ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި މާލެއިން ދީފައި ހުރި ބިންތަކެއްގެ މައްސަލަ ހިމެނޭ ގޮތަށް ފާހަގަކޮށް، މާލޭން ނަހަމަ ގޮތުގައި ކުއްޔަށް ދީފައިވާ ބިންތަކުގެ ކޮންޓްރެކްޓްތައް އުވާލަން ހުށަހަޅައިފިއެވެ.
އެކަން އެގޮތަށް ކުރުމަސް މަގު ފަހިކުރުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައި އެޖެންޑާ ކޮށްދިނުމަށް އެދި ހުށަހެޅުއްވީ، ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒު އާއި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު، ސައިފް ފާތިހު ސޮއިކޮށް އާޒިމްއަށް ފޮނުއްވާފައިވާ ސިޓީއެއްގައެވެ.
ސިޓީގައި އެދިފައި ވަނީ ހަތަރު ކަމެއް ސިޓީ ކައުންސިލްގެ އެޖެންޑާގައި ހިމަނައިދިނުމަށެވެ. އެގޮތުން މާލޭގެ ބިންތަކުގެ ތެރެއިން ނަހަމަ އަގުތަކާއި ޝަރުތުތަކުގެ މައްޗަށް ދޫކޮށްފައިވާ ބިންތަކުގެ ކޮންޓްރެކްޓުތައް މުރާޖާ ކުރުމަށްފަހު، އަގާއި ޝަރުތުތަކަށް ބަދަލު ގެންނައުމަށް ނުވަތަ އުވައިލުމުގެ މަސައްކަތް ފެށުމުގެ މައްސަލަ އެޖެންޑާ ކޮށްދިނުމަށް އެ ސިޓީގައި އެދިފައިވެއެވެ.
ވަރަށް ފަހުން އެ ކައުންސިލުން އާންމުކުރި މާލޭގެ ބިންތަކުގެ ތަފްސީލުތައް ހުރި ލިސްޓުގައި ކުށް ހުރި ކަމަށާއި ފުރިހަމަނުވާ މައުލޫމާތު ހުރިކަމަށް ވެސް ސިޓީގައި ފާހަގަކޮށްފައިއެވެ.
މާލެއާއި ވިލިމާލޭއިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތަފުސީލުތައް މާލެ ސިޓީ ކައުންސިލުން އާންމުކުރީ، މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އޭގެ މިސާލެއްގެ ގޮތުން ސިޓީގައި ވަނީ، ވަސްމީރު ޕްރައިވެޓް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް އަލިމަސް ކާނިވަލުން ކުއްޔަށް ދީފައިވާ ބިމުގެ ބޮޑުމިނަކީ، 1،309 އަކަފޫޓު ކަމަށެވެ. ނަމަވެސް، ކައުންސިލްގެ ސެކެޓްރީ ޖެނެރަލް މިދިޔަ މަހު 30ގައި ސޮއިކުރައްވައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ފޮނުއްވި ސިޓީގައި އެ ބިމުގެ ބޮނުމިނެއް ކަމަށް އޮތީ 2،530 ކަމަށެވެ. އެއީ، 1،221 އަކަފޫޓުގެ ތަފާތެއް ކަން ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.
ދެވަނަ ކަމަކަށް އެ ސިޓީގައި ކައުންސިލަރުން ފާހަގަކުރެއްވީ، ކައުންސިލުން ބިން ދޫކުރުމުގައި އެއްވެސް ހަމައެއް ލަމައެއް އޮތް ކަމަކަށް ނުފެންނަ ކަމަށެވެ. އެގޮތުން، ސައިޒާއި ލޮކޭޝަނާއި އަގުގައި މިންގަނޑެއް ނެތް ކަމަށާއި އެއްތާކުން ދެ ބަޔަކަށް ދޭ ދެ ބިމެއްގައި ވެސް އަގުގެ ފަރަގު އިންތިހާއަށް ހުރި ކަމަށް ބުނެފައިވެއެވެ.
