ކޮންމެ ކަމެއްގައި ވެސް ރައްޔިތުންނަށް އޮޅުވާލުމާއި ދޮގު ހެދުމަކީ މި ސަރުކާރުގެ ކަށީގައި ހިފާފައި ހުރި ނުފިލި އާދައެކެވެ. ރައްޔިތުންނަށް ވީހާ ވައުދުތަކަށް ވެސް ހަދަނީ ބޭނުން އެއްޗެކެވެ.
ކޮންމެ ކަމެއްގައި ވެސް ދޮގު ހަދާއިރު މި ސަރުކާރުން ހެދި ދޮގު ލިސްޓު ދިގުކަމުން ލިޔާ މީހާ ލިޔެ ނުނިމޭތާ ކިޔާ މީހާ ކިޔާ ކިޔާ ވާނީ ވަރުބައްޔެވެ. ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެމްޑީޕީ ސަރުކާރުން ރައީސް އަބްދުالله ޔާމިން އަބްދުލްގައްޔޫމްގެ އިސްތަށިފުޅުގައި އިލްޒާމް އަޅުއްވާ އެމަނިކުފާނު ހުރަގެއަށް ލުމުން އެކަމަށް ފާޑުވިދާޅުވެ އެކަމުގައި އުޅުއްވި ހުރިހާ ފަރާތްތަކުގެ މައްސަލަ ބަލާނެކަމަށް ވިދާޅުވެއެވެ.
ވެރިކަމަށް ވަޑައިގެން ފުރަތަމަ އަހަރު ކުރީގެ ރައްޔިތުންގެ މަޖިލިސް މެމްބަރު، އަދި މިހާރު އެ މަޖިލީހުގެ ޗީފް އޮފް ބިއުރޯ، އަހުމަދު ނިހާނު ހުސެއިން މަނިކުގެ މައްޗަށް އެމްއެމްޕީއާރުސިގެ ޚިޔާނާތުގެ މައްސަލައިގެ ތެރެއިން ދައުލަތުން އުފުލާފައިވާ ހުރިހާ ދައުވާތަކެއް އަނބުރާ ގެންދިޔައެވެ. ނިހާންގެ މައްޗަށް ދައުލަތުން އުފުލީ ރިޝްވަތު ހިފުމުގެ ތިން ދައުވާ, ރިޝްވަތު ލިބިދިނުމަށް އެދުމުގެ ދެ ދައުވާ އަދި މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާއެކެވެ.
ޕީޖީ އޮފީހުން ނިހާނަށް ފޮނުވި ސިޓީ ވަނީ އެ މައްސަލަ އެ އޮފީހުން މުރާޖައާކުރުމަށްފަހު, މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާކަން އަންގައިފައެވެ.
ނިހާންގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަށް އަނބުރާ ގެންދިޔައީ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުالله ގެ އެންގެވުމުގެ މަތިންކަމަށް މައުލޫމާތު ލިބިފައިވާއިރު މިކަން ކުރީ ވެސް މަޖިލީހުގެ އިސް މަގާމެއް ނިހާނުއަށް ދިނުމައްޓަކައެވެ.
މި ސަރުކާރުގެ ވެރިންަނަކީ ނުފޫޒު ފޯރުވަން ބޭނުންވެއްޖެ ނަމަ ކޮންމެ ތާކަށް ވެސް ނުފޫޒު ފޯރުވުމަށް ފަސްޖެހިވަޑައިގަންނަވާނެ ބައެއް ނޫންކަން މިއަދު ރައްޔިތުންނަށް ޔަގީނެވެ. ދެން އިހަކަށް ދުވަހަކު އިވިގެން ދިޔައީ ރައީސް މުއިއްޒުގެ އާއިލީ ވަކީލު ކުރީގެ ރައީސް އޮފީހުގެ މިނިސްޓަރ އަދި ބަންޑާރަ ނައިބު އާޒިމާ ޝުކޫރަށް ދައުލަތުން ކުރާ ދެ ދައުވާ އަނބުރާ ގެންދިޔަ ވާހަކައެވެ.
މަނީ ލޯންޑްރިންގއަށް މަގުފަހިކޮށްދިނުމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާޒިމާގެ މައްޗަށް ކުރެވޭ އިރު މި ދެ ދައުވާ އަނބުރާ ގެންދިޔައީ އާޒިމާ އޭނާގެ މައްސަލަ މުރާޖާ ކޮށްދިނުމަށް ހުށަހެޅުމުން މައްސަލައިގެ އަސްލު ފަރާތަކީ މައުސޫމް ބޭފުޅެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފާތީ ވާކަމަށް ދައުލަތުން ބުނެފައިވެއެވެ.
މި ހިސާބުން އުފެދުނު ސުވާލަކީ ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއްކަމަށް ސުޕްރީމް ކޯޓުން ނިންމެވުމުން ވެސް އެމަނިކުފާނުގެ މައްސަލަ ބެލުމަށް ދައުލަތުން އަނެއްކާވެސް ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓަށް ހުށަހެޅީ ކާކު ބުނެގެންތޯއެވެ. ނުވަތަ ދައުލަތުން ހާސިލް ކުރަން ބޭނުންވަނީ ކޮން މަގުސަދެއް ބާއެވެ.
ވަކި މީހަކަށް ވަކި ގޮތެއް ނޯންނާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު ކަން ކަން ހިނގަނީ ދިމާ އިދިކޮޅަށެވެ. ރައީސް މުއިއްޒު ކަންތައް ކުރައްވަނީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށެވެ. އަމަލާއި ބަހާ ނުސީދާ މިންވަރު މިވަރުން ހާމަވެއެވެ.
އިތުރުކަންކަމަށް ބަލާއިރު ވެސް އިންޑީއާއި އެކު ބާއްވާނެ ގުޅުމާއި, ސިޔާސީ މުވައްޒަފުންގެ އަދަދު 7000 އަށްވުރެ މަދުވާނެކަމާއި މި ނޫންވެސް ބައިވަރުކަންކަން އެބަހުރިއެވެ.
ރައީސް މުއިއްޒު ވެރިކަން ފެއްޓެވީ ވެސް ދޮގުންނެވެ. ވެރިކަން ދަމަހައްޓަނީ ވެސް ދޮގުންނެވެ.