theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް / ބީބީސީ
ހަބަރު
މޫޑީސްއިން ރާއްޖެއަށް ދީފައި އޮތް "ޖަންކް" ރޭޓިން ބަދަލެއްނުކުރި!
Mariyam Isaadha
މަރިޔަމް އިސާދާ
27 ނޮވެމްބަރު 2025
މާލެ ސިޓީ

ބައިނަލްއަގުވާމީ ކްރެޓިޑް ރޭޓިން އޭޖެންސީ މޫޑީސްއިން، ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލުކަމަށް ބަލައި ދީފައިވާ "ޖަންކް" ކްރެޑިޓް ރޭޓިން ބަދަލުނުކޮށް ދަމަހައްޓައިފިއެވެ.

އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު މޫޑީސްއިން ވަނީ ރާއްޖޭގެ ދަރަނި ބޮޑުވުމުގެ ނުރައްކާ ފާހަގަކޮށް، ރޭޓިން ސީއޭއޭ1އިން ސީއޭއޭ2އަށް ދަށްކޮށްފައިވާވުން މިދިޔަ ޑިސެމްބަރު މަހާއި މިއަހަރުގެ މެއި މަހު ވެސް ދަމަހައްޓާފައިވެއެވެ. ހަމައެއާއެކު މިއަދު މޫޑީސްއިން ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖޭގެ ރޭޓިން އަނެއްކާވެސް ސީއޭއޭ2ގައި ދެމެހެއްޓިކަން އިއުލާންކޮށްފައެވެ. ނަމަވެސް، ކްރެޓިޑް ރޭޓިން ބަދަލުވުމުގެ ފުރުސަތު ނުވަތަ "އައުޓްލުކް" މަތިކޮށްފައިވެއެވެ.

އެގޮތުން ކުރިން ދީފައި އޮތް "ނެގެޓިވް އައުޓްލުކް" މިހާރު "ސްޓޭބަލް"އަށް ވަނީ ބަދަލުކޮށްފައެވެ. މޫޑީސްގެ އައުޓްލުކް ހަތަރު ބަޔަކަށް ބެހިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ "ޕޮޒިޓިވް"، "ނެގެޓިވް"، "ސްޓޭބަލް" އަދި "ޑިވެލޮޕިން"އެވެ. އޭގެ ތެރެއިން ކުރިން ރާއްޖެއަށް ދީފައި އޮތް "ނެގެޓިވް" އައުޓްލުކްގެ މާނައަކީ ކްރެޑިޓް ރޭޓިން ދަށްކުރުމުގެ ފުރުސަތު ބޮޑު ކަމެވެ. އަދި މިހާރު ދީފައިވާ "ސްޓޭބަލް" އައުޓްލުކްގެ މާނައަކީ، މެދުރާސްތާގައި ކްރެޑިޓް ރޭޓިންއަށް އެއްވެސް ބަދަލެއް އައުމުގެ ފުރުސަތު ކުޑަކަމެވެ.

މޫޑީސްގެ ބަޔާނުގައިވާ ގޮތުން އެ ބަދަލު ގެނައީ، ސަރުކާރުގެ އިސްލާހީ ފިޔަވަޅުތަކާއެކު ބޭރުގެ ފައިސާގެ ރިޒާވް އިތުރުކުރުމާއި ދަރަންޏާއި އިމްޕޯޓަށް ބޭނުންވާ ފައިސާ ހުންނަކަން ކަށަވަރު ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެގޮތުން 2024ގައި ރިޒާވްތައް ދަށްވި ނަމަވެސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)ގައި ހުރި ބޭރު ފައިސާ މިހާރު އިތުރުކޮށްފައިވާ ކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ.

މޫޑީސްއިން ވަނީ، މިދިޔަ މަހު ބޭރު ފައިސާގެ ރިޒާވްގައި 859 މިލިއަން ޑޮލަރު ހުރި ކަމަށާއި އޭގެ ތެރޭގައި ތިން މަހުގެ އިމްޕޯޓަށް ފައިސާ ދެއްކޭ ވަރަށް ހުރި ކަމާށް ބުނެފައެވެ. އަދި އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ރިޒާވްގައި ހުރި 364 މިލިއަން ޑޮލަރާ އަޅައިބަލާއިރު ބޮޑު ކުރިއެރުމެއްކަން މޫޑީސްއިން ފާހަގަކުރިއެވެ.