"މިސާލަކަށް ޓީ އެންޑް ސީ ޕްރައިވެޓް ލިމިޓެޑުން އަލިމަސް ކާނިވަލުން ދީފައިވާ 2،026 އަކަފޫޓުގެ ބިމެވެ. މަހު ކުއްޔަކީ 29،260 ރުފިޔާއެވެ. މުއްދަތަކީ 20 އަހަރެވެ. އަޕްފްރަންޓް ޕޭމަންޓެއްގެ ގޮތުގައި 500،000 ނަގާފައިވެއެވެ. ހަމަ ޖެހިގެން އައި ދުވަހު ހަމަ އެސައިޒުގެ ބިމެއް، ހަމަ އަލިމަސް ކާނިވަލުން، ހަމަ އެ ޝަރުޠުތަކުގެ މައްޗަށް ސޭލްސްކޯ ޕްރައިވެޓް ލިމިޓެޑަށް ދިނީ މަހަކު އެންމެ 10،000 ރުފިޔާއަށެވެ." އެ ސިޓީގައިވެއެވެ.
ސިޓީ ކައުންސިލުން ނެރުނު ދަފުތަރުން ދައްކާ ގޮތުގައި އެ ބިންތައް ހަވާލުކުރީ، ރައީސް މުއިއްޒުގެ މޭޔަރުކަމުގައި، ސެޕްޓެމްބަރު 2023ގައެވެ.
އޭގެ އިތުރަށް، ރައީސް މުއިއްޒު މޭޔަރުކަމުގައި ހުންނެވިއިރު، ޖޫން 14، 2023ގައި މާލެ ސިޓީ ކައުންސިލްގެ ހިންގާ ގަވައިދަށް ބަދަލު ގެނެސް، ދިގު އަދި ކުރު މުއްދަތަކަށް ވިޔަސް ހުސް ޖާގައެއް ކުއްޔަށް ދޫކުރާނަމަ ކައުންސިލްގެ އާންމު ރަސްމީ ޖަލްސާއަށް ހުށަހަޅަން ޖެހޭ ގޮތަށް ހެދި ކަމަށް ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އަދި އޭގެ ފަހުން ވެސް، 18 ބިން ކުއްޔަށް ދޫކުރިކަން އާންމުކުރި ލިސްޓުން އެނގޭ ކަމަށް ކައުންސިލަރުން ސިޓީގައި ވިދާޅުވެފައިވެއެވެ.
"އިވޭ ގޮތުގައި އެ ބިންތައް ކުއްޔަށް ދިނީ ޕްރޮޖެކްޓުތަކާ އަޅުވައެވެ. ނުވަތަ ވަކި އިންވެސްޓުމަންޓުތަކެއް ޝަރުތުކޮށްފައެވެ. ބިން ދެނީވިއްޔާ ކައުންސިލްގެ ފްލޯއިން ނިންމުމަކީ، ޖޫން 14، 2023ގެ ފަހުން ލާޒިމު ކަމެއް," ސިޓީގައި އިތުރަށް ތަފުސީލުކޮށްފައިވެއެވެ.
އެ ކައުންސިލަރުން ވިދާޅުވި ގޮތުގައި، ބައެއް ބިންތައް ދީފައި ހުރީ އިންވެސްޓުމަންޓުތައް ގެންނަން ޝަރުތުކޮށްފައެވެ. ނުވަތަ ކުނިކަހާ ސާފުކުރުން ފަދަ ސިޓީ ކައުންސިލުން ކުރަމުންދާ އާދައިގެ ކަންކަމާ އަޅުވާފައި ކަމަށް އެ ކައުންސިލަރުން ވަނީ ވިދާޅުވެފައެވެ.
އެ ބިންތަކުގައި ޚިދުމަތްތައް ފޯރުކޮށްނުދޭ ކަމަށާއި އިންވެސްޓުމަންޓްތަކެއް ވެސް ނުގެންނަ ކަމަށް ސިޓީގައި ވަނީ ބުނެ އެވެ. ނަމަވެސް، އެ ބިންތަކުގައި "ގަދަޔަށް" ވިޔަފާރި ކުރާކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން އެ 18 ބިން ދޭން ކައުންސިލްގެ ފްލޯއަށް ނުގެންނަ ކަމާ މި ބިންތަކާބެހޭ ކޮންޓްރެކްޓްތައް ސައްހަވާނެ އެއްވެސް ގާނޫނީ ހަމައެއް ނޯންނާނެކަން ވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މިއީ އުފެދުމުގައި ވެސް ބާޠިލު އެއްބަސްވުންތަކެއްގެ ގޮތުގައި ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، މާލޭގެ ބިންތަކުގެ ތެރެއިން ނަހަމަ އަގުތަކާއި ޝަރުތުތަކުގެ މައްޗަށް ބިންތައް ދޫކޮށްފައިވާ ކޮންޓްރެކްޓުތައް މުރާޖާ ކުރުމަށާއި އެ ކަންކަމަށް ބަދަލު ގެނައުމަށް ނުވަތަ ކޮންޓްރެކްޓުތައް އުވާލަން ކުރަން ޖެހޭ ކަންކަން ކުރުމަށް އެ ކައުންސިލަރުން ވަނީ ހުށަހަޅުއްވާފައެވެ.
އެއާއެކު، ބިން ލިބުނު މީހުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރާ މިންވަރު ހާމަކޮށްދިނުމަށާއި އެކަން ނުކުރާ މީހުންގެ ބިން ވަކިކުރުމަށް ފިޔަވަޅު އެޅުމަށް ވަނީ އެދިވަޑައިގެންފައެވެ.
ކައުންސިލްގެ ހިންގާ ގަވައިދަށް އިސްލާހު ގެނައި ފަހުން ޖަލްސާއަށް ހުށަނާޅާ، އެ ޖަލްސާގެ އަގުލަބިއްޔަތު ވޯޓަކުން ފާސްނުކޮށް، ދީފައިވާ ހުރިހާ ބިމެއް ވަގުތުން އަތުލުމާ މެދު ގޮތެއް ނިންމަން ވެސް ވަނީ އެދިފައެވެ.
އެ ކައުންސިލަރުން އެދިވަޑައިގަތީ އެކަންކަމާ މެދު މަޝްވަރާކުރުމަށް މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާއަށް އެޖެންޑާ ކޮށްދެއްވުމަށެވެ.
Councillor Mariyam Nazima and I have proposed the following be placed on next week’s @MaleCitymv jalsa agenda:
— Saif Fathih (@aekofathih) November 26, 2025
1) Review all contracts; reassess all terms, conditions, and required investments linked to land plots to ensure they align with value-for-money principles + broader… pic.twitter.com/Ly4CXgTht8
މާލޭ ސިޓީ ކައުންސިލްގެ އިއުލާނާ އެކު މާލެއާއި ވިލިމާލޭން ކުއްޔަށް ދޫކުރި ފުލެޓުތަކާއި ބިންބިމާއި ތަންތަނާއި ފައްތިޔާތަކާއި، މާލެއާއި ވިލިމާލޭގެ ލޯކަލް މާކެޓުތަކުން ކުއްޔަށް ދޫކުރި ގޮޅިތަކުގެ ތަފުސީލުތައް ވަނީ ވަކިވަކިން އާންމުކޮށްފައެވެ.
އެގޮތުން ސިޓީގައި، މާލޭގެ ބިންތަކުގެ ދަފުތަރު އާންމުކުރިއިރު، އޭގައި ހުރި ބައެއް ކުށްތަކާއި އެހެނިހެން ލިޔުންތަކުން ފެންނާން ހުރި މައުލޫމާތާ ފުށުއަރާ ކަންކަން ވެސް ފާހަގަކޮށް އެ ކަންކަން ވެސް އިސްލާހު ކުރުމަށް ސިޓީގައި ވަނީ އެދިފައެވެ.