theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ނާޒިމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ / -
ހަބަރު
ފުލުހުންގެ އިސްވެރިންތަކެއް ސަސްޕެންޑް ކުރަން ހުށަހަޅަން ފާސްކުރީ ވިފާގުގެ މައްސަލަ ތަހުގީގުކުރަން އުޅޭތީ!
02 ޑިސެމްބަރު 2025
މާލެ ސިޓީ

ފުލުހުންގެ އިސްވެރިންތަކެއް ސަސްޕެންޑް ކުރަން ހުށަހަޅަން ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމުގެ ދޮން ދަރި ވިފާގު އަދުނާނުގެ މަރުގެ މައްސަލަ ތަހުގީގުކުރަން އުޅޭތީ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ނަން ހާމަނުކުރުމަށް އެދި ފުލުހުންގެ އޮފިސަރަކު ވަނީ މިކަމާ ގުޅުން ހުރި މައުލޫމާތު ޗެނަލް 13 އާ ހިއްސާކޮށްފައެވެ. އޮފިސަރު މައުލޫމާތު ދެއްވި ގޮތުގައި، ފުލުހުންގެ ސީޕީ އިސްމާއީލު ނަވީންވެސް ހިމެނޭ ގޮތަށް އިސް އޮފިސަރުންތަކެއް ސަސްޕެންޑުކުރަން ހުށަހަޅަން ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241) އިން ފާސްކުރި ސީދާ ނާޒިމްގެ އެންގުމަކަށެވެ.

އޭގެ ސަބަބަކަށްވެފައި އޮތީ ނާޒިމްގެ ދޮންދަރިފުޅު ވިފާގު، ނާޒިމް ވެސް ދިރިއުޅެމުންދިޔަ ގޭގެ ބެލްކަނިން ވެއްޓި ނިޔާވެފައިވާ މައްސަލައިގެ ތަހުގީގު މެދުކެނޑީފައިވަނިކޮށް، ފަށަން ފުލުހުންގެ ތެރެއިން މަސައްކަތްކުރުމުންނެވެ.

އެގޮތުން ފުލުހުން ވަނީ ދާދި ފަހުން އެ މައްސަަލައިގައި އެ މުއައްސަސާއަށް ލިބެން ހުރި ހެކިތައް ޖަމާކުރަން ފަށާފައި ކަމަށާ ހެކިތައް ރައްކާތެރިކޮށް މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަން ފަށަން ތައްޔާރީތައް ވާން ފެށުމުން އެކަން އޮއްބާލުމަށް އޮފިސަރުންނަށް ބިރު ދައްކަން މަޖިލީހުގެ ބޭނުން ނަހަމަ ގޮތުގައި ނާޒިމް ހިފަމުންދަނީ ކަމަށްވެސް އެ އޮފިސަރު ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ 241 ކޮމިޓީގައި ބަލަން ފަށާފައި އޮތް، އެސިސްޓެންޓު ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ޝިފާންގެ މައްސަލަތައް އެ ކޮމިޓީގައި ޕާކުކޮށް ނުބަލާ މަޑުޖައްސާލައިގެން އުޅެނީ ވެސް ނާޒިމުގެ ނުފޫޒުން ކަމަށްވެއެވެ. އެގޮތުން ވިފާގުގެ މައްސަލަ ފުލުހުންގެ ތެރެއިން އޮއްބާލަން ޝިފާނުގެ އެހީ ނާޒިމަށް ފޯރުކޮށްދެމުންދާތީ އޭގެ ބަދަލެއްގެ ގޮތުގައި ނާޒިމް ގެންދަނީ ޝިފާނުގެ މައްސަލަ 241 ކޮމިޓީގައި އޮއްބާލަން އެހީތެރިވެދެމުން ކަމަށްވެސް ވެއެވެ.

2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭ ވިފާގު، އނާ ދިރިއުޅެމުން ދިޔަ ހަސޯވާ ބިލްޑިންގެ މަތިން ވެއްޓި ނިޔާވެފައިވާއިރު ނާޒިމުއަށް ގިނަ ތުހުމަތުތަކެއް އަމާޒުވެގެން ގޮސްފައިވެއެވެ. އެގޮތުން ނާޒިމުގެ ފަރާތުން ވިފާގުއަށް ޖިންސީ ގޯނާ ލިބެމުން ދިޔަކަމުގެ އަޑުތަކެއް ފެތުރިފައިވެއެވެ. މިކަމާ ގުޅިގެން ނާޒިމްއާ ޓީވީ ސްޓޭޝަނަކުން ސުވާކުރުމުން ނާޒިމް ވަނީ ވިފާގުގެ ކަރާމާތާ އަދި އޭނާގެ މައިންބަފައިންގެ ކަރާމާތަށްޓަކައި އެއަށް ބަހެއް ބުނަން ބޭނުންނޫން ކަމަށް ބުނެފައެވެ.

ނަމަވެސް މައުލުމާތު ލިބިފައިވާ ގޮތުގައި ވިފާގުގެ ބައްޕައަކީ ރިޓަޔާޑް ޕޮލިސް އަޮފިސަރަކަށްވާއިރު ވިފާގުގެ ބައްޕަ އިބްރާހިބު އަދުނާނު ވަނީ އޭނާ ފުލުހުންގެ ތެރޭގައި އޭރު މަސައްކަތްކުރެއްވިއިރު އެ މައްސަލަ ވަކި އަތަށް ނުޖެހި ބައްލަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެވަގުތު ރަސްމީ ހައިސިއްޔަތުގެ މަސްލަހަތުވެސް މައްސަލައިގައި ހިމެނޭތީ މުއައްސަސާގެ އަގުވެސް ހިފެހެއްޓުމުގެ ގޮތުން އަދުނާނު ހަނު ހުންނެވީ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ނާޒިމްއަކީ އޭނާގެ މައްޗަށް މީގެ ކުރިންވެސް ތަފާތު ކުށްތަކުގެ ތުހުމަތު އަމާޒުވެފައިވާ މީހެކެވެ. އަދި ގައުމީ ދިދަތަކެއްގެ މައްސަލައިގައި ޖަލު ހުކުމެއްވެސް އައިސްފައިވާ މީހެކެވެ.

މި ސަރުކާރުގައި ނާޒިމުގެ ނުފޫޒު ނުފޯރާ ހިސާބެއް ނޯންނާނެ ކަމަށާ އެއީ އޭނާއަކީ ރައީސުލްޖުމްހޫރިއްޔާގެ ދެބެއިންގެ ދެދަރި ބޭބެއަކަށްވުމުން ކަމަށް ސިޔާސީ ފަރާތްތަކުން ބުނަމުންދެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved