ދަރަނި ދައްކަން ސަރުކާރުން ކަންކުރާ އުސޫލުން ރައްޔިތުންގެ ސޭވިިންގްސްގައި ހުރި ފައިސާ ވެސް ދަރަނި ދެއްކުމަށް ބޭނުންކުރެވިގެންދާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ނުކުންނަވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީގައި އިސް އެތައް މަގާމުތަކެއް ފުރުއްވާފައިވާ ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވަނި އޭނާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޒަރިޔަންދު ވިދާޅުވެފައިވާ ގޮތުގައި، އެޕްރިލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކް އަނބުރާ ދެއްކުމަށް، ކާރގިލްސް އިން %15 އިންޓަރެސްޓްގައި 300 މިލިއަން ޑޮލަރު، ބާކީ ބީއެމްއެލްއިން ދަރަންޏަށް ނެގުމުން މި ވަގުތަށް ޑިފައުލްޓް ނުވެ ހިފެހެއްޓިދާނެ ކަމަށެވެ.
ނަމަވެސް އެ ހަމައިން ކަންކޮށްފިނަމަ ނުކުންނާނެ ނަތީޖާ ހިތިވާނެކަން ފާހަގަކުރައްވާ ޒަރިޔަންދު ވިދާޅުވީ އޭރުން ދައުލަތުގެ ދަރަނި އިތުރަށް ބޮޑުވެ، އާންމު މީހާ ބޭންކްގައި ބަހައްޓާ ސޭވިންގްސް ވެސް ދަރަނި އަދާކުރުމަށް ބޭނުންކުރެވޭނީ ކަމަށެވެ.
އެޕްރިލް މަހު 500 މިލިޔަން ޑޮލަރުގެ ސުކޫކް އަނބުރާ ދެއްކުމަށް، ކާރގިލްސް އިން %15 އިންޓަރެސްޓްގައި 300 މިލިޔަން ޑޮލަރު، ބާކީ ބީ.އެމް.އެލްއިން ދަރަންޏަށް ނެގުމުން މި ވަގުތަށް ޑިފައުލްޓް ނުވެ ހިފެހެއްޓިދާނެ،
— Ismail Zariyand (@zariyand) January 14, 2026
ނަމަވެސް މި ހަމައިން ކަންކޮށްފިނަމަ؛ ދައުލަތުގެ ދަރަނި އިތުރަށް ބޮޑުވެ،…
ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވަނީ، ދިވެހި ސަރުކާރުން މި އަހަރު ދައްކަންޖެހޭ ބޮޑު ދަރަނި ދެއްކުމަށް 300 މިލިއަން ޑޮލަރުގެ ލޯނެއް އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ނަގަން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.
އެ ލޯނު ނަގަން ހުށަހަޅާފައިވަނީ ވަރަށް ބޮޑު އިންޓްރެސްޓެއް ކަމަށާ އެގޮތުން 15 އިން ސައްތަ އިންޓަރެސްޓުގެ ގޮތުގައި އޮތްއިރު އެއީ ޤައުމުގެ ދަރަނި އިތުރަށް ބޮޑުވެ، ރައްޔިތުންގެ ބުރަ އިތުރުވާނެ ކަމަށް ކަމާ ގުޅުހުންހުރި މާހިރުން ދަނީ ބުނަމުންނެވެ.