March 16, 2026
Advertisement
މާލޭ މޭޔަރ، އާދަމް އާޒިމް
މާލޭ މޭޔަރ، އާދަމް އާޒިމް / ސަން އޮންލައިން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެކަމަށް މޭޔަރު އާޒިމް ވިދާޅުވެއްޖެ

Yana Shareef
ޔާނާ ޝަރީފް
Dec 10, 2025, 06:20 AM

ދައުލަތުގެ ބަޖެޓުން ކައުންސިލް ތަކަށްދޭ 4 އިންސައްތައަށް ވާގޮތް ބަލަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާއި މުޅި ދައުލަތް މަސައްކަތް ކުރާއިރު ބަޖެޓުގެ 96 އިންސައްތައަށް ވާގޮތް ރައްޔިތުންނަށް ނޭނގޭކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

Advertisement

ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށް ހަތަރު ކައުންސިލަކުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ގައި މާލެ ސިޓީ މޭޔަރު އާޒިމް ވިދާޅުވީ، ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ ބޭކާރު ގޮތުގައި އިސްރާފު ކުރާ މަންޒަރު ފޮރުވުމުގެ ގޮތުން އެ ބަދުނާމު އަޅުވަނީ ކައުންސިލްތަކުގެ މައްޗަށް ކަމަށެވެ. އެހެން ނަމަވެސް ކައުންސިލްތަކުން ކޮށްދޭ ހުރިހާ ކަމެއް ކޮށްދެނީ އެ ލިބޭ 4 އިންސައްތައިން ކަން ރައްޔިތުންނަށް އިނގޭ ކަމަށެވެ.

އަދި މާލެ ސިޓީ އަށް ބެލިކަމުގައި ވިޔަސް 20 އަހަރު ނުކުރެވި ހުރި މަސައްކަތް މި ބަޖެޓުން ކޮށްފައިވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އެގޮތުން ވިއްސާރައިގައި މާލެ ފެންބޮޑުވާ މައްސަލަ ވެސް ހައްލުކޮށްފައިވާނެ ކަން ފާހަގަ ކުރައްވާ އާޒިމް ވިދާޅުވީ އެކަމަކީވެސް އެ ލިބޭ ކުޑަ ލާރިކޮޅުން ކޮށްފައިވާ ކަންކަން ކަމަށެވެ. އަދި އެ މަސައްކަތް އެގޮތައް ކުރެވުމުގެ ސަބަބުން އެކަމުގެ ނަތީޖާ ފެންނަކަން ފާހަގަ ކުރައްވާ އާޒިމް ވިދާޅުވީ މިދިޔަ ވިއްސާރައިގައި އެއްވެސް ގެޔަކަށް ފެން ވަދެގެން ރިޕޯޓު ކޮށްފައި ނުވާ ކަމަށެވެ.

އެހެންކަމުން ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވީ ކިހިނެއްތޯ ރައްޔިތުން ސުވާލުކުރާތީ އެސުވާލުތަކަށް ޖަވާބު ދެވެން ނެތުމުންނާއި އެކަންކަން ފޮރުވުމުގެ ގޮތުން ކައުންސިލް ތަކުން ތަރައްގީއަށް ކުރާ ކަންކަން ހުއްޓުވާ އެކަންކަމަށް ހިޔަނި އަޅާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވަނީ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެއްލުންވާ ގޮތަށް އަދި ކައުންސިލްތަކަށް ގެއްލުންވާ ގޮތަށް ގެނެސްފައިވާ ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ކުރިން އޮތް ގޮތަށް ބަދަލުކުރަން ގޮވާލާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved