theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ތޭރަގްރެފިކްސް
ރިޕޯޓު
ފޭރުނު ޑޮލަރުތަކެއް ނުހޯދޭ، އައްޕަތުރޭ ފެއިލްވެއްޖެ
Yana Shareef
ޔާނާ ޝަރީފް
04 ޑިސެމްބަރު 2025

ޕީއެންސީ ސަރުކާރަކީ ކޮރަޕްޝަނާ ދެކޮޅު, ވައްކަންތަށް ހުއްޓުވާ, މަސްތުގެ ވަބާއިން ސަލާމަތްވެފައިވާ, އެއްވެސް ގޭންގެއް ނެތްކަމަށް ދައުވާކުރާ ސަރުކާރެކެވެ. ހަގީގަތަކީ ކޮބައިކަން ވެސް ނޭނގޭ ބައެއް ނެތެވެ. ނަމަވެސް މިއަދު މި ވާހަކަތައް ދައްކާލަން އަނގަ ހުޅުވާލަން ވެސް ކެރެނީ ދެތިން މީހަކަށެވެ. ވާނީވެސް އެހެންތާއެވެ. ސިޔާސީ ގޮތުން އެއްވެސް މީހަކު ހައްޔަރު ނުކުރާނެކަމަށް ބުނެ ހައްޔަރު ކުރަނީ ކޮންމެވެސް އެހެން ދޮގު އިލްޒާމެއް އަޅުވައިގެންނެވެ. ރައްޔިތުންގެ މަޖިލިސް ޕެރަލައިޒްކޮށް މީޑިއާތަކުގައި ތަޅު އަޅުވާ މިވެރިން ކުޅެނީ އަކުން ބަކުންނެވެ.

މި ފަހުން އަމަލު ކުރަން ފެށި ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޝަރީއަތަށް ގޮސް މިހާތަނަށް ގޭންގެއް ކަނޑައަޅަން ނުޖެހުނު ކަމަށާއި ރާއްޖޭ ގައި އެ ވަރުގެ ގޭންގެއް މިހާރު ނެތްކަމަށް ހޯމްލޭންޑް އެންޑް ސެކިޔުރިޓީ މިނިސްޓަރ އަލީ އިހުސާން (އައްޕަތުރޭއާ) ހަވާލާދީ ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގަ އެވެ.

މުއިއްޒު ވިދާޅުވީ ވިދާޅުވީ ގޭންގު ގާނޫނަށް ފަހު، ގޭންގުތަކުގައި އުޅުނު ޒުވާނުންތައް އެކަން ހުއްޓާލާފައިވާ ކަމަށެވެ. އަދި ބޮޑެތި އަދަބުތައް ހިމެނޭ ގޮތަށް ގާނޫނުތައް ފާސްކުރުމުގެ ބޭނުމަކީ ވެސް ކުށްތައް ހިންގަން ބޮޑެތި ހުރަސްތައް ގެނައުން ކަމަށް ރައީސް ވިދާޅުވި އެވެ. ބަޔަކަށް އަދަބު ދިނުމަށް ވުރެ އޭގެ ބޭނުމަކީ ކުށުގެ މާހައުލުތަކުން ޒުވާނުން މިންޖުކުރުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް ރާއްޖެ އިން ގޭންގުތައް ނައްތާލެވިފައިވާ ކަމަށް ރައީސް އިއުލާން ކުރެއްވިތާ 48 ގަޑިއިރު ވެސް ހަމަ ނުވަނީސް، ގޭންގު ހަދައިގެން މާރާމާރީ ހިންގަން އުޅުނު މައްސަލައެއްގައި ހަތިޔާރާ އެކު ދެ މީހަކު ފުލުހުން ހައްޔަރުކުރިއެވެ. މިހުންނަނީ ރައްޔިތުން ކުރިމަތީ ރޯމާ ދުވާލު ނިތްކުރިއަށް ރުލެއްވެސް އަރުވާލުމެއްނެތި ދޮގު ހަދާލާވަރެވެ.

