ރައީސް މުހައްމަދު މުއިއްޒު، ވެރިކަމަށް އައުމުގެ ކުރިން 2020 ވަނަ އަހަރު ކުރެއްވި ޕޯސްޓެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.
މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވައިން އުޅުއްވިއިރު 2020 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ކުރައްވާފައިވާ ޕޯސްޓެއްގައި ކުރީގެ އެމްޑީޕީ ސަރުކާރުން މަސްވެރިންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.
އެ ޕޯސްޓުގައި މުއިއްޒު ވިދާޅުވީ މަސްވެރިންގެ ދުވަހު މަސްވެރިންނަށް ސަރުކާރުން ޖައްސާފައިވާ ހާލަތުގެ ހިތްދަތި ޝުއޫރު ފާޅުކުރާކަމަށެވެ. މި ނާގާބިލު، ޒިންމާދާރުކަން ކުޑަ ސަރުކާރުން ވަނީ މަސްވެރިން ނިކަމެތިކޮށް މަސްވެރިކަމުގެ ސިނާއަތް އިނދަޖައްސާލާފައިކަމަށެވެ.
އެމްޑީޕީ ސަރުކާރުން މަސްވެރިން އިނދަ ޖެއްސިކަމަށް ބުނެ މޮޅު ޕޯސްޓެއްކުރިިއިރު މުއިއްޒުގެ ވެރިކަމުގައި މަސްވެރިންގެ ހާލަތު މާ ގޯހެވެ. މި ޕޯސްޓު ދައުރުވާން ފެށީ އިހުތިޖާޖުގައި ތިބި މަސްވެރިންގެ އުޅަނދުތަކަށް ފުލުހުން އަރައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އާއި ބައެއް މަސްވެރިން ހައްޔަރުކުރުމާއި، އަދި މަސްވެރިންނަށްވީ ވައުދު ނުފުއްދަވާތީ، މުއިއްޒުގެ ބަހާއި އަމަލު ދިމާނުވާކަމުގެ ޝަކުވާތަކާ އެކުގައެވެ.
މުއިއްޒުގެ ބަހާއި އަމަލު ދިމާނުވާ މިންވަރުގެ ބޮޑުކަން ހާމަކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު ހަމައެކަނި އެކްސްގައި ކޯޓެއްގެ ގޮތުގައި ލިޔުއްވީ "އެކަމަކުވާ" އެވެ. ޕީއެންއެފްގެ ނައިބުރައީސް އަދި، ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ "މުއިއްޒު ވައުދު ފުއްދަނީ ހުސް އަނގައިން،" ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ނިކަމެތި ހާލަތަކީ މި ފަހަކަށް އައިސް ތަޖުރިބާ ކުރެވިފައި ނެތް ފަދަ ދަތިކަމެއް ކަމަށާއި، އޭގެ އަސްލު ސަބަބަކީ މުއިއްޒުގެ އިހްލާސްތެރިކަން ނެތުން ކަމަށް ޑރ. ޖަމީލު ފާހަގަ ކުރެއްވި އެވެ.
މަސްވެރިންގެ ހައްގުތަކަށް ސަރުކާރުން އަރައިގަނެފައިވާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.