ރަސްމީ އޮފީސް ހިންގަން ކުރީގެ ރައީސުންނަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ދެމުން އަންނަ 175،000 ރުފިޔާ އުނިކޮށް، ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް 25،000 ރުފިޔާގެ އިނާޔަތެއް ދޭން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި އެ އިސްލާހުގައި ވަނީ އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި ކުރީގެ ރައީސުންނަށް ދެމުން އަންނަ 175،000 ރުފިޔާގެ އިނާޔަތް ކަނޑާލާށެވެ. އަދި، ކުރީގެ ރައީސަކު ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ އެ ދައުރެއްގައާއި ދައުލަތުގެ އެހެން މަގާމެއް ފުރުއްވާ ނަމަ އެ މުއްދަތުގައި ވެސް އިނާޔަތްތައް ނުލިބޭ ގޮތަށް އިސްލާހުގައި ވަނީ ހިމަނާފައެވެ. އަދި ދައުލަތުގެ އެހެން މަގާމެއް ފުރުއްވާ ނަމަ، މާލީ އިނާޔަތް ދޭންނުޖެހޭ އިސްލާހެއް ވެސް ބިލުގައި ހިމެނެއެވެ.
މީގެ އިތުރުން، ކުރީގެ ރައީސަކު ރާއްޖެއިން ބޭރުގައި ދިރިއުޅޭ ނަމަ، އެ މުއްދަތުގައި އެ ބޭފުޅަކަށް ރައްކާތެރިކަން ފޯރުކޮށްދިނުން ލާޒިމުނުވާނެ ކަމަށް ވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅުންނަށް މާލީ އިނާޔަތެއްގެ ގޮތުގައި މިހާރު ދެނީ މަހަކު 50،000 ރުފިޔާ އވެ. އޭގެ އިތުރުން، ރައީސްކަން ކޮށްފައިވާ ބޭފުޅުންނާއި އެބޭފުޅުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނަށް ސަލާމަތާއި ރައްކާތެރިކަން ދޭންޖެހެއެވެ.
މި ބަދަލުތަކުގެ ސަބަބުން އަހަރަކު، 10.5 މިލިއަން ރުފިޔާ ދައުލަތަށް ސަލާމަތްވާނެ ކަމަށް އެ ބިލު މަޖިލީހަށް ހުށަހެޅި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެފައިވެ އެވެ. އެކަމަކު، ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް އިނާޔަތް ދޭން ފެށުމުން އެކަމަށް 300،000 ރުފިޔާ ހަރަދުވާނެ ކަމަށް އޭނާ ވިދާޅުވެ އެވެ. އަދި ނައިބު ރައީސުންގެ ބޭސް ފަރުވާގެ ހަރަދަށް 700،000 ހަރަދުވާނެ ކަމަށް ވެސް ލަފާ ކުރެވެއެވެ.
ހަމައެހެންމެ ނައިބު ރައީސުންނަށް ބައެއް އިނާޔަތްތައް ދިނުމަށް ވެސް އިސްލާހުގައި ވަނީ ހިމަނާފައެވެ. އެގޮތުން، މާލީ އިނާޔަތެއްގެ ގޮތުގައި މަހަކު 25،000 ރުފިޔާ، އަދި ދިވެހިރާއްޖެއާއި ބޭރު ޤައުމުތަކުން ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސްފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ވަނީ ހުށައަޅާފައެެވެ.
ނަމަވެސް، ނައިބު ރައީސުން ވެސް ދައުލަތުގެ މަޤާމަކަށް ވަޑައިގެންފިނަމަ، އެ މުއްދަތުގައި އެ ބޭފުޅުންނަށް މި އިނާޔަތްތައް ނުލިބޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.
ޤާނޫނުގައި ކުރީގެ ނައިބު ރައީސުންނަށް އެއްވެސް އިނާޔަތެއް ލިބޭ ގޮތަށް މިހާރަކު ނޯވެއެވެ.
އާ އިސްލާހުގައި ބުނެފައިވާ ގޮތުން، އިޤްތިޞާދީ ތަދުމަޑުކަމަކާ ގުޅިގެން ޚަރަދު ކުޑަކުރުން ކޮންމެހެން މުހިންމުވާ ހާލަތެއް އަތުވެއްޖެނަމަ، ސަރުކާރުން ބޭނުންވާ ގޮތަށް ކުރީގެ ރައީސުންނާއި ނައިބު ރައީސުންނަށް ދެވޭ އިނާޔަތްތަކަށް ބަދަލު ގެނެވޭނެއެވެ. އެކަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާކަށް ލާޒިމެއް ނުވާނެއެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދޭން ފެށީ 2009 ވަނަ އަހަރު އެވެ. މި ނިޒާމުގެ ދަށުން، އެއް ދައުރު ފުރިހަމަކުރައްވާފައިވާ ރައީސުންނަށް މަހަކު 50،000 ރުފިޔާގެ އިނާޔަތެއް ދެވޭއިރު، ދެ ދައުރު ފުރިހަމަކުރައްވާފައިވާ ރައީސުންނަށް މަހަކު 75،000 ރުފިޔާ ދެއެވެ. މީގެ އިތުރުން، ކުރީގެ ރައީސުންނަށް ދިރިއުޅުއްވުމަށް ބޭނުންވާ ތަނެއް ހަމަޖެއްސުމުގެ ޚަރަދަށް 50،000 ރުފިޔާ ދެމުން އަންނައިރު، އެ ބޭފުޅުންގެ އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި ގާތްގަނޑަކަށް 175،000 ރުފިޔާ އަންނަނީ ދެމުންނެވެެ.