"ވައުދާ ހުވާ ކުރާނެއޭ އެހަނދާން ނެތޭނެއޭ، ނޫނީ އެހެން ގޮތެއްގައި މަޖްބޫރުވާނެއޭ ނޫނީ ދެގޮތެއް މަށެއް ނުވާނަމޭ ބުނެފާ ނުވޭހޭ" މިއީ ދިވެހި ޝާއިރަކު އޭނާގެ ހުނަރުން ގަތާލާފައިވާ ނުހަނު މާނަފުން ބަސްކޮޅެކެވެ. ނަމަވެސް މިއީ މިއަދު މި ގައުމުގެ ހާލަތާ ގުޅޭ ވަރަށް މުނާސަބު ބަސްކޮޅެއްވެސް މެއެވެ.
މިއަދު ގައުމުގެ ވަލިއްޔުލްއަމުުރުގެ މަގާމުގައި ހުންނެވި ރައީސް ޑރ މުހައްމަދު މުއިއްޒު އެ މަގާމަށް ރެނދަލި ކުރެވުނުތާ ދެ އަހަރު ވެފައިވާއިރު ގައުމުގެ ކޮންމެ ދިމާއަކަށް ނަޒަރު ހިންގާލިޔަސް ފެންނަނީ މާޔޫސްކަމާ މޮޅިވެރިކަމުގެ ސާލެއް ގައުމުގައި ދެމިފައިވާ މަންޒަރެވެ. އުފަލުން ހެމުން ނަށަމުން އެމަނިކުފާނު ގޮނޑިއަށް އިންތިހާބުކޮށްދިން ރައްޔިތުންގެ ލޯތަކުން ފެންނަނީ ނާއުއްމީދާ ގޮތް ހުސްވެފައިވާކަމުގެ ކުލަވަރެވެ. ސަބަބުތައް ބައިވަރެވެ. ގުނާ އަދަދު ނުކުރެހޭވޭހާވެސް ގިނައެވެ.
އެގޮތުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ރައްޔިތުންގެ ހިތްތަށް ފަތަހަ ކުރަން ދެއްކީ ދޮގު "ހޮޅި" ވާހަކަތަކެއްކަން ގިނަބަޔަކަށް ގަބޫލުކުރެވޭ މިންވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރުގެ ވެރިންނާ އަދި ޚުދު ރައީސުލްޖުމްހޫރިއްޔާގެ އަމަލުފުޅުތަކުން ފެންނެއެވެ. އޭގެ ފަހުން ދެން އައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ރައްޔިތުންނަށް ޚިދުމަތްކޮށްދެވޭނީ މަޖިލިސް ވެރިކަން ކުރާ ޕާޓީއަށް ލިބިގެންނޭ ބުނެ ރައްޔިތުން ބޮލަށް "ޗިޕު" ޖަހާ އެ ރައްޔިތުން ގުނބޯ ހައްދާލީ ހިންޏަށް ހަކުރު އޮޅުވާލާހެންނެވެ.
ނަމަވެސް ހަގީގަތަކީ އެ މަޖިލިސްވެސް އޮޅު ހިޔަލަކަށް ބަދަލުވެ މެމްބަރުން ގޮނޑިއާލާ ބަނދެލުމާ އެކު ބަޖެޓުގައި ވަކި ވަކި ރަށްރަށަށް ޕީއެސްއައިޕީގެ ތަފްސީލުވެސް ނުހިމެނުމެވެ. އަދި ބަޖެޓުން އުއްމީދު ފެންނަން ނެތްނަމަވެސް ކެތްކޮށްލައިގެން "ލައްގަޅޭ ލައްގަޅޭ މައިން މަގަށް ތަރައްގީ ލައްގަޅޭ" ކިޔާލަ ކިޔާލަ ތިބުން ނޫން ގޮތެއް ރައްޔިތުންނަށް ނެތުމެވެ.
މިއާއެކު ދުވަސްތައް މާޒީވެ ގޮސް އަނެއްކާވެސް އިންތިހާބެއްގެ ކޮޅިގަނޑަކާ އެކު ވިއްސާނަ ދުނީގެ ޗާލު ނަލަކަމެއް ގައުމުގެ މަތިން ނަގައިފިއެވެ. އެހެނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އައިސް ބޯމަތިވުމާ އެކު ޝަޚުސިއްޔަތުތައް ކެކިއުތުރި އަރަން ފަށައިފިއެވެ. ސަރުކާރުން ނިކަން ހޭލަ މޭލައަށް އުޅެން ފަށައިފިއެވެ. އަތޮޅު ތެރޭގައިވެސް ރައްޔިތުންތަކެއް ތިބިކަން ހަނދާންވެ ރައީސް މީހާވެސް ރައްޔިތުން މީހާއާ ގާތުން އަޑު އެހުމަށް ދަތުރުތައްކޮށް ކޮންމެ ރަށަކަށް ވައުދު ގޯނި އަނެއްކާވެސް އޮއްސާލައިފިއެވެ. ކުރިން ވީ ވައުދުތައް ކަދުރު ރުކަށް އެރި މީހާގެ ނަދުރަށްވެ އެ ހުވަފެންތައް ބިލާހަކަށްވެފައިވަނިކޮށް، ދިވެހިންނަކީ "މަސް ބޯ" ކާ ބަޔަކަށްވާތީ އެމީހުންގެ ސިކުނޑީގައި ތެތްކަމެއް ނުހުންނާނެ ކަމަށް ބަލާ އަނެއްކާވެސް ވައުދުތަކެއް ހަމަ ތިބެފައިވަނީއެވެ.
ކުރިންވީ ވައުދުތައް ޖާޑިއަށާ ގުޅިއަށް އަޅާ ބަންދުކުރުމަށް ފަހު އަނެއްކާވެސް މޮޅެތި ބައިސާތައް ކަނޑައިގެން ރައްޔިތުންނަށް ދަޅަތަކެއް މި ދައްކަނީ ވޯޓެއް ބޯމަތިވަމުން އަންނާތީކަން ގައިމެވެ. ނަމަވެސް ރައްޔިތުންނޭ ނަމަ ނަމަ މިފަަހަރު ނުހެއްލެއްޗެވެ. ތިން ފަށްވާން ފުރުސަތު ދީގެން ނުވާނެއެވެ.