
ވެމްކޯގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ އުނިކުރަމުންދިޔަ ނަމަވެސް، އެ ފައިސާ ޕެންޝަން އޮފީހަށް ޖަމާނުކުރާތާ 19 މަސް ދުވަސް ވެފައިވާތީ ގދ. ތިނަދޫގައި މަސައްކަތްކުރާ އެ ކުންފުނީގެ މުވައްޒަފުން މިއަދު އިހުތިޖާޖުކޮށްފިއެވެ. މި އިހުތިޖާޖަކީ ޕެންޝަން ފައިސާގެ މައްސަލައިގައި އެދެވޭ ހައްލެއް ނުލިބި ދިގުލައިގެން ދާތީ ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
އިހުތިޖާޖުގައި ބައިވެރިވި ފަރާތްތަކުން ބުނާ ގޮތުގައި މިކަމާ ގުޅިގެން ވެމްކޯގެ ހެޑް އޮފީހާ ސުވާލު ކުރުމުން ކޮންމެ ފަހަރަކު ވެސް ލިބެނީ އެއް ޖަވާބެކެވެ. އެއީ މާލެ ސިޓީ ކައުންސިލުން އެ ކުންފުންޏަށް ލިބެންޖެހޭ 60 މިލިއަން ރުފިޔާ ލިބުމުން ޕެންޝަން ފައިސާ ޖަމާކުރާނެ ކަމުގެ ޖަވާބެވެ
ވެމްކޯއިން ޕެންޝަން ފައިސާ ނުދައްކާ މައްސަލަ ފެންމަތިވީ އާރުޓީއައި އެކްޓިވިސްޓެއް ކަމަށްވާ އަފްރަހު އިސްމާއިލް ހުށަހެޅި ސުވާލަކަށް ޕެންޝަން އޮފީހުން ދިން ޖަވާބާ ގުޅިގެންނެވެ. އެ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ވެމްކޯއިން އެންމެ ފަހުން ޕެންޝަން ފައިސާ ޖަމާކޮށްފައިވަނީ 16 އޮކްޓޫބަރު 2024 ގައެވެ. އޭގެ ފަހުން އެއްވެސް ފައިސާއެއް ޖަމާކޮށްފައެއް ނުވެއެވެ.
މުވައްޒަފުން ބުނާ ގޮތުގައި، ކުންފުނިން ޕެންޝަނަށް ފައިސާ ނުދެއްކި ނަމަވެސް، ކޮންމެ މަހަކު ވެސް މުވައްޒަފުންގެ އަސާސީ މުސާރައިގެ ހަތް ޕަސެންޓު ޕެންޝަން ފައިސާގެ ގޮތުގައި އުނިކުރެއެވެ. ޕެންޝަނާ ބެހޭ ގާނޫނު ބުނާ ގޮތުން، މުވައްޒަފުގެ މުސާރައިން އުނިކުރާ ހަތް ޕަސެންޓާ އެއްވަރުގެ އަދަދެއް ވަޒީފާދޭ ފަރާތުން ވެސް ޕެންޝަން ފަންޑަށް ދައްކަން ލާޒިމުވެއެވެ.
މިދިޔަ ޖެނުއަރީ މަހު ވެސް ވެމްކޯއިން ވަނީ ޕެންޝަން ފައިސާ ޖަމާނުކުރެވޭކަމަށް އެއްބަސްވެފައެވެ. އެ ކުންފުނިން ބުނެފައިވަނީ މިކަން ދިމާވަނީ ކުންފުންޏަށް ލިބެންޖެހޭ ފައިސާ އެކި ފަރާތްތަކުން ނުލިބި ހުރުމުގެ ސަބަބުން ކަމަށެވެ. ވެމްކޯއަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ގެންގުޅޭ އެއް ކުންފުންޏަށް ވާއިރު، ކުނި އުކުމުގެ ހިދުމަތަށް ފައިސާ ނުލިބޭ މައްސަލަ ހައްލުކުރުމަށް 2023 ވަނަ އަހަރުން ފެށިގެން މާލެ ސަރަހައްދުގެ ކުނި ބިލު ވަނީ ކަރަންޓު ބިލާ އެއްކޮށްލާފައެވެ.
ޕެންޝަން ފައިސާ ނުދައްކާ އޮތް ކުންފުނިތަކުގެ ތެރޭގައި ވެމްކޯގެ އިތުރުން ބީސީސީ ވެސް ހިމެނޭކަން ޕެންޝަން އޮފީހުގެ މައުލޫމާތުތަކުން އެނގެއެވެ. ނަމަވެސް ވެމްކޯގެ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަނީ ގާނޫނީ ގޮތުން ލާޒިމުކުރާ މި ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވުމުން މުސްތަގުބަލުގައި ލިބިދާނެ ގެއްލުންތަކާ މެދުގައެވެ.










