ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް.) އިން، ބޭންކުގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޑޮލަރު ލިމިޓަށް އޮޅުވާލައި، ނަހަމަ ގޮތުގައި ބޭނުންކުރާ ފަރާތްތަކަށް ހަރުކަށި އިންޒާރެއް ދީފިއެވެ. މި އިންޒާރު ދީފައިވަނީ އެއް ފަރާތަކުން 100 އަށްވުރެ ގިނަ ކާޑު ބޭނުންކޮށްފައިވާ މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.
ބީ.އެމް.އެލް. އިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ޑޮލަރު ލިމިޓަށް އޮޅުވާލައި، ގިނަ ކާޑު ބޭނުންކުރާ ފަރާތްތަކުގެ ލިމިޓް ކަނޑާލައި، އެފަދަ ފަރާތްތަކާ މެދު ބޭންކުން ހަރުކަށި ފިޔަވަޅު އަޅާނެއެވެ. ބޭންކުން މިކަން ފާހަގަކުރީ، އެއް ފަރުދަކު 100 އަށްވުރެ ގިނަ ކާޑު ބޭނުންކޮށްފައިވާކަން އެނގި، މިފަދަ ނަހަމަ އަމަލުތައް ހުއްޓުވުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައެވެ.
މިކަމާ ގުޅޭގޮތުން ބީ.އެމް.އެލް. އިން ބުނީ، މިފަދަ އަމަލުތަކުގެ ސަބަބުން ގައުމުގެ ބޭރު ފައިސާގެ ރިޒާވަށް ނޭދެވޭ އަސަރުތަކެއް ކުރާކަމަށާއި، ކާޑު ބޭނުންކުރާ އެހެން ކަސްޓަމަރުންނަށްވެސް ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގައި ޑޮލަރު ލިމިޓެއް ކަނޑައަޅާފައިވަނީ ހުރިހާ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ބޭރު ފައިސާގެ ޚިދުމަތްތައް ލިބޭނެ ގޮތެއް ހެދުމަށާއި، ބޭރު ފައިސާ ބޭނުންކުރާ މިންވަރު ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ.
ބީއެމްއެލުންވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ދިވެހި ރުފިޔާ އެކުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ އަދަދު އިތުރުކޮށް ދީފައެވެ.
މި ބަދަލުގައި ރާއްޖެއިން ބޭރުގައި ކާޑު މެޝިނުގައި ބޭނުން ކުރެވޭ މުއާމަލާތްތަކަށް މަހަކަށް 1000 ޑޮލަރު، އަދި ޓިކެޓާއި ހޮޓެލް ބުކިންއަށާއި ޞިއްހީފަރުވާއަށް ފައިސާ ދެއްކުމަށް މަހަކަށް 3000 ޑޮލަރާ ހަމަޔަށް ލިމިޓް ކަނޑައަޅާފައެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދުތަކަށް، ޓިކެޓް އަދި ހޮޓެލް ބުކިންއަށް ކަނޑައަޅާފައިވާ ލިމިޓް ބޭނުންކުރުން ވެސް ހިމެނޭ ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލުން ބުނީ، މިގޮތަށް ތިންވަނަ ފާރަތަކަށް ކާޑު ދިނުމާއި ނަހަމަ ގޮތުގައި ކާޑު ބޭނުންކުރުމަކީ ކާޑުގެ ވެރިފަރާތާއި ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމާ މުޅިން ޚިލާފު ކަމެއް ކަމަށެވެ.
މީގެ އިތުރުން އަމިއްލަ ކާޑުން ބޭރުގެ މުޢާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަކީ، އެ ކާޑުގެ ވެރިފަރާތެއްގެ ހަމައެކަނި އަމިއްލަ ބޭނުންތަކަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ދީފައިވާ ލިމިޓެއް ކަމަށާއި އެ ފަދަ މުޢާމަލާތްތަކަކީ އާންމުކޮށް ފައިސާގެ މުޢާމަލާތް ހިންގުމުގެ އުސޫލުތަކާ ހިލާފު މުޢާމަލާތްތަކެއްކަމަށް ވެސް ބޭންކުން ބުންޏެވެ.
އަދި ކުރިޔަށް އޮތްތަނުގައި މިފަދަ މުޢާމަލާތްތައް ބަލައި، ފިޔަވަޅު އެޅުމަށް ޓަކައި ކަމާބޭހޭ ފަރާތްތަކަށް ހުށަހަޅަމުންގެންދާނެ ކަމަށް ބޭންކުން ބުންޏެވެ.