February 24, 2026
Advertisement
ނަން ބޯޑުތަކެއް ހެދުމަށާ އެޅިގާ ގަންނަން 7 މިލިއަން ޚަރަދު ކުރަނީ
ނަން ބޯޑުތަކެއް ހެދުމަށާ އެޅިގާ ގަންނަން 7 މިލިއަން ޚަރަދު ކުރަނީ / މާލެ ސިޓީ ކައުންސިލް

ނަން ބޯޑުތަކެއް ހެދުމަށާ އެޅިގާ ގަންނަން 7 މިލިއަން ޚަރަދު ކުރަނީ

Feb 23, 2026, 04:59 PM
މާލެ ސިޓީ

މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތަކުގެ ނަން ބޯޑުތައް ހަދާށާއި މަގުތައް މަރާމާތުކުރަން ބޭނުންވާ އެޅިގާ ގަންނަ ނަމުގައި 7 މިލިއަން ރުފިޔާގެ އަގު ބޮޑު ކޮންޓްރެކްޓެއްގައި މާލެ ސިޓީ ކައުންސިލުން ސޮއިކޮށްފި ކަމަށް އަޑުތައް ފެތުރިއްޖެއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިކަން އާންމުންނާ ހަމައަށް ތިލަކޮށްފައިވަނީ، މިފަހަރު މާލޭގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރާ އަހުމަދު އައިހަމް (ކެނާ) ސޯޝަލް މީޑިއާގައެވެ.

އައިހަމް ވަނީ މާލޭ ސިޓީ ކައުންސިލުން ޑިސެމްބަރުގައި ސޮއިކުރި ތިން ކޮންޓްރެކްޓެއްގެ މައުލޫމާތު ކަމަށް ބުނެ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ. އޭނާ ވަނީ މި ތިން ކޮންޓްރެކްޓާ ގުޅޭ ބީލަމުގެ ތަފުސީލުތަކާއި ޑިޒައިން ހިއްސާކޮށްދޭން އާރުޓީއައިގެ ޒަރިއްޔާއިން ސިޓީ ކައުންސިލުގައި އެދިފައިވާ ކަމަށްވެސް ބުނެފައެވެ.

ބޯޑުތަކުގެ ކޮންޓްރެކްޓާއި އެޅިގާ ގަންނަ ކޮންޓްރެކްޓުގެ އިތުރުން ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ގުރުއާން މުބާރާތާއި މަދަހަ މުބާރާތް ބްރޯޑްކާސްޓުކުރުމަށާއި ރެކޯޑުކުރަން ރާއްޖެ ޓީވީއާ ސޮއިކުރި ކޮންޓްރެކްޓުގައި ޝައްކު އުފެދޭ ކަންކަން ހުރި ކަމަށް އައިހަމް ބުނެފައިވެއެވެ. ސިޓީ ކައުންސިލުން ޑިސެމްބަރުގެ ތެރޭގައި އެންމެ ބޮޑު އަގުގައި ހަވާލުކުރީ ވެސް މި ތިން މަސައްކަތް ކަމަށް ވެއެވެ. ނަމަވެސް މި ކުންފުނިން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި ހަރަކާތްތަކުގެ ތެރޭގައި ސައިންބޯޑު މަސައްކަތް ނުހިމެނޭ ކަމަށް ފާހަގަކޮށްފައިވެއެވެ.

އެގޮތުން މާލެ އާއި ވިލިމާލޭގެ ހުރިހާ މަގުތަކުގައި ނަން ބޯޑު ހަދައި ހަރުކޮށްދިނުމުގެ މަސައްކަތް ހަވާލުކުރީ 3.9 މިލިއަން ރުފިޔާއަށް ސަސްމާ ކިޔާ ކުންފުންޏަކާ އެވެ. މި ކޮންޓްރެކްޓުގެ މުއްދަތަކީ 20 ދުވަހެވެ. ބައެއް މަގުތަކުގައި ނަން ބޯޑު ހަރުކުރަން މިދިޔަ ހުކުރު ދުވަހު ފަށާފައިވާ ކަމަށްވެސް ވެއެވެ.

މާލޭގެ މަގުތައް މަރާމާތު ކުރުމަށް ބޭނުންވާ ގާ ގަންނަން ހަވާލުކުރީ ވެޝި ޕްރޯ ކިޔާ ބަޔަކަށެވެ. ކޮންޓްރެކްޓުގެ އަގަކީ 3.6 މިލިއަން ރުފިޔާ އަދި މުއްދަތަކީ ފަސް ދުވަހެވެ. މިހާރު މި ގާ ވެސް ހުންނަން ވާނީ ލިބިފައެވެ. ނަމަވެސް އަމިއްލަ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެ ކުންފުނި ރަޖިސްޓްރީކުރީވެސް އެ ކޮންޓްރެކްޓުގައި ސޮއިކުރި ފަހުން ކަމަށް ވެއެވެ.

މާލޭ ސިޓީ ކައުންސިލުން ބާއްވާ ގުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ވީޑީއޯ ރެކޯޑިން ހެދުމާއި ބްރޯޑްކާސްޓް ކޮށްދޭން ރާއްޖެ ޓީވީއަށް ދިނީ 1.6 މިލިއަން ރުފިޔާއަށެވެ.

މި ތިން ކޮންޓްރެކްޓުގެ އިތުރުން، މާލެ ސިޓީ ކައުންސިލުން ޑިސެމްބަރު މަހުގެ ތެރޭގައި ހަވާލުކުރި އެހެން މަސައްކަތްތަކާ އެކީ އެ މަހުގެ ތެރޭގައި ހަވާލުކުރި މަސައްކަތްތަކުގެ އަގު 11.3 މިލިއަން ރުފިޔާއަށް އަރަ އެވެ. މާލޭގެ މޭޔަރު ވިދާޅުވެފައިވާ ގޮތުގައި ހުރިހާ ކަމެއް ހިނގަނީ ކައުންސިލްގެ އުސޫލުގެ ތެރެއިންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved