theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ތޭރަގްރެފިކްސް
ރިޕޯޓު
ރައްޔިތުންގެ ބާރު ރައްޔިތުންނަށްކަމަށްބުނެ ޗަ ހަދަނީ ކޯއްޗެއް
Yana Shareef
ޔާނާ ޝަރީފް
01 ޑިސެމްބަރު 2025

މެމްބަރުން ލައްވާ ރައްޔިތުންގެ މަޖިލީހަށް ފާޑު ފާޑުގެ ބިލްތަށް ހުށަހެޅުމާއި ގާނޫނު އަސާސީއަށް އިސްލާހު ގެނެއުމުގައި ރައީސް މުހައްމަދު މުއިއްޒު ހުންނަވަނީ އަތުކުރި އޮޅާލައިގެންނެވެ. އެގޮތުން މިއަދު އަޑުއިވިގެންދިޔައީ ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު ހަނިކުރި ވާހަކައެވެ.

ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމަކީ ރައްޔިތުންނަށް މަޖިލީހަށް ޕެޓިޝަން ހުށަހެޅުމަށް އޮންނަ ފުރުސަތު ބޮޑުތަނުން ހަނިކޮށް، ގިނަ ހުރަސްތަކެއް ކުރިމަތިކުރުވާފަދަ ކަމެކެވެ. ރައްޔިތުންގެ އަޑު އިއްވުމުގެ އެންމެ މުހިންމު އެއް ވަސީލަތް ކަމުގައިވާ ޕެޓިޝަން ހުށަހެޅުމުގެ ގަވާއިދަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން، ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ރައްޔިތުންގެ ބާރު ކަނޑުވާލާ ފަދަ މި ނިންމުން މަޖިލީހުން ފާސްކޮށްފައިވަނީ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަޖިލީހުގެ ގަވާއިދަށް ހުށަހެޅުއްވި އިސްލާހަށް ވޯޓަށް އެހުމުންނެވެ. މި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ ތާއީދާއެކު، އިސްލާހު ފާސްވިއިރު، އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ނުވަ ބޭފުޅުންނެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުންގެ ހައްގުތަކަށް ދޭ ސަމާލުކަން ކުޑަވުމުގެ ހެއްކެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މަޖިލީހުގެ ގަވާއިދަށް ގެންނަން ފާސްކުރި އިސްލާހުގައިވާ ގޮތުން، އެއްވެސް ކަމެއްގައި ދެން މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅޭނީ މަދުވެގެން 500 މީހުންގެ ސޮއި އާއެކުއެވެ. މީގެ އިތުރުން ޕެޓިޝަނުގައި ސޮއިކުރާ ހުރިހާ އެންމެންގެ ފުރިހަމަ ނަމާއި އެޑްރެސްގެ އިތުރުން ފޯނު ނަންބަރު ހިމެނުމަށް ވެސް އެ އިސްލާހުގައި ލާޒިމުކޮށްފައިވެއެވެ. މި ޝަރުތުތަކަކީ ޕެޓިޝަނެއް ތައްޔާރުކޮށް މަޖިލީހަށް ހުށަހެޅުމަށް ކުރިން ހުރި ފަސޭހަތައް ނައްތާލާފަދަ ކަމެކެވެ.

އިސްލާހުގައިވާ ގޮތުން، ޕެޓިޝަނެއްގައި ސޮއިކުރާ މީހުންގެ އަދަދު، ދިވެހިރާއްޖޭގެ އާބާދީގެ 0.2 ޕަސެންޓަށްވުރެ މަދުނަމަ، އެ ޕެޓިޝަނެއް ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ ޕެޓިޝަން ސްޕޮންސާ ކުރުމުންނެވެ. މިއީ ރައްޔިތުންނަށް ސީދާ މަޖިލީހަށް ޕެޓިޝަން ހުށަހެޅުމުގެ ބާރު ކުޑަކޮށް، މަޖިލީސް މެންބަރުންނަށް ބަރޯސާވާން މަޖުބޫރުކުރާ ކަމެކެވެ.

ހަމަ އެހެންމެ، ދިވެހިރާއްޖޭގެ އާބާދީގެ 0.5 ޕަސެންޓު މީހުން ޕެޓިޝަނުގައި ސޮއިކޮށްފައިވާ ނަމަ، އެ ޕެޓިޝަނެއް މަޖިލީހުގެ ޖަލްސާއެއްގައި ބަހުސްކުރަން ހުށަހެޅުމުގެ ކުރިން، ޕެޓިޝަނުގައި ސޮއިކުރި މީހުންގެ 10 ޕަސެންޓު މީހުންނަށް މަޖިލީހުން ގުޅައި އެ ޕެޓިޝަނުގައި ސޮއިކުރީ އެމީހުންކަން ކަށަވަރުކުރަންޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެއެވެ. މިއީ ޕެޓިޝަންތަކަށް ލަސްތައް ކުރިމަތިކުރުވައި، އެފަދަ ކަންކަން ހުށަހެޅުން އުނދަގޫކުރުމަށްޓަކައި ގެނެވުނު ބަދަލެއްކަމަށް ފާހަގަކުރެވެއެވެ.

މިފަދަ އިސްލާހެއް ގެނެސްފައިވާއިރު, މިއީ ރައްޔިތުންގެ ބާރު ހަނިކުރުމަށް ސަރުކާރުން ކުރި ފުރަތަމަ ކަމެއް ނޫނެވެ. މީގެކުރިން ދުވަހަކު ވަނީ އަތޮޅު ކައުންސިލް އުވާލާ ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ނިންމާފައެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭ ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ބާރު ހަނިކުރުމުގެ އެއްވެސްކަމެއް މި ސަރުކާރަކުން ނުކުރާނެކަމަށެވެ. އެހެންނަމަވެސް މިއަދު މިވަނީ މަންޒަރު ތަފާތުވެފައެވެ.

ރައްޔިތުންގެ ބާރު ރައްޔިތުންނަށްކަމަށް ބުނެވޭ ނަމަވެސް، މިއީ ރައްޔިތުންގެ ބާރު އެންމެ އަވަހަށް އެންމެ ފަސޭހައިން ހަނި ކުރި ސަރުކާރެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved