
އަތޮޅު ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމުގެ ތެރޭގައި ހިމެނޭ ބޭކާރު ފަށަލައެއް ކަމަށް ވިދާޅުވެ އަތޮޅު ތެރޭގެ ރައްޔިތުންގެ ހައްގުތަކެއް ފޭރިގަތީ ޕީއެންސީ ސަރުކާރުން ރައީސް މުހައްމަދު މުއިއްޒެވެ. ހިތްވަރުދި އެކަމަށް މަގު ކޮށައިދިނީ ރައްޔިތުންގެ މަޖިލީހުގެ ނަމުގައި މިއަދު އޮތް އަމިއްލަ ފަޔަށް ބަޑި ޖަހައިގެން ތިބި "އޮޅު ހިޔާ" ފެސިލިޓިގެ ބަލި ކުދިންނެވެ.
އަތޮޅު ކައުންސިލްތަކަކީ ބޭކާރު ބައެއް ކަން ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އެއްބަސްވާނެ ކަަމަށް ބުނެ ރައްޔިތުން ޖައްސާ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދީ ވެސް ހަމަ ޕީއެންސީ ސަރުކާރުގައި ރައީސް މުއިއްޒެވެ.
އަތޮޅު ކައުންސިލުތައް އުވައިލުން ގާނޫނުއަސާސީއާ ހިލާފުވުމުގެ އިތުރުން ރާއްޖެ އުފެދިފައިވާ ގޮތާ ވެސް އެކަން މުޅިން އިދިކީލި ނަމަވެސް އެކަން ގަދަފައި ވިއްދާ ކުރެއްވީ ވެސް ރައީސް މުއިއްޒެވެ.
އަތޮޅު ކައުންސިލުތައް އުވައިލުމުގެ އިތުރުން، ރަށު ކައުންސިލުތަކުގެ ސައިޒު ކުޑަ ކުރީވެސް ހަމަ މި ސަރުކާރުންނެވެ. 2000 މީހުން ހަމަނުވާ ރަށްރަށުގައި ކައުންސިލުގައި އެންމެ ތިން މެންބަރުން ބޭތިއްބުމާ، ފަސް ކައުންސިލަރުން ހޮވާނީ 2000އަށް ވުރެ ބޮޑެތި އާބާދީތަކުން ކަމަށް ކަނޑައަޅާ އަދި ކައުންސިލުތަކުގައި އަންހެން މެންބަރުން ތިބުން ވެސް ބަދަލުގައި ލާޒިމުކޮށް، ތިން ކައުންސިލަރުން ހޮވާ ރަށްތަކުގައި މަދުވެގެން އެއް މެންބަރަކީ އަންހެނަކަށް ވާންޖެހޭނެ ކަމަށް ހަދާ ފަސް ކައުންސިލަރުން ހޮވާ ރަށްރަށުގައި ދެ ކައުންސިލަރުންނަކީ އަންހެނުންނަށް ވާންޖެހޭނެ ކަމަށް ނިންމީ ވެސް ހަމަ މި ދޫނި ސަރުކާރުންނެވެ.
މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ވެސް އިންތިހާބު ކުރަންޖެހޭނީ ކައުންސިލާ އެއް އަދަދަކަށް ކަމަށް ނިންމާ ތިން ކައުންސިލަރުން ހޮވާ ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގައި ވެސް ތިބޭނީ ތިން މެންބަރުން ކަމަށްވެސް ކަނޑައަޅާ ކުދި ރަށްތަކުގެ ރައްޔިތުންގެ ހައްގުތައް އުނި ކުރީވެސް ހަމަ ދޫނި ސަރުކާރުންނެވެ.
އޭގެ އިތުރުން ވެސް، ލާމަރުކަޒީ ނިޒާމުން ރަށްރަށާއި އަތޮޅުތަކަށް ލިބިދީފައިވާ މިނިވަންކަމާއި ބާރުތައް އަތުލުމުގެ އެތައް މަސައްކަތެއް ސަރުކާރުން ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި، ވިޔަފާރި ކުރަން ލިބޭ މިނިވަންކަން ހަނި ކުރުމާއި ޕްރޮޖެކްޓު ހިންގާއި މުވައްޒަފުން ނަގަން ލިބޭ އަމިއްލަ ބާރު ވެސް ވަނީ ހަނިކޮށްފައިވެއެވެ.
މިއީ އަދި ދޫނި ސަރުކާރުން އަތޮޅު ތެރޭގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތްކަމުގެ ކުޑަ މިންވަރެއްގެ ހެއްކެކެވެ. މި ފަދަ ބަޔަކު ކައުންސިލް އިންތިހާބާ ދިމާކޮށް ރަށްރަށަށް އަރާ ތިމަންނާ މެންނަ ވޯޓުދީގެން ނޫނީ ތަރައްގީއެއް ނާންނާނެއޭ ބުނެ ރައްޔިތުން ބްލެކްމައިލް ކުރަމުން ދަނި ލަދުގެ ކަންފުޅެއްވެސް ނެތުމުންނެވެ.
ރައްޔިތުންގެ ކަރަށް ފައިން އަރާފައި ދެން ތަރައްގީ އޭ ކިޔާ އަނގަ ހުޅުވާއިރު ދުވަހަލު ކައުންސިލްގެ މެޖޯރިޓި ނުލިބުނަސް ސަރުކާރުން ބޭނުންނަމަ މިހާރު ރަށްރަށަށް ތަރައްގީ ގެނެވޭނެއެވެ.
އެހެންކަމުން ދޫނި ސަރުކާރަށް ދޫންޏަށް ވޯޓުދީގެން ނޫނީ ރަށްރަށަށް ތަރައްގީ ނުގެނެވޭނެއޭ ކިޔާ ދޮގު ހަދަމުން ދުވާއިރު، އަތޮޅު ތެރޭގެ ރައްޔިތުންގެ ބާރުތައް ހަނިކޮށް އެ ރައްޔިތުންގެ އެތައް ހަގަކަށް އުނިކަން އަންނަހެން ގާނޫނަށް އިސްލާހު ގެެނެސް ތިމަންނާމެން ބޭނުންވާ ގޮތަކަށް ގާނޫނުތައް ފަރުމާކޮށް ރިޝަވަތު ބަހަމުންދާ ދޫންޏަކަށް ވޯތު ދިނުމަކީ އަމިއްލައަށް އަމިއްލަ ސަންދޮއް ޖެހުން ކަހަލަ ކަމެއްކަން ރައްޔިތުން ދަންނަން ވެއްޖެއެވެ.
ހަމައެހެންމެ ލާމަރުކަޒީ ނިޒާމުން އަތޮޅު ކައުންސިލްތައް އުވާލާ ރައްޔިތުންގެ ހައްގުތައް އުނިކުރި ދޫންޏަކަށް ވޯޓު ދޭން ޖެހޭތޯ މިއީވެސް ޖަވާބު އަމިއްލަ ނަފްސާ ސުވާލުކޮށް ހޯދަން ޖެހޭ ކަމެކެވެ.
ގޮތް ނިންމާނީ ތިކޮޅުންނެވެ. މިކޮޅުން މަޑު މަޑުން މި ކިޔާލަދެނީއެވެ.










