ކުރިން ގެވެށި އަނިޔާއާއި އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައް ސިފަވެފައި އޮންނަނީ ހަމައެކަނި އާއިލީ މައްސަލަތަކެއްގެ ގޮތުގައެވެ. އަދި އެއީ އެހެން ފަރާތްތަކުން ނުވަތަ ސަރުކާރުން ވެސް އެކަމާއި ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ ކަމެއް ނޫންކަމަށް ދެކެމުން އައި ދުވަސްތަކެއް ދިޔައެވެ.
މިގޮތަށް ވިސްނުމުގެ ނަތީޖާއަކަށް ވެފައިވަނީ، ގިނަ އަންހެނުން އެމީހުންގެ މުޅި އުމުރު އަނިޔާއާއި، ހިތާމައާއި، ބިރުވެރިކަމުގެ ތެރޭގައި ދިރިއުޅެން މަޖުބޫރުވުމެވެ. އެ ހާލަތުން އަރައިގަނެ އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވި ނަމަވެސް، މުޖުތަމަޢުން އެކަމާމެދު ދެކޭނެ ގޮތާމެދު ބިރުގަނެ، އެކަމަށް އިސްނަގަން ނުކެރި ތިބި މީހުންވެސް މަދެއް ނޫނެވެ.
އެހެން ކަމުން އެފަދަ އަނިޔާވެރި އަދި ބިރުވެރިކަމުން އަނިޔާލިބެމުންދިޔަ އަންހެނުން ސަލާމަތްކުރުމަށް މުޖުތަމަޢުގެ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަމުގެ އިތުރުން ސަމާލުކަން ބޭނުންވެއެވެ.
މިއީ ޙައްލު ހޯދަން އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ މުހިންމު މައްސަލައެކެވެ. އެއްވެސް ސަބަބެއް ނެތި ހޮބީއެއްގެ ގޮތުގައިވެސް އަނިޔާކުރާ މީހުންތިބޭކަން އަނިޔާލިބޭ ބައެއް އަންހެނުން ފާހަގަކުރެއެވެ.
އެހެންކަމުން ގެވެށި އަނިޔާއާއި އަންހެނުންނަށް ކުރިމަތިވާ ތަފާތު އެކި އަނިޔާގެ މައްސަލަތަކަކީ ހަމައެކަނި އާއިލީ މައްސަލައެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އިޖުތިމާޢީ އަދި ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ބޮޑު މައްސަލައެއްގެ ގޮތުގައި ދެކެންޖެހެއެވެ. އަދި އެގޮތަށް އެންމެންވެސް ވިސްނުން ބަދަލުކުރަންޖެހެއެވެ.
ގެވެށި އަނިޔާގެ ތެރޭގައި ހިމެނެނީ ފިރީން އަނބީންނަށް، އަނބީން ފިރިންނަށް ކުރާ އަނިޔާއާއި، މައިންބަފައިން ދަރިންނަށް ކުރާ އަނިޔާއާއި، ދަރީން މައިންބަފައިންނަށް ކުރާ އަނިޔާއާއި، އެކަކު އަނެކަކަށް ކުރާ ތަފާތު ބާވަތްތަކުގެ އަނިޔާތަކެވެ. މި ފަދަ އަނިޔާ ތަކުގެ ތެރެއިންވެސް އެންމެ ގިނައިން ހުށައަޅާކަމަށް ތަފާސްހިބާތުކަށް ދައްކަނީ އަންހެނުންނަށް ކުރާ ތަފާތު އެކި ބާވައްތަކުގެ އަނިޔާއެއެވެ.
އެގޮތުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އަނިޔާލިބިފައިވާ މީހުންގެ އަދަދަކީ 973އެވެ. އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 619 އަންހެނަކާއި 240 ފިރިހެނުންގެ ހިމެނެއެވެ. މީގެއިތުރުން ރިޕޯޓް ކުރިއިރު ޖިންސްގެ މަޢުލޫމާތު ލިބިފައިނުވާ 114 މީހަކުވެސް ހިމެނެއެވެ. އަނިޔާ ލިބުނު މީހުންގެ ތެރެއިން 503 މީހުންނަކީ 18 އަހަރުން މަތީގެ މީހުންނެވެ. އަދި 469 މީހުންނަކީ 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ.
ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމަށް ކުރާ މަސައްކަތުގެ ހެޔޮ ނަތީޖާވެސް މުޖުތަމަޢުން އަންނަނީ ފެންނަމުންނެވެ. އެގޮތުން މައްސަލަ ރިޕޯޓްކުރާ އަދަދު އިތުރުވުމުން ދައްކުވައިދެނީ މިފަދަ މައްސަލަ ރިޕޯޓްކުރަން މީހުން މިހާރު ފަސްނުޖެހޭ ކަމެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައިވެސް ޖިސްމާނީގޮތުންނާއި ނަފްސާނީ ގޮތުން އަންހެނުންނަށް ކުރާ އަނިޔާއަށް އާންމުން ހޭލުންތެރިކޮށް، މިފަދަ މައްސަލަތައް މަދުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެހެންނަމަވެސް، މި މައްސަލަތައް މަދުކުރުމަށާއި މިކަމާމެދު އާންމުން ހޭލުންތެރިކުރުވުމަށް ތަފާތު ޕްރޮގްރާމްތައް ހިންގިނަމަވެސް މިފަދަ މައްސަލަތައް މަދުވާ މަންޒަރު ފެންނަން ނެތުމަކީ ހިތާމަ ކުރަންޖެހޭ ކަމެކެވެ.
ކޮންމެ އަހަރެއްގެވެސް ނޮވެމްބަރ މަހުގެ 25 ވަނަ ދުވަސް ފާހަގަކުރަނީ އަންހެނުންނަށާއި، އަންހެންކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައެވެ. އަދި މި ދުވަހާ ގުޅުވައިގެން "އޮރެންޖް ދަ ވޯލްޑް" މި ތީމުގެ ދަށުން އަންހެނުންނަށާއި އަންހެންކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެގޮތުން، "ސިކްސްޓީން ޑޭސް އޮފް އެކްޓިވިޒަމް އެގެއިންސްޓް ޖެންޑަރ ބޭސްޑް ވަޔަލަންސް"ގެ ނަމުގައި 16 ދުވަހުގެ ޚާއްސަ ކެމްޕޭނެއް ކުރިއަށްގެންދެއެވެ.
އަންހެނުންނާ ދެކޮޅަށް ކުރެވޭ އަނިޔާ ހުއްޓުވުމަށް ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ދުވަހު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކެމްޕޭނުގެ މައިގަނޑު މަޤްސަދަކީ އަންހެނުންނަށް ވީތީ ކުރާ އަނިޔާ ވިޔަނުދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބާރުއެޅުމެވެ. މިއަހަރު މި ކެމްޕޭނު ކުރިއަށްގެންދާނީ "ޔުނައިޓް ޓު އެންޑް ޑިޖިޓަލް ވަޔަލަންސް އެގެއިންސްޓް އޯލް ވިމެން އެންޑް ގާލްސް" މި ޝިއާރުގެ ދަށުންނެވެ.