ވަގަށް ނަގާ އެއްޗެހީގެ ވާހަކައާ ފޭރޭ އެއްޗެހީގެ ވާހަކަ ދައްކަން ހެޔޮނުވާނެއެވެ. ރާއްޖޭ ގެ އެންމެ މައި އެއް ދޮރާށި، އެމްޕީއެލް ވިޔަފާރި ބަނދަރަކީ 24 ގަޑި އިރު ސެކިއުރިޓީންނާއި ވަށައިގެން ކެމެރާތައް ހަރުކޮށްފައި ހުންނަ ތަނެކެވެ. އެތަނުން ހިލަމެއް ވާނަމަ އެކަން ނޭނގޭނެ އެއްވެސް ގޮތެއް ނެތެވެ. ނަމަވެސް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސިނގިރެޓް އެތަނުން ވަގަށް ނަގައިގެން ގެންދިޔައިރު ދައުލަތުގެ ވެރިންނާއި މީސްމީހުން ތިބީ ނިދާފަތޯއެވެ. އެއޮތް ވަރުގަދަ ސެކިއުރިޓީ ފޫއަޅުވާލާ 40 ފޫޓު ގެ ދެ ކޮންޓެއިނަރު ވަގަށް ނަގައިގެން އެ ގެންދިޔައީ އެހާ ފަސޭހައިންނެވެ.

ދެން އޮތީ ރާއްޖޭގެ މައި އަނެއް ދޮރާށިން ފޭރިގަތް ފައިސާގެ ވާހަކަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ޓަރމިނަލް އެކަކަށް ވަންނަން ދިޔަ ބޭންކެއް ގެ ދެ މުވައްޒަފެއްގެ އަތުން، ލައްކަ އަކަށްވުރެ ގިނަ ޑޮލަރު ހުރި ސޫޓް ކޭސް އެއް ހިފައިގެން ދިޔައިރު އެތަނުގެ ސެކިއުރިޓީ ވީތަނެއް ހަމަ އެއްގޮތަކަށް ވެސް ނޭނގެ އެވެ. އެ ސުވާލު ކުރުމު ގެ ބޭނުމެއް ވެސް ނެތް ކަންނޭނގެ އެވެ.

ފޭރުނު ސޫޓް ކޭހުގައި ހުރި ޑޮލަރުގެ އަދަދު ލައްކައަކަށް ވުރެ ގިނަ އެވެ. މިހާތަނަށް އައި އިރު ގެއްލިފައިވާ ފައިސާއާ ގުޅޭގޮތުން ފުލުހުން އެއްޗެއް ބުނެފައި ނުވެ އެވެ. އަދި މީޑިއާ އާ މިވަގުތު ހިއްސާ ކުރާނެ އިތުރު މައުލޫމާތެއް ނެތް ކަމަށް ފުލުހުންގެ މީޑިއާއިން ބުނެ އެވެ. އެންމެ ފައިސާ ފޮއްޗެއް ވެސް އަދި އަދަށް ދާން ދެން ވެސް ނުފެނުނީމާ ދެން ބުނާނެ އެއްޗެއް ނެތެވެ.

އެކަމުގައި އުޅުނު މީހުން އެދުވަހު ހައްޔަރުކޮށް އެމީހުން ފޭރުނު ޑޮލަރު ހިފައިގެން އެރި ލޯންޗު އަތުލައިގަނެގެން އައްޕަތުރޭ މޮޅެތި ޕޯސްޓުޖެހިއިރު ހީވީ ދެންމެދެންމެ ޑޮލަރުކޮޅު ހޯދާނެއެވެ. އައްޕަތުރޭ އަކީ ނަމެއްގައި ހުންނަ ވެރިޔެކެވެ. ރައްޔިތުންގެ ފައިސާ ފޭރިގަތީމަވެސް ބެލީ ކްރެޑިޓް ހޯދޭތޯއެވެ.

އާންމު ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރު ދުވަހެއް ދުވަހަކަށް މިދަނީ ކުޑަވަމުންނެވެ. ގޭންގެއް ނެތް ކަމަށް ވިދާޅުވިތާ ދެ ދުވަސް ނުވެ ގޭންގާ ގުޅޭ މައްސަލަތަކެއް ގައި ބަޔަކު ހައްޔަރު ކުރީ އެވެ. ރާއްޖޭގެ މައި ދެ ދޮރާށިން ވައްކަން ކޮށްލަނީ ފަސޭހަ ކަމާއެކުގަ އެވެ. ރައްޔިތުންގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރު ކުރަން ތިބި މުއައްސަސާ ތެރެއިން ވެސް ވައްކަން ކުރަނީ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved