theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ތާކުން ތާކުން ނުޖެހޭ ރެކޯޑު ހަދާ ރައީސްގެ އަތުގައި "ވާނުވާ"ގެ ރެކޯޑުވެސް! / ތޭރަގްރެފިކްސް
ހަބަރު
ތާކުން ތާކުން ނުޖެހޭ ރެކޯޑު ހަދާ ރައީސްގެ އަތުގައި "ވާނުވާ"ގެ ރެކޯޑުވެސް!
01 ޑިސެމްބަރު 2025
މާލެ ސިޓީ

ވާނުވާ ބަންދު އުވާލާނެ ކަމަށާ ވާނުވާ ޖެހުން ނިމުމަކަސް ގެންނާނެ ކަމަށް ވައުދުވެވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވާނުވާ ބަންދު ޖެހުމުގެ ރެކޯޑުވެސް ހަދައިފިއެވެ.

މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗުއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ 2022، 2023 2024 އަދި 2025 ވަނަ އަހަރު ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ފަރާތްތަކުގެ އަދަދުތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޯރުކޮށްދީފައިވާ މަޢުލޫމާތު ހިއްސާކޮށްފައެވެ.

އެ ޕޯސްޓުން ދައްކާ ގޮތުގައި، 2022 ވަނަ އަހަރު ވާނުވާ ބަންދުގައި ޖަލަށްލާފައިވަނީ 66 މީހުންނެވެ. 2023 ވަނަ އަހަރު 57 މީހުން ވާނުވާ ބަންދު ޖަހާ ޖަލަށްލާފައިވާއިރު، ރައީސް މުއިއްޒު ވެރިކަމަށް އައިސް 2024 ވަނަ އަހަރު 98 މީހުން ވާނުވާ ބަންދުގައި ޖަލަށްލާ އަދި 2025 ވަނަ އަހަރު އެ އަދަދު ވަނީ 138 އަކަށް އަރާފައެވެ.

ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ފަރާތްތަކުގެ އަދަދުތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޯރުކޮށްދީފައިވާ މަޢުލޫމާތުގެ މައްޗަށް ބަލާއިރު މިއީ ވާނުވާ ބަންދުގައި މީހުން ހައްޔަރުކުރުމުގެ ރެކޯޑެކެވެ.

ވާނުވާ ބަންދުގެ ރެކޯޑު ރައީސް މުއިއްޒުގެ އަތްޕުޅުގައި އޮތް އިރު "ވާނުވާ" ބަންދާ މެދު ރައީސް މުހައްމަދު މުއިއްޒު އިންތިހާބު ތެރޭގައިވީ ވައުދު އޮތީ އަދިވެސް އޮތް ތާނގައެވެ.

ތ. ތިމަރަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ވާނުވާ ނޭނގުމުގެ ތެރޭގައި އެތައް އަހަރެއް ބަންދުގައި ހުންނަން ޖެހުމަކީ އިންސާފެއް ނޫން ކަމަށެވެ.

ސަރުކާރުން އެފަދަ ކަންކަން ކުރިއަށްގެންދަނީ ބޭއިންސާފުންކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ޝަރުއީ ނިޒާމަށް ގެންނަން އިސްލާހުތަކުގެ ތެރެއިން ވާނުވާ ބަންދު އުވާލާނެ ކަމަށެވެ.

ވާނުވާ ބަންދު ނިމުމަކަށް ގެނައުމަށް، އެނާގޭ ވެރިކަމެއްގައި މީހަކާމެދު ގޮތެއް ނުނިންމައި ބަންދުގައި ބެހެއްޓޭނީ ގިނަވެގެން 48 ގަޑިއިރަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމަށް އައިސް ސިޔާސީ ބަދަލު ހިފުމުގެ ތެރެއިން ވެސް އެތައް ބަޔަކަށް ވާނުވާ ޖަހާފައިވާކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

މީގެ ކުރިން ވާނުވާ ބަންދު އުވާލުމަށް ގޮވާލާ ރައީސް މުއިއްޒަށް އެތައް ޕެޓިޝަނެއްވެސް ހުށަހަޅާފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved