February 26, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ވެމްކޯ މުވައްޒަފަކު ޑީސަލް ބޮވިގެން ވެންޓިލޭޓަރުގައި ފަރުވާދެނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 13, 2025, 05:17 PM
މާލެ ސިޓީ

ގދ. ދިޔަދޫގެ ވެމްކޯ ސައިޓުގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފަކު ޑީސަލް ހަމަކުން ތެޔޮ ނަގަން އުޅެނިކޮށް ޑީސަލް ބޮވިގެން ހާލު ދެރަވެ، އައިޖީއެމްއެޗް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

Advertisement

ވެމްކޯގެ މީޑިއާ އޮފިޝަލް ޝުއާއު ހަނީފް ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މުވައްޒަފު ޑީސަލް ހުރި ހަމަކުން އެހެން އެއްޗަކަށް ތެޔޮ އަޅަންވެގެން ހަމަށް ހޮޅި ލައްވައި އަނގަޖަހައި ދަމާލި ވަގުތު ޑީސަލް ބޮވިގެންނެވެ.

"މުވައްޒަފު އަމިއްލައަށް މަސައްކަތް އަވަސްކުރުމުގެ ގޮތުން ހޮޅީގައި އަނގަޖަހާލި ވަގުތު ޑީސަލް އެތެރެއަށް ގޮސްގެން ގެއްލުން ލިބުނީ. ފުރަތަމަ ގއ. ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ހާލު ދެރަވުމާއެކު މާލެ ގެނެސް މިހާރު އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ގެންދަނީ،" ޝުއާއު ވިދާޅުވިއެވެ.

މި މުވައްޒަފަކީ ހދ. ކުޅުދުއްފުށްޓަށް ނިސްބަތްވާ ފަރާތެއްކަމަށް މަޢުލޫމާތު ލިބެއެވެ. ވެމްކޯއިން ވަނީ މުވައްޒަފުގެ ޢާއިލާގެ މެންބަރުންވެސް މާލެ ގެނެސް، ފަރުވާއަށް ހިނގާ ހުރިހާ ޚަރަދެއް ކުންފުނިން ބަލަހައްޓަމުން ގެންދާކަމަށް ޝުއާއު ހާމަކުރެއްވިއެވެ.

"މުވައްޒަފުގެ ހުރިހާ ކަމެއް ވަރަށް ގާތުން ވެމްކޯއިން ބަލަމުން ގެންދަނީ. ޢާއިލާއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއްވެސް ފޯރުކޮށްދެމުން ގެންދަން،" ޝުއާއު ވިދާޅުވިއެވެ.

ވެމްކޯގެ ފަރާތުން އިތުރަށް ބުނާގޮތުގައި، ކުންފުނީގެ ސައިޓުތަކުގައި މަސައްކަތް ކުރުމަށް ކޮންމެހެން ބޭނުންވާ ސަލާމަތީ ސާމާނުތައް އަބަދުވެސް ހުންނާނެއެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވީ މުވައްޒަފު މަސައްކަތް އަވަސްކުރުމަށް އަމިއްލައަށް ކުރި ކަމަކާ ގުޅިގެންނެވެ.

ވެމްކޯއިން ވަނީ މުވައްޒަފުގެ ޞިއްޙީ ހާލަތު ރަނގަޅުވުމަށް އެދި ދުޢާކުރުމަށް އެދިފައެވެ. އަދި ސަލާމަތާއި ރައްކާތެރިކަމުގެ އުޞޫލުތަކާ އެއްގޮތަށް މަސައްކަތްކުރުމުގެ މުހިންމުކަން ހުރިހާ މުވައްޒަފުންނަށްވެސް ހަނދާންކޮށްދީފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved