
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ސަރުކާރުން ކުރާ މަސައްކަތަށް ރައްޔިތުން "ނޫނެކޭ" ބުނެ، ސަރުކާރުގެ މޫނުމަތީގައި ބާރު އެތިފަހަރެއް ޖަހައިފިއެވެ.
މިހާތަނަށް ގުނާފައިވާ 1,330 އެއްހާ ވޯޓުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ވޯޓުލީ މީހުންގެ 67 އިންސައްތަ ރައްޔިތުން ވަނީ ސަރުކާރުގެ މި ނިންމުމާ ދެކޮޅަށް ވޯޓު ދީފައެވެ. މިއީ ހަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި، ދައުލަތުގެ ނިޒާމު ސަރުކާރުން ބޭނުންވާ ގޮތަކަށް ބައްޓަންކުރަން އުޅޭ އުޅުމަށް ރައްޔިތުން ދިން ސާފު އިންޒާރެކެވެ. ސަރުކާރުގެ މި ސިޔާސަތަށް ތާއީދުކުރީ އެންމެ 33 އިންސައްތަ މީހުން ކަމަށްވާއިރު، މިއީ ސަރުކާރުގެ ނުފޫޒުގަދަ ރޭވުންތަކަށް ރައްޔިތުންގެ މެދުގައި އެއްވެސް ތާއީދެއް ނެތްކަން ހާމަވެގެންދިޔަ ކަމެކެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ދެ އިންތިހާބު އެއްކޮށްލުމަކީ ޑިމޮކްރެޓިކް ހަމަތައް މުގުރާލައި، އިންތިހާބުތަކަށް ސަރުކާރުގެ ނުފޫޒު ފޯރުވުމަށް ފަހިކުރާ "ސިޔާސީ މަޅިއެކެވެ." އިގްތިސާދީ އިސްލާހުގެ ބަހަނާގައި ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަން ކުރާ މިފަދަ މަސައްކަތްތައް ރައްޔިތުން ބަލައިނުގަންނާނެކަން މި ނަތީޖާއިން މިވަނީ ސާބިތުވެފައެވެ. ސަރުކާރުން އަމިއްލަ އެދުން އިސްކޮށްގެން ގެންނަން އުޅޭ މި ބަދަލަކީ ގައުމުގެ ހަމަޖެހުން ގެއްލި، އިންތިހާބުތަކުގެ މިނިވަންކަން ގެއްލިގެންދާނެ ކަމެއް ކަމަށް ބުނެ ރައްޔިތުން މިވަނީ ސަރުކާރު "ފެއިލް" ކޮށްލާފައެވެ.










