ބޭވަފާތެރިކަމުގެ ނަތީޖާ ރައީސް ޑރ މުހައްމަދު މުއިއްޒުއާ އަރާ ހަމަ ކުރާނެކަމަށް ރާއްޖޭގެ ކުރީގެ ނައިބު ރައީސް، އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯ ރައީސް މުއިއްޒު އަމިއްލަފުޅު ކުރެއްވި ނަމަވެސް އޭގައި ރައީސް މުއިއްޒުގެ އަމިއްލަ އެއްވެސް ޚިޔާލެއް ހުންނާނެ އެއްޗެއް ނޫންކަމަށް، ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ.
އެގޮތުން ރައީސް ޔާމީން ވަނީ ރައީސް މުއިއްޒުގެ މުސައްނިފަކަށް ހުންނަވާ ނެރުނު ވައުދު ފޮތުގައި ހުންނާނީ ހުސް ރައީސް ޔާމީންގެ މެނިފެސްޓޯގައި ބަޔާން ކޮށްފަިއ ހުރި ވައުދުތައް ކަމަށާ އެއީ އެމަނިކުފާނު ނުހަނު ގާތުން ބައްލަވަމުން ގެންގޮސްކުރެއްވި މަސައްކަތެއް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި އާދިއްތަ ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، އެ މެނިފެސްޓޯއަކީ އެތައް ބަޔަކު ރިސާޗުކޮށްގެން ކުރި މަސައްކަތެއް ކަމަށާ އޭގެން ވެސް ރައީސް މުއިއްޒު ކުރައްވަނީ ވައްކަން ކަމަށެވެ. އެގޮތުން ވައުދުތަކުންވެސް ރައީސް މުއިއްޒު ވައްކަންކުރެއްވުމުން ދެން ރަގަޅަށް ދާނީ ކންކަމެއްކަމާ މެދު ސުވާލު އުފައްދަވާ ރައީސް ޔާމީން ވިދާޅުވީ، އެހާ ހިސާބުން ފެށިގެންވެސް ރައީސް މުއިއްޒު ކުރައްވަނީ "ވައްކަން" ކަމަށެވެ.
ރައީސް ޔާމީންގެ އެ ވާހަކަފުޅަށް އިޝާރާތްކުރައްވާ ޑރޖަމީލު ވިދާޅުވެފައިވަނީ، ފަހަރުގައި އެވާހަކަފުޅުތަކަކީ ޑރ. މުއިއްޒުގެ ބޮޓުންނަށް ވަރަށް އަސަރުކޮށްފާނެ ވާހަކަތަކަށްވެދާނެ ކަމަށެވެ.
ނަމަވެސް އެއީ ޚުދު ރައީސް މުއިއްޒުވެސް ތަކުރާރުކޮށްފައިވާ ޙަގީގަތެއްކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ، ރައީސް މުއިއްޒަކީ އެއްވެސް ވަރަކަށް އަމާނާތަށް ވަފާތެރި މީހެއް ނޫން ކަމަށެވެ.
ޑރ. މުއިއްޒުގެ ބޮޓުންނަށް ވަރަށް އަސަރުކޮށްފާނެ. އެކަމަކު މިއީ ޚުދު މުއިއްޒުވެސް ތަކުރާރުކޮށްފައިވާ ޙަގީގަތެއް.
— Mohamed Jameel Ahmed (@MJameelAhmed) December 1, 2025
މުއިއްޒަކީ އެއްވެސް ވަރަކަށް އަމާނާތަށް ވަފާތެރި މީހެއް ނޫން. ان شاء الله އެކަމުގެ ނަތީޖާ މުއިއްޒާ އަރާހަމަ ކުރާނެ. އޮޅުވާލުމާ މަކަރު ހެދުމަކީ މޮޅު ސިފައެއްވެސް ނޫން! https://t.co/bR9GhoFDXT
އެހެންކަމުން ﷲގެ އިރާދަފުޅާ މިންވަރުފުޅުން އެކަމުގެ ނަތީޖާ ރައީސް މުއިއްޒާ އަރާހަމަ ކުރާނެކަމަށާ އޮޅުވާލުމާ މަކަރު ހެދުމަކީ މޮޅު ސިފައެއްވެސް ނޫން ކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.