޒު ކޮޕީކޮށްގެން އުޅުނު މެނިފެސްޓޯގައި ވެސް ވަނީ ހިމަަނާފައެވެ. އެގޮތުން ރައީސް އޮފިހުގެ ވެބްސައިޓުން ވެސް ފެންނަން އޮތް މެނިފެސްޓޯގެ 19.11 ވަނަ މާއްދާގައި ބުނެފައި ވަނީ އެއްވެ އުޅުމަކީ އަސާސީ ހައްގެއްގެ ގޮތުގައި ބަލައި ކުރިއަރާފައިވާ ގައުމުތަކުގެ މިންގަނޑުތަކަށް ބެލުމަށްފަހު އިސްލާމް ދީނާ ހިލާފުނުވާނެ ގޮތަށް އެއްވެ އުޅުމުގެ މިނިވަންކަން ފުޅާ ކުރައްވާނެ ކަމަށެވެ. އަދި މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް އެ ގާނޫނު އުވައިލަން ހިމަނާފައިވެއެވެ.