ހަމައެއާއެކު މިދިޔަ އަހަރު އެސްޑީއެފްގައި ހުރީ 15 މިލިއަން ޑޮލަރު ނަމަވެސް މި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް އެ އަދަދު 126 މިލިއަން ޑޮލަރަށް އިތުރުވިކަން މޫޑީސްގެ ބަޔާނުގައިވެއެވެ.

އެހެންކަމުން، މާލީ ގޮތުން ބަލާއިރު ރާއްޖެ މިހާރު އޮތީ ދަރަނި ދެއްކުމަށް ކުރިއަށް ވުރެ ރަނގަޅު ހާލަތެއްގައި ކަމަށް މޫޑީސްއިން ބުންޏެވެ. ނަމަވެސް، މިހާރު އޮތް ހާލަތަކީ އަދިވެސް މާލީ ގޮތުން އެންމެ ރަނގަޅު ހާލަތެއް ނޫންކަން މޫޑީސްއިން ފާހަގަކޮށްފައިވެއެވެ. އަދި ކްރެޑިޓް ރޭޓިން ސީއޭއޭ2ގައި ދަމަހައްޓަން ޖެހެނީ އެހެންވެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މޫޑީސްއިން މާލީ ހާލަތު ބަލައި، ރޭޓިން ދެނީ 'އޭއޭއޭ' އިން ފެށިގެންނެވެ. އެގޮތުން އެއީ ދަރަނި ދެއްކުމުގެ އެންމެ ގާބިލު ގައުމުތަކަށް ދޭ ރޭޓިންއެވެ. އެއަށްފަހު އަންނަ ރޭޓިންތަކުގެ ތެރޭގައި 'އޭއޭ'، 'ބީއޭއޭ'، އަދި 'ބީބީ'އާއި އެއަށްވުރެ ދަށް ރޭޓިން ހިމެނެއެވެ. 'ބީބީ'އަށް ވުރެ ދަށް ރޭޓިންއެއް ދީފައިވާނަމަ އޭގެ މާނައަކީ އެއީ ދަރަނި ނުދެއްކުމުގެ ނުރައްކާ ބޮޑު ގައުމެއް ކަމެވެ.

އެހެންވެ، އެފަދަ ރޭޓިންއެއް ދީފައިވާނަމަ، އެ ގައުމެއްގައި އިންވެސްޓް ކުރުމުގެ ނުރައްކާ ފާހަގަކޮށް، އެފަދަ ރޭޓިން 'ޖަންކް' ރޭޓިންގެ ގޮތުގައި ސިފަކުރެއެވެ.

ރާއްޖެއަށް މާލީ ގޮތުން އޮތް ނުރައްކާތަކުގެ ގޮތުގައި މޫޑީސްއިން ފާހަގަކުރީ، އަންނަ އަހަރު އެކަނި ވެސް 950 މިލިއަން ޑޮލަރު ދައްކަން ޖެހުމެވެ. އޭގެ ސަބަބުން، ބޭރު ފައިސާގެ ރިޒާވާއި އެސްޑީއެފަށް އޮތް ޕްރެޝަރު އިތުރުވާކަން އެ އިދާރާއިން ފާހަގަކުރެއެވެ.


ދަރަނީގެ މިންވަރު މަތިވެފައިވުމުގެ ސަބަބުން މޫޑީޒް އިން ދީފައިވާ ސީ.އޭ.އޭ.2 ގެ ރޭޓިން ދެމެހެއްޓި ނަމަވެސް، އަންނަ އަހަރު މެޗުއާވާ 500 މިލިއަން ޑޮލަރުގެ ސުކޫކާއި އެހެނިހެން ދަރަނި އަދާކުރެވޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved